Roadha Mihaaru
އަމިއްލައަށް މަރުވާނަމޭ ބުނެ ރައުދާ ސަމާސާކުރި: ކޮލެޖް

އަމިއްލައަށް މަރުވާނަމޭ ބުނެ ރައުދާ ސަމާސާކުރި: ކޮލެޖް

12 އެޕްރީލް 2017

ބަންގްލާދޭޝްގައި މަރުވި ދިވެހި މޮޑެލް ރައުދާ އާތިފް، މަރުވުމުގެ ތިން ހަފުތާއެއްހާ ދުވަސް ކުރިން، އަމިއްލައަށް މަރުވާނަމޭ ބުނެ ރައްޓެއްސަކާ ސަމާސާކޮށްފައިވާ ކަމަށް ރައުދާގެ ކޮލެޖުން ކުރި ތަހުގީގާ ހަވާލާދީ ބަންގްލާދޭޝްގެ ޑެއިލީ ސްޓާ ނޫހުން ބުނެފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ބަންގްލާދޭޝްގައި މަރުވި ދިވެހި މޮޑެލް ރައުދާ އާތިފް، މަރުވުމުގެ ތިން ހަފުތާއެއްހާ ދުވަސް ކުރިން، އަމިއްލައަށް މަރުވާނަމޭ ބުނެ ރައްޓެއްސަކާ ސަމާސާކޮށްފައިވާ ކަމަށް ރައުދާގެ ކޮލެޖުން ކުރި ތަހުގީގާ ހަވާލާދީ ބަންގްލާދޭޝްގެ ޑެއިލީ ސްޓާ ނޫހުން ބުނެފި އެވެ.

ޑެއިލީ ސްޓާއިން ބުނީ ރައުދާ ކިޔަވަން ހުރި އިސްލާމީ ބޭންކް މެޑިކަލް ކޮލެޖުން ހިންގި ތަހުގީގަށް ފަހު އެކުލަވާލި ރިޕޯޓްގެ ކޮޕީއެއް އެ ނޫހަށް ލިބިފައިވާ ކަމަށެވެ. އެ ރިޕޯޓްގައި ނިންމާފައި ވަނީ ރައުދާ އަމިއްލައަށް މަރުވީ ކަމަށެވެ. ނަމަވެސް ރައުދާގެ ބައްޕަ މުހައްމަދު އާތިފް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންނާއި ކޮލެޖުން އުޅެނީ ރައުދާ އަމިއްލައަށް މަރުވީ ކަމަށް ދައްކަން ކަމަށާއި އެކަމަކު ދަރިފުޅު އޮތީ މަރާލާފައި ކަމަށެވެ.

"ރައުދާ އަަމިއްލައަށް މަރުވުމުގެ ތިން ހަފުތާއެއްހާ ކުރިން، އޭނާ ވަނީ އަމިއްލައަށް މަރުވާނެ ކަމަށް ބުނެ އޭނާގެ އެކުވެރިޔަކާ ސަމާސާކޮށް މެސެޖެއް ފޮނުވާފައި،" ކޮލެޖުގެ ތަހުގީގު ކޮމިޓީގައި އިސްކޮށް ހުންނެވި، ވައިސް ޕްރިންސިޕަލް ޕްރޮފެސަރު އެމްއޭ މުކީތު ސަރްކާރް ވިދާޅުވި އެވެ.

ކޮމިޓީގެ ރިޕޯޓް އިއްޔެ ވަނީ ކޮލެޖްގެ ޕްރިންސިޕަލަށް ހުށަހަަޅައިފަ އެވެ.

މާޗް 29 ވަނަ ދުވަހު ރައުދާ އޭނާގެ ކޮޓަރީގައި ދަންޖެހިފައި ހުއްޓާ ފެނުނަސް ރައުދާ އަމިއްލަ އަށް މަރުވީ ނޫން ކަމަށާއި މީހަކު ނުވަތަ ބަަޔަކު އޭނާ މަރާލުމަށް ފަހު ދަންޖެހުނު ކަމަށް ދައްޖަން މަސައްކަތްކޮށްފައިވާ ކަމަށް އާއިލާއިން އަންނަނީ ތުހުމަތުކުރަމުންނެވެ. އެކަމަކު ރައުދާގެ އޮޓޮޕްސީ ރިޕޯޓްގައި ވެސް ބުނެފައި ވަނީ އޭނާ ދަންޖެހިގެން މަރުވީ ކަމަށެވެ.

ރައުދާ އާތިފް

ރައުދާ އާތިފް

ކޮލެޖުން ކުރި ތަހުގީގުގައި އެތަނުގެ މުވައްޒަފުންނާއި ދަރިވަރުންގެ ތެރެއިން 19 މީހެއްގެ ބަޔާން ނަގާފައިވެ އެވެ.

އަމިއްލައަށް މަރުވާނަމޭ ބުނެ ރައުދާ މީގެ ދުވަސްކޮޅެއް ކުރިން މެސެޖެއް ފޮނުވީ އޭނާގެ ކްލާހުގައި އުޅޭ ސަންޖީވް ބިސްތާ އަށް ކަމަށް ރިޕޯޓްގައިވެ އެވެ. އެ ދަރިވަރު ބުނެފައި ވަނީ މާޗް 9 ގައި އެ މެސެޖް ފޮނުވީ އިމްތިހާނު އަންނާތީ އެކަމާ ގުޅުވައިގެން ކަމަށެވެ. އިމްތިހާނުގެ ކުރިން އަމިއްލައަށް މަރުވާނަމޭ ބުނެ ކުރި މެސެޖަކީ ސަމާސާއެއް ކަމަށް ރައުދާ ފަހުން ބުނި ކަމަށް ސަންޖީވްގެ ބަޔާނުގައިވެ އެވެ.

"ރައުދާ އަމިއްލައަށް މަރުވެއްޖޭ ބުނުމުން އަހަރެން ފުރަތަމަ ހީކުރީ އެއީ ސަމާސާއެއް ކަމަށް. އެއީ އެކަހަލަ ކުއްޖަކު އަމިއްލައަށް މަރުވާނެ ކަމަށް އަހަންނަށް ގަބޫލުނުކުރެވުނީ،" ސަންޖީވް ބުނެފައިވެ އެވެ.

ރިޕޯޓާ ހަވާލާދީ ނޫހުގައި ބުނެފައި ވަނީ ރައުދާ މަރުވެފައި ހުއްޓާ ފެނުނު ކޮޓަރީގައި އުޅެނީ އޭނާ އެކަނި ކަމަށެވެ. އަދި މަރުވެފައި ހުއްޓާ އެތަނަށް ދަރިވަރުންނާއި އެހެން މީހުންނަށް ވަދެވުނީ، ދޮރުގައި ތަޅަން ފެށުމުން، ދޮރުގެ ދިގަށްވާ ގޮތަށް މަތީގައި އަޅުވާފައި އިން ތަންޑު ނެއްޓުމުން ކަމަށް ބުނެފައިވެ އެވެ. ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ރައުދާ ދަންޖެހިފައި ހުއްޓާ، ކަރުގައި ބައްދާފައިވާ ސްކާފް ކަނޑާލައި އޭނާ އެނދުމަތީގައި ބޭއްވީ އިންޝާ ޗިސްތީ ކިޔާ ދަރިވަރެކެވެ.

އިންޝާގެ ބަޔާނުގައި ބުނި ގޮތުގައި ރައުދާ ދަންޖެހިފައި ހުރީ ސްކާފެއް ސީލިންގް ފަންކާގައި އައްސައިގެންނެވެ. އެންމެ ފުރަތަމަ އުޅުނީ ރައުދާގެ ކަރުގައި ބައްދާފައިވާ މަޅީގެ ގޮށް މޮހާލަން ކަމަށާއި އެކަމަކު އެހެން މީހަކު ދިއްކޮށްލި ވަޅިއަކުން ސްކާފް ބުރިކޮށްލައި އެނދުމަތީގައި ރައުދާ ބޭއްވީ ކަމަށް އިންޝާ ބުނެފައިވެ އެވެ.

"ކޮންމެވެސް މީހަކު އަހަރެންގެ އަތަށް ވަޅިއެއް ދިން. އެ ވަޅިން ސްކާފް ބުރިކޮށްލުމަށް ފަހު އެނދުމަތީ ރައުދާ ބޭއްވީ އޭރު އޭނާގެ ފުރާނަ ވެސް ހުރެދާނެ ކަމަށް ބަލައިގެން،" އިންޝާ ދިން ބަޔާނުގައިވެ އެވެ.

ޕްރޮފެސަރު މުކްތީގެ އިތުރުން ތަހުގީގު ކޮމިޓީގައި، ރައުދާގެ އޮޓޮޕްސީ ހެދި ޓީމުގައި ވެސް ހިމެނުނު ޕްރޮފެސަރު އެމް އިމްދާދުރް ރަހްމާން އާއި ކޮލެޖްގެ އަންހެން ދަރިވަރުންގެ ޑޮމިޓަރީގެ ވެރިޔަކަށް ހުންނަވާ ޑރ. ލައިލާ އަޚްތަރު ހިމެނެ އެވެ. މީގެ އިތުރުން ވެސް އެހެން ދެ ބޭފުޅަކު ވެސް ކޮމިޓީގައި ހިމަނާފައިވެ އެވެ.

ޕްރޮފެސަރު މުކީތު ވިދާޅުވީ ތަހުގީގު ރިޕޯޓް ފުލުހުންނާއި އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް ފޮނުވާނެ ކަމަށެވެ.

ލޯބިވެރިޔާ ދެކެ ހިތްހަމަނުޖެހިގެން ރައުދާ ކޮށްފައި ހުރި މެސެޖްތަކެއް އޭނާގެ ފޯނުން ފެނިފައިވާ ކަމަށް ބަންގްލާދޭޝް ފުލުހުން ކުރިން ބުނެފައިވެ އެވެ.

ބަންގްލާދޭޝްގެ ޑިޓެކްޓިވް ބްރާންޗުގެ އޮފިޝަލަކު ޑެއިލީ ސްޓާ ނޫހަށް ވިދާޅުވެފައި ވަނީ ރައުދާގެ މަރާ ގުޅިގެން ބަންގްލާދޭޝް އަށް ދިޔަ ދިވެހި ފުލުހުން ރައުދާގެ ފޯނު ހުޅުވައިގެން ބެލި އިރު މާޗް 28 ވަނަ ދުވަހުގެ ރޭ ވަޓްސްއެޕުން ލޯބިވެރިޔާއާ ވަރަށް ގިނައިރު ޗެޓްކޮށްފައި ހުރި ކަމާއި ވާހަކަ ދައްކާފައި ވަނީ ލޯބިވެރިޔާގެ އަމަލުތައް ހުރި ގޮތުން ވަރަށް ރުޅިއައިސްގެންކަން އެނގޭ ކަމަށެވެ.