Roadha Mihaaru

ތޫފާނުގައި ލަންކާއިން މަރުވި މީހުންގެ އަދަދު 330 އިން މައްޗަށް

ތޫފާން ދީތުވާގެ ސަބަބުން ސްރީ ލަންކާއަށް ކުރި ގަދަ ވިއްސާރައިގެ ސަބަބުން ކުރިމަތިވި އެކި ހާދިސާތަކުގައި އެ ގައުމުގެ މަރުވި މީހުންގެ އަދަދު މަދުވެގެން 330 އަށް އަރާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) މިއަދު ބުނެފި އެވެ.

ލަންކާއިން މަރުވި މީހުންގެ އަދަދު 330 އިން މައްޗަށް

ތޫފާން ދީތުވާގެ ސަބަބުން ސްރީ ލަންކާއަށް ކުރި ގަދަ ވިއްސާރައިގެ ސަބަބުން ކުރިމަތިވި އެކި ހާދިސާތަކުގައި އެ ގައުމުގެ މަރުވި މީހުންގެ އަދަދު މަދުވެގެން 330 އަށް އަރާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) މިއަދު ބުނެފި އެވެ.

އޮފިޝަލުން ވިދާޅުވީ ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރި ސަރަހައްދަށް ވެފައިވާ ގެއްލުންތައް ރަނގަޅަށް އަދި އެނގެން ފެށީ ފެން ބޮޑުވުމާއި ކިސަޑު ފޭބުމުގެ ސަބަބުން ބަންދުވެފައިވާ މަގުތަކުން ދަތުރުކުރެވޭ ވަރު ވުމުން ކަމަށެވެ.

ހަފްތާއެއް ވަންދެން ލަންކާއަށް ކުރި ވިއްސާރާގައި މަދުވެގެން 330 މީހުން މަރުވިކަން މިހާތަނަށް ކަށަވަރުވެފައި ވާއިރު އަދި މިއަށްވުރެ ގިނަ މީހުން ވަނީ ގެއްލިފަ އެވެ.

ލަންކާއާ ދުރަށް ތޫފާނު ދިއުމާ އެކު އުޑުމަތި ކުޑަކޮށް އަލިވެފައި ވިޔަސް ބޯކޮށް ވެހުނު ވާރޭން އުސް ހިސާބުތަކުން ފައިބަމުންދާ ފެނުން ކެލާނީ ރިވަ ފުރި ބަންޑުންވަމުން ދާތީ ކޮލަމްބޯގެ އުތުރުގެ ބައެއް ހިސާބުތަކުގައި މިއަދު ވަނީ ފެން ބޮޑުވެފަ އެވެ. އެހެންވެ ބައެއް ހިސާބުތަކުން މީހުން ހުސްކުރަން ވެސް ޖެހުނެވެ.

އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާއިން ސްރީ ލަންކާއަށް ހެލިކޮޕްޓަރު ފޮނުވައި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު މިއަދު 24 މީހަކު ސަލާމަތްކޮށްފައިވެ އެވެ. ޕާކިސްތާނުގެ ވައިގެ ސިފައިން ވެސް ލަންކާއަށް ގޮސް އެހީތެރިވާން ފަށާނެ ކަމަށް ބުނެފައި ވާއިރު ޖަޕާނުން ވެސް ލަންކާއަށް މި ވަގުތަށް ބޭނުންވާ މުހިންމު ކަންކަން ދެނެގަތުމަށް ޓީމެއް ފޮނުވަން ވަނީ ނިންމައިފަ އެވެ.

ލަންކާއަށް ފަހުގެ ތާރީހެއްގައި ކުރިމަތިވި ގުދުރަތީ އެންމެ ބޮޑު ކާރިސާގައި 25،000 އަށް ވުރެ ގިނަ ގެދޮރު ހަލާކުވެ، 147،000 އަށް ވުރެ ގިނަ މީހުން ވަނީ ވަގުތީ ހިޔާތަކަށް ދާން މަޖުބޫރުވެފަ އެވެ. ޑީއެމްސީން ބުނީ ބައި މިލިއަން މީހުންނަށް އެކި އެހީތެރިކަން ބޭނުންވެފައިވާ ކަމަށެވެ.

މިއީ ލަންކާއަށް 2004 ގެ ސުނާމީއަށް ފަހު އެންމެ ބޮޑު ގެއްލުމެއްވި އަދި އަދި އެންމެ ގިނަ މީހުން މަރުވި ގުދުރަތީ ކާރިސާއަށް މިހާރު ވަނީ ވެފަ އެވެ.

ލަންކާއަށް އެރި މި ތޫފާނަކީ 2017 ވަނަ އަހަރު އެ ގައުމުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން 200 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ހާސް ބަޔަކު ގެދޮރު ގެއްލުނު ފަހުން ކުރިމަތިވި އެންމެ ނުރައްކާތެރި މިފަދަ ކާރިސާ އެވެ. ޖޫން 2003 ގައި ވެސް ވަނީ ހަމަ މިފަދަ ހާދިސާތަކެއްގައި 254 މީހަކު މަރުވެފަ އެވެ.