Roadha Mihaaru
މަޖިލިސް "ހަމައިން ނެއްޓިފައިވާ" މައްސަލަ އައިޕީޔޫއަށް

މަޖިލިސް "ހަމައިން ނެއްޓިފައިވާ" މައްސަލަ އައިޕީޔޫ އަށް

05 އެޕްރީލް 2017

ގާނޫނާއި އިޖުރާއަތުތަކާ ހިލާފުވެ ރައްޔިތުންގެ މަޖިލިސް "ހަމައިން ނެއްޓިފައިވާ" ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އިންޓަޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) އަށް މައްސަލަ ހުށަހަޅައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ގާނޫނާއި އިޖުރާއަތުތަކާ ހިލާފުވެ ރައްޔިތުންގެ މަޖިލިސް "ހަމައިން ނެއްޓިފައިވާ" ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އިންޓަޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) އަށް މައްސަލަ ހުށަހަޅައިފި އެވެ.

ޖުމްހޫރީ ޕާޓީން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ޕާޓީގެ ކައުންސިލް މެމްބަރު އަދި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަހްމަދު އާސިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި، ގަވާއިދާ ހިލާފަށް ވޯޓު ނެގުމާއި އެ ވޯޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ބިރުދައްކާ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އެ ވޯޓު ކުރިއަށް ގެންގޮސްފައި ވަނީ ޑިމޮކްރަސީގެ ހަމަތަކާއި ގާނޫނީ ހުދޫދުތަކުން ބޭރުން ކަމަށް ވެސް އާސިމް ވިދާޅުވި އެވެ.

"އެކަމަކު ވެސް އެއީ ސައްހަ ވޯޓެއް ކަމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން އެ ވަނީ ނިންމާފައި. އެއީ އިދިކޮޅު ފަރާތްތަކަށް ލިބޭ ކާމިޔާބީއެއް،" އާސިމް ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ރައީސް އަލީ ޒާހިރު ވިދާޅުވީ ޑިމޮކްރަސީ އާއި ގާނޫނުތަކުން ބޭރުވެ ސަރާކާރުން ހިންގަމުންދާ ހުރިހާ ކަންކަމެއް އިދިކޮޅު ފަރާތްތަކުން އަންނަނީ ރާއްޖެއާ އެކު ގުޅުން ގާއިމްކޮށްފައިވާ ބައިނަލްއަގުވާމީ ފަރާތްތަކާ ހިއްސާ ކުރަމުން ކަމަށެވެ. އެންމެ ފަހުން މަޖިލީހުގައި ވޯޓު ނެގި ގޮތާއި ކުރިއަށް އޮތް ވޯޓުތަކާ ގުޅިގެން މެމްބަރުންނަށް ބިރުދެއްކައި އިންޒާރު ދީ، ފުލުސް އޮފީހަށް ހާޒިރުކުރަމުންދާ ކަން ވެސް ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަމަށް ގެންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ޒާހިރު ވިދާޅުވި ގޮތުގައި މި މައްސަލަތައް ރާއްޖޭގެ މިނިވަން މުއައްސަސާއަކަށް ހުށަހެޅިޔަސް މިނިވަންކަމާ އެކު ބަލައި ފިޔަވަޅު އަޅާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތެވެ. މިނިވަން މުއައްސަސާތަކަކީ ވަކި ފަރާތެއްގެ ނުފޫޒުގެ ދަށުގައި ފިތިފައި ތިބި ބަޔަކަށް ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވަކި ފަރާތެއް ދެކެ ބިރުން އަޅުންގެ ގޮތުގައި މަސައްކަތް ކުރާ ތަން މި ފެންނަނީ. އެހެންވީމަ، ބައިނަލްއަގުވާމީ އެހީ ހޯދަން ޖެހެނީ އެ ނޫން ގޮތެއް ނެތިގެން،" އަލީ ޒާހިރު ވިދާޅުވި އެވެ.

ދިވެހިންގެ މައްސަލަތައް ހައްލު ކުރާނީ ދިވެހިން ކަމަށާއި ބޭރުގެ ފަރާތްތަކާ އެ ވާހަކަ ހިއްސާ ކުރުމަކީ ހުތުރު ކަމެއް ކަމަށް ސަރުކާރުން ބުނަނީ، ރައީސުލްޖުމްހޫރިއްޔާގެ "ދިގު އަތް" ހުރިހާ މުއައްސަސާތަކަށް ފޯރުއްވާފައިވާ ކަން ކަށަވަރުކުރުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަލީ ޒާހިރު ވިދާޅުވީ ގާނޫނުތަކާ ހިލާފުވެ، ބާރު ދައްކައިގެން ސަރުކާރުން ކުރާ ކަންކަން ފޮރުވަން ރައީސް އޮފީހުން ބަޔާނެއް ނެރުނަސް ބައިނަލްއަގުވާމީ މުޖުތަމައުން އެކަން ބަލައެއް ނުގަނެވޭ ކަމަށެވެ. އެއަށް ވުރެ، ބޮޑަށް ރާއްޖޭގައި ކަންކަން ހިނގާ ގޮތް ބަލައި މޮނިޓާކުރާ ކަމަށާއި އެކަމާ ހެދި ސަރުކާރު ހަމަމަގަށް ރުޖޫއަވާން މަޖުބޫރުވާ މަންޒަރު ފެނިގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.