Roadha Mihaaru
ޔާމީން ރަޝީދު މަރާލައިފި، 14 ތަނަކަށް ވަޅިހަރާފައިވޭ

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލާފައި އޮއްވައި ފެނިއްޖެ

23 އެޕްރީލް 2017

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ ޔާމީން ރަޝީދު މަރާލާފައި އޮއްވައި ރޭ ދަންވަރު ފެނިއްޖެ އެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ ޔާމީން ރަޝީދު މަރާލާފައި އޮއްވައި ރޭ ދަންވަރު ފެނިއްޖެ އެވެ.

ސ. ފޭދޫ ޗަނބޭލީގޭ ޔާމީން 29، މަރާލާފައި އޮއްވައި ފެނުނީ މާފަންނު ބިސްބުރު ކައިރީގައި ހުންނަ އޭނާ ދިރިއުޅޭ ގޭގެ ސިޑިގޮޅި ތެރެއިންނެވެ. އޭނާގެ ހަށިގަނޑުގެ 14 ތަނަކަށް ވަޅި ހަރާފައިވާ ކަމަށް ވަނީ އެނގިފަ އެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ވަޒީފާ އަދާކުރާ ޔާމީން ވަރަށް ދަންވަންދެން މަސައްކަތުގައި އުޅުމަށް ފަހު ރޭ ގެޔަށް ދިޔައީ ހިނގާފައި ކަމަށް އޭނާގެ ގާތް ބައެއް މީހުން ބުންޏެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު ރޭ މަރާލާފައި އޮތް ސަރަހައްދު މިއަދު ފުލުހުން ބަންދުކޮށްފައި.- ފޮޓޯ: ހުސެން ވަހީދު/ މިހާރު

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު ރޭ މަރާލާފައި އޮތް ސަރަހައްދު މިއަދު ފުލުހުން ބަންދުކޮށްފައި.- ފޮޓޯ: ހުސެން ވަހީދު/ މިހާރު

ފުލުހުން ބުނިގޮތުގައި ޔާމީން މަރާލާފައި ވަނީ "ގަސްދުގައި ތޫނު ހަތިޔާރުން ހަމަލަދީ" އެވެ.

ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނު ޔާމީން ރަޝީދު

ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނު ޔާމީން ރަޝީދު

"މައްސަލައިގެ ތަހުގީގު ފުލުހުންގެ ސީރިއަސް އެންޑް އޮނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ ކުރަމުން،" ފުލުހުން ކުރި ޓްވީޓެއްގައި ވެ އެވެ.

ސަރުކާރުގެ އެކި ސިޔާސަތުތަކަށް އަދި އިޖުތިމާއީ ތަފާތު ކަންކަމަށް ސޯޝަލް މީޑިއާގައި ފާޑުކިޔަމުން އައި ޔާމީން އަށް ހަމަލާދީ މަރާލާފައި މިވަނީ، މަރުގެ އެކި އިންޒާރުތަކާ ގުޅިގެން އެކަން ބަލައިދޭން ރަސްމީކޮށް ފުލުހުންނަށް ހުށަހަޅާފައި އޮއްވައިކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.

ޔާމީނަކީ، މީގެ ދެ އަހަރު ކުރިން ވަގަށް ނަގާފައިވާ، މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނޭ މީހެކެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު ރޭ މަރާލާފައި އޮތް ސަރަހައްދު މިއަދު ފުލުހުން ބަންދުކޮށްފައި.- ފޮޓޯ: ހުސެން ވަހީދު/ މިހާރު

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު ރޭ މަރާލާފައި އޮތް ސަރަހައްދު މިއަދު ފުލުހުން ބަންދުކޮށްފައި.- ފޮޓޯ: ހުސެން ވަހީދު/ މިހާރު

ވަރަށް ގިނަ ދުވަހު އިންޑިއާގައި ދިރިއުޅެ، ތައުލީމް ހާސިލްކޮށްފައިވާ ޔާމީން ގެންދަނީ "ދަ ޑެއިލީ ޕެނިކް" ގެ ނަމުގައި ބްލޮގެއް، އިނގިރޭސި ބަހުން ލިޔަމުންނެވެ. ރާއްޖޭގެ އެކި މައްސަލަތަކާ ބެހޭ ގޮތުން އޭގައި އޭނާ ލި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެން ވިދާޅުވީ އިންސާފު ހޯދަން އެންމެ ހަނގުރާމަ ކުރަން ޖެހޭ ކަމަށެވެ. އަދި ޔާމީން ރަޝީދަށް ވެސް އިންސާފު ލިބެން ޖެހޭނެ ކަމަށް އޭނާ ލިއުއްވި އެވެ.

ޔާމީންގެ މި މަރާ ގުޅިގެން އެކި މީހުން ވަރަށް ބޮޑަށް ގެންދަނީ ކަންބޮޑުވުން ފާޅުކޮށް، ރައްޔިތުންނަށް އޮތް ރަައްކާތެރިކަމާ ބެހޭ ގޮތުން ސުވާލުކުރަމުންނެވެ. މި މަރާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރެއްވި ޓްވީޓެއްގައި މި އަނިޔާވެރި އަމަލު ކުށްވެރިކުރައްވާފައިވެ އެވެ. އަދި އިންސާފު ގާއިމުކުރުމަށް ގޮވާލައްވާފައިވެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ޓްވިޓާގައި ވިދާޅުވީ އަޑު އުފުލުމުގައި ހިތްވަރުގަދަ މީހެއް ކަމަށާއި މި މައްސަލާގައި އިންސާފު ހޯދައިދެވޭނީ ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީއާ އެކު ކުރިއަށް ގެންދާ އިންސާފުވެރި ތަހުގީގަކުން ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ވަހީދު ވެސް ވަނީ ޔާމީންގެ މަރާ ގުޅިގެން ހިތާމަ ފާޅުކުރައްވައި، މި މައްސަލަ މިނިވަންކަމާ އެކު ތަހުގީގުކުރުމަށް ގޮވާލައްވައިފަ އެވެ.