Roadha Mihaaru
ޔާމީންގެ އާއިލާ އިން ހުށަހެޅި ސިޓީތައް ބަލައެއްނުގަތް!

ޔާމީންގެ އާއިލާ އިން ހުށަހެޅި ސިޓީތައް ފުލުހުން ބަލައެއް ނުގަތް!

02 މެއި 2017

ހަށިގަނޑު އެކި ތަންތަނަށް ހަމަލާ ދީ މަރާލާފައި އޮއްވާ ފެނުނު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ މިނިވަންކަމާ އެކު ވީހާވެސް އަވަހަށް ތަހުގީގުކޮށްދޭން އެދި އާއިލާ އިން ފުލުސް އޮފީހަށް މިއަދު ހުށަހެޅި 800 އަށް ވުރެ ގިނަ ސިޓީ ބަލައިނުގަނެ، އަނބުރާ ރައްދުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހަށިގަނޑު އެކި ތަންތަނަށް ހަމަލާ ދީ މަރާލާފައި އޮއްވާ ފެނުނު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ މިނިވަންކަމާ އެކު ވީހާވެސް އަވަހަށް ތަހުގީގުކޮށްދޭން އެދި އާއިލާ އިން ފުލުސް އޮފީހަށް މިއަދު ހުށަހެޅި 800 އަށް ވުރެ ގިނަ ސިޓީ ބަލައިނުގަނެ، އަނބުރާ ރައްދުކޮށްފި އެވެ.

ޔާމީންގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ ޔާމީނަށް އިންސާފު ހޯދައިދޭން އެދި އާއިލާ އާއި ހެޔޮއެދޭ މީހުން ހުށަހެޅި ސިޓީތަކާ ހަވާލުވުމަށް ފަހު، އެ ސިޓީތައް ބަލާ އައުމަށް އޭނާގެ ބައްޕަ ހުސެއިން ރަޝީދަށް ފުލުހުން އެންގި ކަމަށެވެ. ފުލުހުންގެ އެދުމުގެ މަތިން ފުލުސް އޮފީހަށް އޭނާ ދިއުމުން، ސިޓީތައް ހަވާލުކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ފުލުހުން ބުނީ އެ މީހެއްގެ ސިޓީ ހުށަހަޅަން ޖެހެނީ އެ މީހަކު އަމިއްލަ އަށް ކަމަށް. އެތައް ބައެއްގެ ސިޓީ އެގޮތަށް އެކަކަށް ހުށަނޭޅޭނެ ކަމަށް،" އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވިދާޅުވީ ރަސްމީ އިދާރާތަކަށް ސިޓީ ހުށަހަޅަން ޖެހޭ ހަމަތަކަކާއި އުސޫލްތަކެއް ކަނޑައަޅާފައި އޮންނަ ކަމަށެވެ. އެއާ ހިލާފަށް، ހިނގަމުންދާ ކަންތައްތަކެއްގެ "މޯޓިވް" ބަދަލުވާނެހެން ކަންކަން ކުރުމަކީ އެ މުއައްސަސާ އިން ހިތާމަކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޔާމީން ރަޝީދު އާއިލާއިން ސިިޓީތަށް ހުށަހެޅުމަށް މިއަދު ފުލުސް އޮފީހަށް ވަންނަނީ.-- ފޮޓޯ: ހުސެން ވަހީދު/ މިހާރު

ޔާމީން ރަޝީދު އާއިލާއިން ސިިޓީތަށް ހުށަހެޅުމަށް މިއަދު ފުލުސް އޮފީހަށް ވަންނަނީ.-- ފޮޓޯ: ހުސެން ވަހީދު/ މިހާރު

ޝިފާން ވިދާޅުވީ ޔާމީންގެ އާއިލާ އާއި ހެޔޮއެދޭ ފަރާތްތަކުން ހުށަހެޅި އުދާސްތަކެއް ފުލުހުން ބަލައިނުގަތީ ނޫން ކަމަށާއި އެ އޮންނަ އުސޫލުން ސިޓީތައް ހުށަހަޅަން އެދިފައިވާނެ ކަމަށެވެ.

"އެއްވެސް ހާލެއްގައި ޔާމީންގެ އާއިލާ އާއި ރައްޓެހިން އަދި ހެޔޮއެދޭ ފަރާތްތަކުން ހުށަހެޅި ސިޓީތަކެއް ރިޖެކްޓްކުރީކީއެއް ނޫން. ރަސްމީ ހަމަތަކާއި އުސޫލްތަކާ އެއްގޮތަށް ހުށަހަޅަން އެދިފައި ވާނީ،" އޭނާ ވިދާޅުވި އެވެ.

ފުލުހުންނާ ސިޓީތައް ހަވާލުކުރުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޔާމީންގެ ބައްޕަ ބުނީ އާއިލާ އިން ބޭނުންވަނީ ޔާމީންގެ މަރުގެ މައްސަލާގައި ވީހާވެސް އަވަހަށް އިންސާފު ގާއިމްވާން ކަމަށެވެ. ޔާމީންގެ މަރުގެ ތަހުގީގު އަވަސްކޮށްދިނުމުގެ އިތުރުން އެ ތަހުގީގު މިނިވަންކަމާ އެކު ކުރިއަށް ގެންދަން ބޭރުގެ އިންވެސްޓިގޭޓަރުން ބައިވެރިކުރަން އެދިފައިވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ޔާމީނަށް މަރުގެ އިންޒާރުތައް ދިނުމަށް ފަހު، މަރާލާފައި އޮތީ އޭނާ ދިރިއުޅޭ ސްޕެޓިއުލާ ގޭގެ ސިޑި ކައިރީގަ އެވެ. އޭނާގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ދެނެވިއްޖެ ކަމަށް ފުލުހުން އާއްމުކުރިތާ ހަފުތާއެއްހާ ދުވަސް ފަހުން އިއްޔެ ވަނީ އެ މައްސަލާގައި މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އެ މީހާ ތަހުގީގަށް 15 ދުވަހު ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރު ދީފަ އެވެ.

ޔާމީން މަރާލުން ކުށްވެރިކޮށް، އޭނާގެ މަރުގެ ތަހުގީގު މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދަން ބޭރު ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވެސް އަންނަނީ ގޮވާލަމުންނެވެ.