Roadha Mihaaru
ޔާމީންގެ ތަހުގީގަށް އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ

ޔާމީންގެ މަރުގެ ތަހުގީގުގައި އިންޑިއާގެ އެހީތެރިކަމަށް އާއިލާ އިން އެދިއްޖެ

22 މެއި 2017

އަނިޔާވެރިކޮށް މަރާލި ޔާމީން ރަޝީދުގެ މަރުގެ ތަހުގީގަށް އިންޑިއާގެ އެހީތެރިކަން ފޯރުކޮށް ދިނުމަށް އެދި އެ ގައުމުގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުގެ ކިބައިން ޔާމީންގެ އާއިލާ އިން އެދިއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަނިޔާވެރިކޮށް މަރާލި ޔާމީން ރަޝީދުގެ މަރުގެ ތަހުގީގަށް އިންޑިއާގެ އެހީތެރިކަން ފޯރުކޮށް ދިނުމަށް އެދި އެ ގައުމުގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުގެ ކިބައިން ޔާމީންގެ އާއިލާ އިން އެދިއްޖެ އެވެ.

ތޫނު އެއްޗެހިން ހަމަލާދީ ޔާމީން މަރާލި މައްސަލައާ ގުޅިގެން އޭނާގެ އާއިލާ އިން އިންޑިއާގެ އެކި ޖަމާއަތްތަކާ ބައްދަލު ކުރުމަށް ފަހު، އެ އާއިލާ އިން ނެރުނު ބަޔާނެއްގައި ވަނީ ކަން ހިނގާފައިވާ ގޮތުން ދިވެހި ފުލުހުންނަށް އިތުބާރު ކުރަން ދަތި ކަމަށެވެ. ޔާމީން މަރައިލީ އޭނާ އަށް އިންޒާރުތަކެއް ކުރިން ދިނުމަށް ފަހު ކަމަށްވާއިރު އެކަން ހުއްޓުވާފައި ނެތް ކަމަށާއި އެހެންވެ ދިވެހި ފުލުހުންގެ މަސައްކަތާ މެދު އިތުބާރު ކުރަން ދަތި ކަމަށް އެ ބަޔާނުގައިވެ އެވެ.

"އެހެންކަމުން މިހާރު ދިވެހި ފުލުހުން ކުރިއަށް ގެންދަވާ އިންވެސްޓިގޭޝަންސްތަކުގައި އިންޑިއާ އިން ވެސް އެހީތެރިކަން ފޯރުކޮށްދީ ބައިވެރިވުމަށް އަޅުގަނޑު އެދުނީމެވެ،" މިދިޔަ ބުރާސްފަތިދުވަހުން ފެށިގެން މިދިޔަ ހޮނިހިރުދުވަހުގެ ނިޔަލަށް އިންޑިއާގެ ނިއު ދިއްލީގައި އެކި ފަރާތްތަކާ އެކު ބޭއްވި ބައްދަލުވުންތަކަށް ފަހު ނެރުނު ބަޔާނުގައިވެ އެވެ.

އޭގައިވާ ގޮތުން ޔާމީން މަރައިލިތާ އެއް މަސް ފާއިތުވެގެން ދާއިރު، އެކަން ކުރި ބަޔަކާއި އެކަން ކުރި ސަބަބު ފުލުހުން ހާމަ ނުކުރާތީ އާއިލާ އިން ކަންބޮޑުވެ އެވެ. އެކަމުގައި ދިވެހި ފުލުހުންގެ ފަރާތުން އެދެވޭ ޖަވާބެއް ބޭނުންވާ ކަމަށާއި އެކަން ކުރި ބަޔަކާއި ރާވައި، ޚަރަދުކުރި ބަޔަކު ހޯދެން ޖެހޭނެ ކަމަށް ދެކޭ ކަމަށް ޔާމީންގެ އާއިލާ އިން ބުނެ އެވެ.

ޔާމީންގެ މަރުގެ ތަހުގީގު ފުލުހުން ކުރަމުންދާއިރު އެ ތަހުގީގުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށާއި އެކަންކުރި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ފުލުހުން ކުރިން ވަނީ ދީފަ އެވެ. އެ މައްސަލާގައި ހަތް މީހަކު ހައްޔަރު ކޮށްފައިވާއިރު، އޭގެ ތެރޭގައި ޔާމީނަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ވެސް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.