Roadha Mihaaru
"ޔާމީނަކީ މުހިއްމު، އެންމެން ލޯބިވާ މުވައްޒަފެއް"

ޔާމީނަކީ ކުންފުންޏަށް މުހިއްމު، އެންމެން ލޯބިވާ މުވައްޒަފެއް: ސްޓޮކް އެކްސްޗޭންޖް

23 އެޕްރީލް 2017

ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީ މަރާލާފައި އޮއްވާ ފެނުނު ޔާމީން ރަޝީދަކީ ކުންފުނީގެ މުހިއްމު މަސައްކަތްތައް ކުރާ، އެންމެން ލޯބިވާ މުވައްޒަފެއް ކަމަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީ މަރާލާފައި އޮއްވާ ފެނުނު ޔާމީން ރަޝީދަކީ ކުންފުނީގެ މުހިއްމު މަސައްކަތްތައް ކުރާ، އެންމެން ލޯބިވާ މުވައްޒަފެއް ކަމަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން މިއަދު ބުނެފި އެވެ.

ހަށިގަނޑުގެ 14 ތަނަކަށް ތޫނު އެއްޗަކުން ހަމަލަދީ މަރާލާފައި އޮއްވައި ރޭ ދަންވަރު ފެނުނު ޔާމީން 29، ވަޒީފާ އަދާކުރާ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޔާމީން ވަރަށް އަނިޔާވެރިކޮށް މަރާލާފައި އޮއްވައި ފެނުނު ޚަބަރު ލިބުނީ ނުހަނު ފުންހިތާމަ އާއި ނުތަނަވަސްކަންމަތީގައި ކަމަށެވެ. ޔާމީނަކީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ހަރުދަނާކޮށް މަސައްކަތް ކުރަމުން އައި އެ ކުންފުނީގެ ވެރިންނާއި އެހެނިހެން މުވައްޒަފުންގެ ރަހުމަތްތެރިކަމާއި ލޯބި ލިބިގެންވާ ހީވާގި، ކުޅަދާނަ މީހެއް ކަމަށް ބަޔާނުގައިވެ އެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ ޔާމީންގެ މަރަކީ އޭނާ ދަންނަ އެންމެންނަށް ވެސް ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުމެއް ކަން ސްޓޮކް އެކްސްޗޭންޖުން ފާހަގަކޮށްފައިވެ އެވެ.

"ޔާމީނަކީ މި ކުންފުނީގައި އައިޓީގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ހަތަރު މުވައްޒަފުންގެ ތެރެއިން ނުހަނު މުހިއްމު ދައުރެއް އަދާކުރަމުން އައި މުވައްޒަފެކެވެ. އަދި އެންމެ ފަހުން ޔާމީން އައީ މި ކުންފުނީގެ ދަށުން ހިންގާ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓަރީގެ ފަރާތުން އަލަށް ތައާރަފްކުރާ އިންފިނިޓީ ޕޯޓަލްގެ މަސައްކަތުގައި އަވަދިނެތި އެވެ،" ބަޔާނުގައިވެ އެވެ.

ސްޓޮކް އެކްސްޗޭންޖުން ބުނިގޮތުގައި އެ ޕޯޓަލް އަކީ އޮންލައިންކޮށް އިންވެސްޓަރުންނަށް ޑިޕޮސިޓަރީ އެކައުންޓެއް މެދުވެރިކޮށް އައިޕީއޯތަކުގެ ހިއްސާ ގަނެވޭގެނެ ޕްލެޓްފޯމެކެވެ.

ޔާމީން މަރާލި ހާދިސާގެ ފުރިހަމަ ތަހުގީގެއް ކޮށްދޭން އެ ކުންފުނިން ވަނީ ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް ގޮވާލައިފަ އެވެ.

ޔާމީންގެ މަރުގެ ހިތާމައިގައި މިއަދަކީ މޯލްޑިވްސް ސްޓޮކް އެކްސްޗޭން ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ހަމަޖައްސައިފަ އެވެ.

މަރުގެ އިންޒާރުތަކަކަށް ފަހު ޔާމީން މަރާލާފައި އޮއްވައި ފެނުނީ އޭނާ ދިރިއުޅޭ މ. ސްޕެކްޓިއުލާ، ސިޑި ކައިރިންނެވެ. އޭނާ ރޭ ގެއަށް ދިޔައީ، ވަރަށް ދަންވަންދެން އޮފީހުގެ މަސައްކަތުގައި އުޅުމަށް ފަހު ކަމަށް އޭނާގެ ގާތް މީހުން ބުނެ އެވެ.

ޔާމީން އެންމެ ފަހުން މީހަކާ ފޯނުން ވާހަކަ ދައްކާފައި ވަނީ ރޭ ދަންވަރު 2:34 ހާއިރެވެ. އޭނާ މަރުވެފައި އޮއްވައި ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ 2:59 ހާއިރު ކަމަށް އާއިލާ އިން ބުނެ އެވެ.