Roadha Mihaaru
ތި ގޮތަށް ގާފުރޮޅައިގެން އިންސާފު ބޭނުމެއް ނޫން:އިމާދު

ފުލުހުން މިހާރު "ގާ ފުރޮޅާ ގޮތަށް" ޔާމީންގެ މަރުގައި އިންސާފެއް ބޭނުމެއް ނޫން: އިމާދު

25 އެޕްރީލް 2017

ރާއްޖޭގައި މިހާތަނަށް ހިންގާފައި ހުރި ޖަރީމާތަކާ ގުޅިގެން "ނުފުރޮޅާނެ" އެންމެ ގަލެއް ވެސް ނުބާއްވާނެ ކަމަށް ބުނެ ހިންގި ކަހަލަ ތަހުގީގަކުން ޔާމީން ރަޝީދަށް އިންސާފު ބޭނުން ނުވާ ކަމަށް އޭނާގެ ބޮޑުބޭބެ އިމާދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގައި މިހާތަނަށް ހިންގާފައި ހުރި ޖަރީމާތަކާ ގުޅިގެން "ނުފުރޮޅާނެ" އެންމެ ގަލެއް ވެސް ނުބާއްވާނެ ކަމަށް ބުނެ ހިންގި ކަހަލަ ތަހުގީގަކުން ޔާމީން ރަޝީދަށް އިންސާފު ބޭނުން ނުވާ ކަމަށް އޭނާގެ ބޮޑުބޭބެ އިމާދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކުން މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އިމާދު ވިދާޅުވީ އޭނާގެ ކޮއްކޮ މަރާލި ސަބަބާއި އެކަމަށް ފައިސާ ހޭދަކުރި މީހުންނާއި އޭނާ މަރާލައިގެން ފައިދާ އޮތީ ކޮން ބަޔަކަށްތޯ އެނގެން އާއިލާ އިން ބޭނުންވާ ކަމަށެވެ. އެކަމަކު ފުލުހުންގެ ތަހުގީގުގައި އެ މިންވަރަށް ނުހޯދޭ ނަމަ، ޔާމީން މަރާލި މައްސަލާގައި "ނުފުރޮޅާނެ އެންމެ ގަލެއް" ވެސް ނުބާއްވާނެ ކަމަށް ދައުލަތުން ބުނުމުގެ ބޭނުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިންސާފު ބޭނުން ނުވަނީކީއެއް ނޫން. އިންސާފު ދިނުމުގެ ނަމުގައި ކަމާ ނުގުޅޭ، ކޮންމެވެސް މީހަކު ގެނެސް އެއީ ގާތިލް ކަމަށް ފެންނަ ގޮތަކަށް ދިވެހިންނަށް ގަބޫލުކުރުވާ ބީދައިން، އެ އިންސާފު ހޯދާކަށް އަޅުގަނޑުމެން ބޭނުމެއް ނުވޭ،" އިމާދު ވިދާޅުވި އެވެ.

ޔާމީންގެ ހަށިގަނޑުގެ ގިނަ ތަންތަނަށް ވަޅި ހަރާފައިވާ ކަން ފާހަގަކުރައްވަމުން އިމާދު ވިދާޅުވީ އެއީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ރަހުމްކުޑަ ގަތުލު ކަމަށެވެ. އަދި ނޫސްވެރިންނާއި މީޑިއާ އަށް ދިން ހިތާމަވެރި ހަމަލާއެއް ކަމަށް ބުނެ ބަޔާނެއް ނެރުނުއިރު، ސަރުކާރުގެ އެއްވެސް އިސް ވެރިއަކު ޖަނާޒާގައި ވެސް ބައިވެރިވެފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ޔާމީން ރަޝީދު: އޭނާގެ ހަގީގީ ގާތިލުންނާއި ސަބަބު ހޯދަން އާއިލާ އިން ބޭނުންވާ ކަމަށް އިމާދު ވިދާޅުވި.

ޔާމީން ރަޝީދު: އޭނާގެ ހަގީގީ ގާތިލުންނާއި ސަބަބު ހޯދަން އާއިލާ އިން ބޭނުންވާ ކަމަށް އިމާދު ވިދާޅުވި.

އޭނާ ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ޔާމީން މަރުވެފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓްކުރުމުން، އެތައް އިރެއް ފަހުން، ކޮންމެވެސް ގޮތަކުން ނަމްބަރު ހޯދައިގެން ފުލުހުން ގުޅީ ސ. ފޭދޫ، ޗަނބޭލީގެއަށް ކަމަށެވެ. އޭގެ ބަދަލުގައި، ފުރަތަމަ ކަމަކަށް، ޔާމީން މަރުވެފައި އޮއްވާ ފެނުނު އިމާރާތުގެ އެޕާޓްމަންޓްތަކަށް އަރައި، އެއީ އެ އިމާރާތުގައި ދިރިއުޅޭ މީހެއްތޯ ބަލާނުލީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށް ވިދާޅުވި އެވެ.

އެ އިމާރާތުގެ ދެ ވަނަ ބުރީގައި ދިރިއުޅޭ ޔާމީންގެ މަންމަ އަށް އޭނާގެ މަރުގެ ހަބަރު ދިނީ ފޭދޫން ގުޅައި އެރޭ ފަތިހު 4 ޖެހި ފަހުން ކަމަށް އާއިލާ އިން ބުނެ އެވެ.

"ލިފްޓު ގޮޅި ކުރިމަތީގައި މަރުވެފައި އޮތް މީހެއް، އެއްވެސް ފްލޯއަކަށް އަރައި ޓަކި ޖަހައި އެއީ އެއިއިން އެއްވެސް ގެއެއްގެ މީހެއްތޯ ބަލާކަށް ފުލުހުން މަސައްކަތްކޮށްފައެއް ނެތް. އަޅުގަނޑަށް ހީވަނީ ތޮބީއީ ގޮތުން ވެސް އެންމެ ފުރަތަމަ އަމަލުކުރަން ޖެހޭ ގޮތަކީ އެއީ،" އިމާދު ވިދާޅުވި އެވެ.

އެހާ އަނިޔާވެރިކޮށް މީހަކު މަރާލާފައި އޮއްވާ ފެނުމުން، ފުލުުހުން އެންމެ ފުރަތަމަ ކުރަން ޖެހޭ އެއް ކަމަކީ، އިމާދު ވިދާޅުވި ގޮތުގައި، މުޅި އެ ސަރަހައްދުގައި ހުރި ސީސީޓީވީ ކެމެރާތަކުގެ ފުޓޭޖް ހޯދުމެވެ. އަދި ހެކި ނުގެއްލޭނެ ގޮތަށް މުޅި ސަރަހައްދުގެ ކަންކަން އިންތިޒާމްކުރުމަކީ ވެސް ފުލުހުން އެރޭ ކުރަން ޖެހޭނެ ކަމެއް ކަމަށް އިމާދު ވިދާޅުވި އެވެ.

"އެކަމެއް ނުކުރައްވާ... މުޅި އެ ސަރަހައްދުގައި ކެމެރާ. އެހެން ގޮސް ލިފްޓުގައި ވެސް ކެމެރާ. ލިފްޓް ކުރިމަތީގައި ވެސް ކެމެރާ. ގޭގެ ކޮންމެ ފްލޯއެއްގައި ވެސް ކެމެރާ. އަދި ގޭގެ ސީދާ ކުރިމައްޗަށްވާ ގޮތަށް ވެސް ކެމެރާ. އަދި އެއޮށް ބޮޑު މަގުގައި ހުރި ގިނަ އިމާރާތްތަކަކީ ވެސް ސީސީޓީވީ ކެމެރާ ހުރި ތަންތަން،" އިމާދު ވިދާޅުވި އެވެ.

"މީހެއްގެ ގަޔަށް 24، 25 ފަހަރަށް ވަޅި ހަރައި ގަތުލުކޮށް ބިންމައްޗަށް ވައްޓާލާފައި ދިޔައިރު، ހެކިތައް ރައްކާތެރިކުރަން ވަގުތުން ވަގުތަށް އަޅަން ޖެހޭ ފިޔަވަޅު އެޅިފައި ނެތް ކަން އެނގުނީ...." އިމާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބިސްބުރު ކައިރީގައި ހުރި ސީސީޓީވީ ކެމެރާތަކުގެ ފުޓޭޖް ހޯދަން، އާދީއްތަ ދުވަހުގެ ރޭ 10 ޖެހުމާ ހަމައަށް ފުލުހުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ. ޔާމީންގެ މަރާ ގުޅިގެން ތަހުގީގަށް ލިބިފައިވާ އެއްވެސް ކުރިއެރުމެއްގެ ވާހަކަ ރެއާ ހަމައަށް އާއިލާއާ ހިއްސާކޮށްފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ހިންގާ ބޮޑެތި ޖަރީމާތަކާ ގުޅިގެން ނުފުރޮޅާނެ އެންމެ ގަލެއް ވެސް ނުބާއްވާނެ ކަމަށް އަބަދުވެސް ބުނެ އެވެ. އެކަމަކު، ޔާމީންގެ މައްސަލާގައި، އެގޮތަށް "ގާ ފުރޮޅަން" އާއިލާ އިން ބޭނުން ނުވާ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ މިފަހަރު އެއްވެސް ގަލެއް ތިބޭފުޅުން ފުރޮޅުއްވާނެ ކަމެއް ނެތޭ. އަޅުގަނޑުމެންގެ އާއިލާއަކުން އަޅުގަނޑުމެން ބޭނުމެއް ނުވޭ ގަލެއް ފުރޮޅާކަށް ވެސް. އަޅުގަނޑުމެންނަށް ސައްތައިން ސައްތަ ގެރެންޓީ، މީގެ ކުރިން މިފަދަ ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު މީގައި ވެސް ހަގީގަތާ ހަމައަށް ވާސިލްވުމަކީ މހާރު ތަަހުގީގީ އިދާރާތަކުގެ ކަންތައްތައް ހަމަޖެހިފައި ހުރި ގޮތުން، ދައުލަތުގެ އިންތިޒާމްތައް ހަމަޖެހިފައި ހުރި ގޮތުން، ދައުލަތުގެ ކަންކަމާ ހަވާލުވެ ތިއްބެވި ބޭފުޅުންގެ އަމަލުތައް ހުރި ގޮތުން، ބަސްމަގު ހުރި ގޮތުން އެއީ ވާނެ ކަމެއް ކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން،" އިމާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދީނީ އިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ މެމްބަރު އަފްރާޝީމް އަލީގެ މަރާއި ޔާމީންގެ މަރާ ގުޅުން ހުރި ކަމުގެ ގިނަ ކަންތައްތަކެއް އާއިލާ އަށް ފާހަގަވެފައިވާ ކަމަށެވެ. އަފްރާޝީމް އަވަހާރަކޮށްލިތާ އެތައް ދުވަހެއް ވެފައިވާއިރު އޭނާ އަށް މިހާތަނަށް އިންސާފު ހޯދައިދީފައި ނުވާ ކަމަށް ވިދާޅުވި އެވެ.

އިމާދު ވިދާޅުވި ގޮތުގައި އަފްރާޝީމް އަވަހާރަކޮށްލަން ފައިސާ ހޭދަކުރީ ކޮން ބައެއްތޯ އާއި އެކަން ކުރުވީ ކޮން ބައެއް ކަން ދައުލަތުން ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހެ އެވެ.

"އެންމެ ބާރުގަދަ މުއައްސަސާގެ މެމްބަރަކު އަވަހާރަވިތާ އެތައް ޒަމާނެއް ވެގެން ދިޔައިރު ނުލިބުނު ސުވާލެއްގެ ޖަވާބު އަޅުގަނޑުމެން ފަދަ ނިކަމެތި މީހުންނަށް ލިބޭނެ ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން. އެހެންކަމަށްވަންޏާ އިންސާފު ހޯދައިދޭން ނަމުގައި އެއްވެސް ގަލެއް ދިވެހި ދައުލަތުން ފުރޮޅުމުގެ އެއްވެސް ބޭނުމެއް އޮތް ކަމަކަށް ނުދެކެން،" އިމާދު ވިދާޅުވި އެވެ.