Roadha Mihaaru
ޔާމީންގެ މަރަށް އެއް ހަފުތާ، ގާތިލުން އަތެއް ނުވޭ!

ޔާމީންގެ މަރަށް އެއް ހަފުތާ، ގާތިލުން އަތެއް ނުވޭ!

30 އެޕްރީލް 2017

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ ޔާމީން ރަޝީދު މަރާލިތާ އިއްޔެ އަށް ހަފުތާއެއް ވީ އެވެ. މިހާތަނަށް މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ. ޔާމީން މަރާލިތާ ތިން ދުވަސް ފަހުން، މިދިޔަ އަންގާރަދުވަހު ބޭއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި، ޔާމީނަށް ހަމަލަދިން މީހުން ފެންނަ ކުރު ވީޑިއޯއެއް އާންމުކުރުން ފިޔަވައި އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ. އެހެންވެ މި ބޮޑު ހާދިސާ މިއޮތީ ޖަވާބު ލިބެން ޖެހޭ ބޮޑު ސުވާލުތަކެއްގެ ތެރޭގަ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ ޔާމީން ރަޝީދު މަރާލިތާ އިއްޔެ އަށް ހަފުތާއެއް ވީ އެވެ. މިހާތަނަށް މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ. ޔާމީން މަރާލިތާ ތިން ދުވަސް ފަހުން، މިދިޔަ އަންގާރަދުވަހު ބޭއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި، ޔާމީނަށް ހަމަލަދިން މީހުން ފެންނަ ކުރު ވީޑިއޯއެއް އާންމުކުރުން ފިޔަވައި އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ. އެހެންވެ މި ބޮޑު ހާދިސާ މިއޮތީ ޖަވާބު ލިބެން ޖެހޭ ބޮޑު ސުވާލުތަކެއްގެ ތެރޭގަ އެވެ.

އާންމުންގެ ހިތުގައި މި އަނިޔާވެރި މަރާ ގުޅިގެން އެތައް ސުވާލެއް އުފެދިފައިވާއިރު، ތަހުގީގުގެ ސްޕީޑާ މެދު ބޮޑެތި ހިތްހަމަނުޖެހުންތަކެއް އެބަ ހުއްޓެވެ. އެންމެ ބޮޑު މައްސަލަ އަކީ ޔާމީން މަރާލުމުގައި ބައިވެރިވި ކަމަށް ބެލެވޭ ދެ މީހަކު އެނގިފައިވާ ކަމަށް ނުވަތަ ދެނެގަނެވިއްޖެ ކަމަށް ފުލުހުން ބުނެމެ، އެ މީހުން ހައްޔަރު ނުކުރުމެވެ.

މާލެ އަކީ ކުޑަކުޑަ ތަނެެކެވެ. މިތަނުގައި ހިންގާ ގޭންގްތަކާއި އެ ގޭންގްތަކުގައި އުޅޭ މީހުންގެ ހުރިހާ މައުލޫމާތެއް ފުލުހުންނަށް އެނގޭނެ އެވެ. މީހުން މެރުން ފަދަ ބޮޑެތި މާރާމާރީ ހިންގާ މީހުންގެ ފޮޓޯއެއް ހަނި އެންގަލަކުން ފެނުނަސް ފުލުހުންނަށް އެބަޔަކު ހޯދައި ގަނެވެން ޖެހޭނެ އެވެ. އެހާ ވަރަށް ފުލުހުންގެ އަތުގައި އެފަދަ މީސްމީހުންގެ މައުލޫމާތު ހުންނާނެ އެވެ. އެހެންވެ ޔާމީން މަރާލުމުގައި ބައިވެރިވި މީހުން ދެނެގަނެވިއްޖެ ކަމަށް ފުލުހުން ބުނިތާ ހަތަރު ދުވަސް ވީއިރު ވެސް ބަޔަކު ހައްޔަރު ނުކުރެވުމަކީ އަދި ތަހުގީގުގެ އެއްވެސް މައުލޫމާތެއް އާންމު ނުކުރުމަކީ، ބައެއް މީހުންނަށް، ވަރަށް ބޮޑު ޖޯކެކެވެ.

ޔާމީންގެ މަރާލި މައްސަލާގައި ފުލުހުން މިހާތަނަށް ބޭއްވި ހަމައެކަނި ޕްރެސް ބްރީފިންގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވާހަކަ ދައްކަވަނީ: މި ނިއުސް ބްރީފިންގައި ތަފުސީލެއް ހާމައެއް ނުކުރޭ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ޔާމީންގެ މަރާލި މައްސަލާގައި ފުލުހުން މިހާތަނަށް ބޭއްވި ހަމައެކަނި ޕްރެސް ބްރީފިންގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވާހަކަ ދައްކަވަނީ: މި ނިއުސް ބްރީފިންގައި ތަފުސީލެއް ހާމައެއް ނުކުރޭ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ޔާމީން 29، މަރާލުމާ ގުޅިގެން ފުލުހުން މިހާތަނަށް ބޭއްވި ހަމައެކަނި މީޑިއާ ބްރީފިންގައި އެސިސްޓެންޓް ކޮމިޝަނަ އޮފް ފޮލިސް އަބްދުﷲ ނަވާޒް ވިދާޅުވި ގޮތުގައި އޭނާ މަރާލި މީހުން ވަނީ ދެނެގަނެވިފަ އެވެ. އެކަމުގައި ބައިވެރިވި ދެ މީހަކު ފުލުހުންނަށް އެނގެ އެވެ. ފިޒިކަލް އެވިޑެންސް ވަނީ ހޯދައިފަ އެވެ. އެއްކުރަން ޖެހޭ އިތުރު މައުލޫމާތު ހޯދައި ސުވާލު ކުރަން ޖެހޭ މީހުންނާ ސުވާލު ކުރަމުން ދާ ކަމަށް ވެސް ނަވާޒް ވިދާޅުވި އެވެ.

އެކަމަކު އެ މީީޑއާ ބްރީފިން އަށް ފަހުން ފަސް ދުވަސް ވީ އެވެ. މީހަކު ހައްޔަރެއް ނުކުރެ އެވެ. ފުލުހުން އާންމުކުރި ސީސީޓީވީ ފުޓޭޖުން ފެންނަ މީހުން ހޯދަން އާންމުންގެ އެހީތެރިކަމަށް އެދުނު ނަމަވެސް އެއިން އެއްވެސް މީހެއްގެ ނަމެއް، އެޑްރެހެއް ހާމައެއް ނުކުރެ އެވެ. ސުވާލަކީ އެ މީހުންގެ ނަމާއި އެޑްރެހާއި އެހެނިހެން މައުލޫމާތު ފުލުހުން އާންމު ނުކުރީ ކީއްވެ ހެއްޔެވެ؟ ފުޓޭޖުން ފެންނަ މީހުން ފުލުހުންނަށް އެނގޭ ނަމަ، އެ މީހުން ރާއްޖޭގައި އުޅޭ ކަމެއް ނުވަތަ ނޫން ކަން ފުލުހުން ތަހުގީގަށް ސާފުވާނެ އެވެ. އެވަރު ވެސް ހާމައެއް ނުކުރި އެވެ. އަދި މި ނިއުސް ބްރީފިންގައި ނޫސްވެރިންނަށް ސުވާލު ކުރުމުގެ ދޮރު އޮތީ ބަންދުކޮށްފަ އެވެ. އެހެންވެ ކިތަންމެ ގިނަ ސުވާލެއް ހުއްޓަސް ފުލުހުންގެ ފަރާތުން ޖަވާބެއް ނުލިބި، އިތުރަށް ސުވާލުތައް ގިނަވުން ނޫން ކަމެއް ނެތެވެ.

ޔާމީން މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުން އޭނާގެ ގޭގެ ބޭރުން ސައިކަލަށް އަރަނީ.

ޔާމީން މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުން އޭނާގެ ގޭގެ ބޭރުން ސައިކަލަށް އަރަނީ.

ފުލުހުން އާންމުކުރި ވީޑިއޯގައި ފެންނަނީ ޔާމީން ގެ ގޭގެ ދޮރު މީހަކު ހުޅުވައިގެން ވަންނަ ތަނާއި ސިޑި ކައިރީގައި މީހަކު ހުރި މަންޒަރެވެ. ސިޑި ކައިރީގައި ހުއްޓިގެން ހުރި މީހާ ހުރީ އިސްދަށަށް ޖަހާލައިގެންނެވެ. އަނެއް ވީޑިއޯ އިން ފެންނަނީ ދެ ސައިކަލަކަށް ދެ މީހަކު އަރަައިގެން ދާ މަންްޒަރެވެ.

ފުޓޭޖުން ފެންނަ ދެ މީހެއްގެ މައުލޫމާތު ފުލުހުން އާންމު ނުކުރި ނަމަވެސް، ސޯޝަލް މީޑިއާގެ އެކި ފޯރަމްތަކުގައި އެއީ ކޮން ބައެއް ކަމަށް ބެލެވޭ މީހުންގެ ސާފު ފޮޓޯތައް ވަނީ، ފުލުހުންގެ ޕްރެސް ކޮންފަރެންސް ނިމުމާ އެކު އާންމު ކުރަން ފަށައިފަ އެވެ. އެ މީހުން ރާއްޖޭގައި ތިބި ކަމާ މެދު ވެސް އެތައް ބަޔަކު ސޯޝަލް މީޑިއާގައި ވަނީ ސުވާލުތައް ކޮށްފަ އެވެ. އެކަމަކު ވެސް ފުލުހުން ތިބީ ހިމޭނުންނެވެ. ތަހުގީގަށް ކުރިއެރުން ލިބޭ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ނުބުނެ އެވެ.

ޔާމީނަކީ އާދައިގެ މީހެއް ނޫނެވެ. ސޯޝަލް މީޑިއާގެ އިތުރުން އޭނާގެ ބްލޮގްގައި ލިޔަމުން އައި ތަފާތު ލިޔުންތަކަށް ބަލާއިރު، އެއީ "ހައި ތްރެޓް" މީހެކެވެ. މީގެ ކުރިން ވެސް މަރުގެ އިންޒާރު ފުލުފުލުން ލިބި އެކަން ފުލުހުންގެ ސަމާލުކަމެއް ގެނެސްފައިވާ މީހެކެވެ. އެކަމަށް ވެސް ފުލުހުންގެ ފަރާތުން އެކަށީގެންވާ ފިޔަވަޅު އެޅި ތަނެއް ފެނިފައެއް ނެތެވެ.

ވަގަށް ނަގާފައިވާ ރިލްވާން (ކ) އަދި ޔާމީން

ވަގަށް ނަގާފައިވާ ރިލްވާން (ކ) އަދި ޔާމީން

އަނެއް ކަމަކީ ޔާމީނަކީ، މީގެ ދެ އަހަރު ކުރިން ވަގަށް ނަގާފައިވާ އަހުމަދު ރިލްވާންގެ އެންމެ ގާތް ރަހުމަތްތެރިޔާ ކަމަށް ވުމެވެ. ޔާމީން އައީ ރިލްވާން ވަގަށް ނެގި މައްސަލައިގެ ހަގީގަތަށް ވާސިލް ވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންކަން އޭނާގެ ލިޔުންތަކުން އެނގެ އެވެ. އެހެންވެ ވަށައިގެންވާ ހުރިހާ ކަމަކަށް ބަލާއިރު، ޔާމީން މަރާލުން ވަރަށް ސީރިއަސް އެވެ. އެހާ އާދައިގެ ގޮތަކަށް، މާ ބޮޑު ކަމަކަށް ނުވާ ގޮތަށް ކަންކަން ގޮސްގެން ނުވާނެ އެވެ.

ޔާމީން މަރާލި މައްސަލާގައި ފުލުހުން އަމަލުކުރާ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވަމުން ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ ހަފުތާއެއް ވީއިރު ވެސް އެއްވެސް ތަފުސީލީ މައުލޫމާތުތަކެއް ފުލުހުން ނުދިނުމަކީ ކަންބޮޑުވާ އަދި ސުވާލު އުފެދޭ ކަމެއް ކަމަށެވެ. ޚާއްސަކޮށް މިއީ އާންމުންގެ މަސްލަހަތާ ވަރަށް ބޮޑަށް ގުޅިފައިވާ މަރަކަށް ވާއިރު، މައުލޫމާތުތައް ފުލުހުން ވަންހަނާ ކުރުމަކީ ގޯހެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިކަމުގައި ބައިވެރިވި މީހުންގެ ނަން އެނގެން އެބަ ޖެހޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މާލޭގައި ހަރަކާތްތެރިވާ ގޭންގްތަކުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް އެނގޭނެ. އެނގެން ވެސް ޖެހޭ. މިވަރުގެ ބޮޑު ކަމެއް ހިންގާލިއިރު، ފުލުހުންގެ އިންޓެލިޖެންސަށް ދުރާލައި އެއްވެސް މައުލޫމާތެއް ނުލިބެނީތޯ؟- ސުއޫދު

"އެއް ބަޔަކު އެބަ ބުނޭ މިކަމުގައި ބައިވެރިވި މީހުން ފުރައިގެން ހިނގައްޖެއޭ. އެކަން ފުލުހުން އާންމުންނަށް ސާފުކޮށްދޭން ޖެހޭ. އެއީ އާންމުންގެ ރައްކަލަށްޓަކައި ކުރުން ފުލުހުންނަށް ލާޒިމް ކަމެއް. އެ މީހުން ރަށުތެރޭގައި އުޅޭ ކަމަށް ވަންޏާ އެއީ އާންމުންގެ ސަލާމަތަށް އޮތް ނުރައްކަލެއް. އެހެންވީމާ އެ މީހުން ރަށުތެރެ އަށް ވީއްލިފައި ތިބިތޯ ނުވަތަ ނޫންތޯ ފުލުހުން ހާމަކުރަން ޖެހޭ،" ސުއޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަފުތާއެއް ވާއިރު، މިހާރަށް ވުރެ ގިނަ މައުލޫމާތު ފުލުހުންގެ ފަރާތުން އާންމުންނަށް އެނގެން ޖެހޭނެ ކަމަށް ގަބޫލުކުރައްވަނީ މީގެ ކުރިން ހިނގި މިފަދަ ބޮޑެތި މަރުތަކުގެ އަލީގަ އެވެ. ޔާމީން މަރާލާފައި އޮއްވައި ފެނުނު ތަނުން އެހެން ބައެއްގެ ލޭ ފެނުނުތޯ އާއި ޑީއެންއޭ ލިބުނުތޯ އާއި ހަމަލަ ދިނުމަށް ބޭނުންކުރި ވަޅި ފެނުނުތޯ ފުުލުހުންގެ ފަރާތުން އާންމުންނަށް އެނގެން ޖެހޭ ކަމަށް ސުއޫދު ވިދާޅުވި އެވެ.

"މިކަމުގައި ބައިވެރިވި މީހުންގެ ނަން އެނގެން އެބަ ޖެހޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މާލޭގައި ހަރަކާތްތެރިވާ ގޭންގްތަކުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް އެނގޭނެ. އެނގެން ވެސް ޖެހޭ. މިވަރުގެ ބޮޑު ކަމެއް ހިންގާލިއިރު، ފުލުހުންގެ އިންޓެލިޖެންސަށް ދުރާލައި އެއްވެސް މައުލޫމާތެއް ނުލިބެނީތޯ؟ މިހާ ބޮޑު ސްކޭލެއްގައި މިކަން ކޮށްލާއިރު، ފުލުހުންގެ އިންޓެލިޖެންސަށް އެކަން ނޭނގުނީ ކީއްވެގެންތޯ؟ މި ސުވާލުތަކުގެ ޖަވާބު އާންމުން ބޭނުންވާނެ،" އޭނާ ވިދާޅުވި އެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ޔާމީން މަރާލުމުގައި ބައިވެރިވި މީހުން ދެނެގަނެވިއްޖެ ކަމަށް ފުލުހުން ބުނުމަށް ފަހު، އެ މަރަށް ހަފުތާއެއް ވާއިރު އެ މީހުން ހައްޔަރު ނުކުރެވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

"ޚާއްސަކޮށް އެ މީހުންގެ އައިޑެންޓިޓީ ހާމަކުރުމަކީ ވަރަށް މުހިންމު ކަމެއް. އޭރުން ރައްޔިތުންނަށް ފަސޭހަވާނެ އެ މީހުން ހޯދަން. ހަތް ދުވަސް ވާއިރު މާ ގިނަ ތަފުސީލުތައް ފުލުހުންގެ ފަރާތުން ލިބެން ޖެހޭ،" ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ މަރާލިއިރު، ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި ރިޔާޒް ވިދާޅުވި އެވެ.

ޔާމީން މަރާލި މައްސަލާގައި މިހާތަނަށް ފުލުހުންގެ ފަރާތުން "ވަނދުކޮށް" ކަންތައް ފެނުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. މަރުގެ ހަގީގަތް ނޭނގި، ޚާއްސަކޮށް ތުހުމަތުކުރެވޭ އެންމެ މީހަކު ވެސް އަތުނުލެވި ފާއިތުވާ ކޮންމެ ދުވަހަކު އެ ތަހުގީގާ މެދު ދާނީ ސުވާލު ގިނަވަމުންނެވެ.

ޔާމީންގެ ބައްޕަ މިދިޔަ ހުކުރުދުވަހު ކޮލަމްބޯގައި ނޫސްވެރިންނާ ވާހަކަ ދައްކަނީ: ދަރިފުޅު މަރާލި މައްސަލައިގެ ތަހުގީގުގައި ބޭރުގެ ތަޖުރިބާކާރުން ބައިވެރިކޮށްދިނުމަށް އޭނާ އެދޭ.

ޔާމީންގެ ބައްޕަ މިދިޔަ ހުކުރުދުވަހު ކޮލަމްބޯގައި ނޫސްވެރިންނާ ވާހަކަ ދައްކަނީ: ދަރިފުޅު މަރާލި މައްސަލައިގެ ތަހުގީގުގައި ބޭރުގެ ތަޖުރިބާކާރުން ބައިވެރިކޮށްދިނުމަށް އޭނާ އެދޭ.

ސ. ފޭދުއަށް އުފަން ޔާމީންގެ ބައްޕަ ހުސެއިން ރަޝީދުގެ ހުރިހާ ވަގުތެއް މިހާރު ހޭދަކުރަނީ އިންސާފު ހޯދާށެވެ. އޭނާގެ ދަރިފުޅުގެ ގާތިލުން ދެނަގެނެވިފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް، ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށް އަދި ތަހުގީގަށް "އެއްވެސް ކުރިއެރުމެއް" ނުލިބޭތީ އޭނާ ހުރީ ކަންބޮޑުވެފަ އެވެ.

"އަޅުގަނޑުގެ ދަރިފުޅުގެ މަރުގެ މައްސަލާގައި އިންސާފު ހޯދުމުގައި ކަމާ ބެހޭ ފަރާތްތަކުން، ޚާއްސަކޮށް ފުލުހުން އެކަށީގެންވާ އަވަސް މިނެއްގައި މަސައްކަތް ކުރުމުގެ މުހިންމުކަން މި ދަނޑިވަޅުގައި ހަނދުމަފުޅުކޮށް އަރުވަމެވެ. އަދި ބައިނަލްއަގްވާމީ ތަހުގީގީ ތަޖުރިބާކާރުން އަޅުގަނޑުގެ ދަރިފުޅުގެ މަރުގެ ތަހުގީގުގައި ބައިވެރިކޮށްދެއްވުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށާއި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ތަކުރާރުކޮށް ދަންނަވަމެވެ،" ޔާމީންގެ ބައްޕަ ނެރުނު ބަޔާނުގައިވެ އެވެ.

އޭނާ އެ ބުނި ފަދައިން ދަރިފުޅުގެ މަރުގެ ތަހުގީގަށް ކުރިއެރުމެއް މިހާތަނަށް ލިބިފައިވާކަން ނުވަތަ ނޫންކަން ފުލުހުން އާންމު ނުކުރުމުގެ ސަބަބުން ގައުމު މި އޮތީ ކަންބޮޑުވުމެއްގެ ތެރޭގަ އެވެ. ހަތް ދުވަހުގެ ތެރޭގައި ފުލުހުންނަށް ކުރިއެރުން ލިބެން ޖެހޭނެ އެވެ.