Roadha Mihaaru
ޔާމީންގެ ގާތިލުން ނޭނގޭ ކަމަށް އާއިލާ އަށް އަންގައިފި

ޔާމީންގެ ގާތިލުންނަކީ ކޮން ބައެއްކަން އަދި ނޭނގޭ ކަމަށް އާއިލާ އަށް އަންގައިފި

30 އެޕްރީލް 2017

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވި މީހުން ދެނެގަނެވިއްޖެ ކަމަށް ފުލުހުން މީޑިއާގައި ބުނެފައިވީ ނަމަވެސް އެއީ ކޮން ބައެއްކަން އަދި ނޭނގޭ ކަމަށް އޭނާގެ އާއިލާ އަށް އަންގާފައިވާ ކަމަށް އެ އާއިލާ އިން މިއަދު ބުނެފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވި މީހުން ދެނެގަނެވިއްޖެ ކަމަށް ފުލުހުން މީޑިއާގައި ބުނެފައިވީ ނަމަވެސް އެއީ ކޮން ބައެއްކަން އަދި ނޭނގޭ ކަމަށް އޭނާގެ އާއިލާ އަށް އަންގާފައިވާ ކަމަށް އެ އާއިލާ އިން މިއަދު ބުނެފި އެވެ.

ޔާމީން 29، ގެ ބައްޕަ ހުސެއިން ރަޝީދު "މިހާރު" އަށް ބުނީ ފުލުހުންގެ ބަޔަކު އިއްޔެ އެ ގެ އަށް ގޮސް އާއިލާއާ ބައްދަލުކޮށް ބައެއް މައުލޫމާތު ހިއްސާ ކޮށްފައިވާ ކަމަށެވެ. އެގޮތުން ފުލުހުންނަށް ލިބިފައިވާ ފުޓޭޖުތަކުން ފެންނަ މީހުން ސާފު ނޫން ކަމަށް އާއިލާ އަށް އެންގި ކަމަށް ޔާމީންގެ ބައްޕަ ބުންޏެވެ.

ދަރިފުޅުގެ މަރާ ގުޅޭ ގޮތުން ރަޝީދު މިދިޔަ ހުކުރުދުވަހު ކޮލަމްބޯގައި މީޑިއާއާ ވާހަކަ ދައްކަނީ.

ދަރިފުޅުގެ މަރާ ގުޅޭ ގޮތުން ރަޝީދު މިދިޔަ ހުކުރުދުވަހު ކޮލަމްބޯގައި މީޑިއާއާ ވާހަކަ ދައްކަނީ.

"އެ މީހުން [ފުލުހުން] ބުނީ އެ މީހުން [ފުޓޭޖުތަކުން ފެންނަ މީހުން] ތިބީ ވިގް އަޅައިގެންނޭ. އެހެންވެ އެއީ ކޮން ބައެއް ކަމެއް އަދިއެއް ނޭނގެއޭ. އެކަމަކު އަދިވެސް އެއީ ކޮން ބައެއްކަން ހޯދަން މަސައްކަތް ކުރާ ކަމަށް ބުނީ،" ރަޝީދު ބުންޏެވެ.

މި ވާހަކަތަކާ ގުޅިގެން މީޑިއާގައި އެއްވެސް ވާހަކައެއް ދައްކަން ފުލުހުން ބޭނުމެއް ނުވި އެވެ. އަދި ޔާމީންގެ މަރާ ގުޅޭ ގޮތުން ވެސް ޖުމްލަކޮށް މީޑިއާގައި މިވަގުތު ވަކި އެއްޗެއް ބުނަން ފުލުހުން ބޭނުމެއް ނުވެ އެވެ.

ޔާމީން: އޭނާ މަރާލިތާ ހަފުތާއެއް ވީއިރު ވެސް ގާތިލުން ނުހޯދޭ.

ޔާމީން: އޭނާ މަރާލިތާ ހަފުތާއެއް ވީއިރު ވެސް ގާތިލުން ނުހޯދޭ.

މިދިޔަ އަންގާރަދުވަހު ބޭއްވި ޕްރެސް ބްރީފިންގައި އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ، ޔާމީން މަރާލުމުގައި ބައިވެރިވި މީހުން ދެނެގަނެވިއްޖެ ކަމަށާއި ދެން އޮތީ އެ މީހުން އަތުލައިގަތުން ކަމަށެވެ.

ސ. ފޭދޫ އަށް އުފަން ޔާމީން މަރާލި މައްސަލާގައި މިހާތަނަށް ބޭއްވި ހަމައެކަނި ނިއުސް ބްރީފިންގައި ނަވާޒް ވިދާޅުވެފައި ވަނީ ފިޒިކަލް އެވިޑެންސް ވެސް ވަނީ ހޯދާފައި ކަމަށެވެ. އަދި އިތުރަށް އެއްކުރަން ޖެހޭ މައުލޫމާތު ހޯދައި ސުވާލު ކުރަން ޖެހޭ ފަރާތްތަކާ ސުވާލު ކުރަމުން ދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުން.

ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުން.

ނޫސްވެރިންނަށް ސުވާލު ކުރުމުގެ ފުރުސަތު ބަންދުކޮށްގެން ބޭއްވި މީޑިއާ ބްރީފިންގައި، ފުލުހުން ވަނީ ޔާމީނަށް ހަމަލާ ދިނުމުގައި ބައިވެރި ކަމަށް ތުހުމަތުކުރާ ބައެއް މީހުންގެ ވީޑިއޯ ވެސް އާންމުކޮށްފަ އެވެ.

ކުރު އެ ވީޑިއޯގައި ފެންނަނީ ޔާމީން އުޅުނު ސުޕެޓިއުލާގެ ދޮރު މީހަކު ހުޅުވައިގެން ވަންނަ ތަނާއި ސިޑި ކައިރީގައި މީހަކު ހުރި މަންޒަރެވެ. އަދި އަނެއް ވީޑިއޯ އިން ފެންނަނީ ދެ ސައިކަލަކަށް ދެ މީހަކު އަރަައިގެން ދާ މަންޒަރެވެ.

އަނިޔާވެރި ގޮތަކަށް ޔާމީން މަރާލިތާ އިއްޔެ އަށް ހަފުތާއެއް ވީއިރު ވެސް، ގާތިލުން ނުހޯދޭތީ އޭނާގެ އާއިލާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ތަހުގީގުގައި ބޭރުގެ ތަޖުރިބާކާރުން ބައިވެރިކޮށްދިނުމަށް ވެސް އާއިލާ އިން ވަނީ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގަ އާއި ފުލުހުންގެ ކިބައިން އެދިފަ އެވެ.