Roadha Mihaaru
"ސަރުކާރަށް އިންތިހާބު ކާމިޔާބެއް ނުވޭ"

ސަރުކާރަށް އިންތިހާބު ކާމިޔާބުވީއޭ ބުނާ ސަބަބެއް ނޭނގޭ: އިދިކޮޅު ޕާޓީތައް

07 މެއި 2017

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ކާމިޔާބު ލިބުނީ ސަރުކާރަށް ކަމަށް ބުންޏަސް އެއީ ހަގީގަތެއް ނޫން ކަމަށާއި އެމްޑީޕީއަށް މިހާތަނަށް ވެސް ވަނީ ޕީޕީއެމަށް ވުރެ އިތުރަށް 100 ގޮނޑި ލިބިފައި ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފި އެވެ.

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ކާމިޔާބު ލިބުނީ ސަރުކާރަށް ކަމަށް ބުންޏަސް އެއީ ހަގީގަތެއް ނޫން ކަމަށާއި އެމްޑީޕީއަށް މިހާތަނަށް ވެސް ވަނީ ޕީޕީއެމަށް ވުރެ އިތުރަށް 100 ގޮނޑި ލިބިފައި ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފި އެވެ.

ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒްގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ މިހާތަނަށް ގުނާފައިވާ ވޯޓުން އެމްޑީޕީ އަށް 285 ގޮނޑި، ޕީޕީއެމް 135 ގޮނޑި، ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭ އަށް، ކޮންމެ ޕާޓީއަކަށް 14 ގޮނޑި އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ބޭފުޅުންނަށް 91 ގޮނޑި ލިބިފައިވާ ކަމަށެވެ.

ޕީޕީއެމުން ބުނެފައި ވަނީ މިހާތަނަށް ގުނާފައިވާ ވޯޓު ފޮށިތަކުގެ ނަތީޖާ އަށް ބަލާ އިރު ކައުންސިލްތަކުގެ 219 ގޮނޑި ސަރުކާރު ކޯލިޝަނުން ކާމިޔާބުކޮށްފައިވާ ކަމަށެވެ. އިދިކޮޅު އެމްޑީޕީ އަށާއި ޖޭޕީ އަށް ލިބިފައި ވަނީ 206 ގޮނޑި ކަމަށް ވެސް ޕީޕީއެމުން ބުންޏެވެ.

ނަމަވެސް ހަސަން ލަތީފް ވިދާޅުވީ މިއީ ގޯސް މައުލޫމާތެއް ކަމަށާއި ޕީޕީއެމުން އެހެން ބުނާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މާލޭގެ އެންމެ ގޮނޑިއެއް ފިޔަވައި 12 ގޮނޑި އާއި އައްޑޫ ސިޓީގެ ހުރިހާ ގޮނޑިއަކާއި ފުވައްމުލަކުގެ މެޖޯރިޓީ އާއި ގދ. ތިނަދޫގެ ހުރިހާ ގޮނޑިއަކާއި ހއ. ދިއްދޫގެ ހުރިހާ ގޮނޑިއަކާއި ހދ. ކުޅުދުއްފުއްޓާއި ގއ. ވިލިނގިއްޔާއި ގދ. ގައްދު އާއި ބ. ތުޅާދު އާއި ލ. އަތޮޅާއި ފ. އަތޮޅާއި ދ. އަތޮޅުގެ ވެސް މެޖޯރިޓީ ލިބުނީ އެމްޑީޕީ އަށެވެ.

"ދެން ކިހިނެއްކަމެއް ނޭނގެ، ވަރަށް ފުރިހަމަ ކާމިޔާބެއް ލިބިފައިވާ ކަމަށް އެ ބޭފުޅުން އެ ވިދާޅުވަނީ ކިހިނެއް ކަމެއް. އަޅުގަނޑުމެންނަށް ނުފެނޭ މީގައި ކާމިޔާބީއެއް. ކުދިކުދި ރަށްތަކާ އެކު އެންމެ އުތުރުން ފެށިގެން ވެސް ހުރިހާ ހިސާބަކުން އެ ގިނަ ގޮނޑިތައް އެހެރީ ކާމިޔާބުކޮށްފައި. ވަކި އަތޮޅެއް، ރަށެއް ކިޔާނެ ކަމެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ޕީޕީއެމަށް ކާމިޔާބު ލިބުނު ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މިއަދު ވިދާޅުވީ، އިންތިހާބުގެ ބަލިގަބޫލުކުރެއްވި ކަން ރޭ އިއުލާންކުރެއްވުމަށް ފަހު ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ. އިލެކްޝަންސް ކޮމިޝަނަށް ޕީޕީއެމްގެ ބަޔަކު ވަދެ މަސައްކަތްތަކެއް ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެއީ ވެސް އިދިކޮޅު ފަރާތްތަކުން ކަންބޮޑުވާ ކަމެއް ކަމަށް ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ރައްޔިތުން ވަނީ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ނެތް ކަމަށް ވަރަށް ސާފުކޮށް ބުނެފައި ކަމަށާއި އެ ހަގީގަތް ގަބޫލުކުރައްވައި ރައީސް ޔާމީން ބަލި ގަބޫލުކުރައްވަން ޖެހޭނެ ކަމަށެވެ.

ސަރުކާރު ބަލިވީ ބޮޑު ތަފާތަކުން ކަމަށާއި މި ހަގީގަތް ރައީސް ގަބޫލުކުރައްވަން ޖެހޭނެ ކަމަށް ހަސަން ވިދާޅުވި އެވެ.

މި ޕްރެސް ކޮންފަރެންސްގައި، ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދުކުރައްވާ، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވީ އިންތިހާބުގެ ނަތީޖާއިން އެނގުނީ ރައީސް މައުމޫންގެ އިސްލާހީ މަސައްކަތަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރު ކަމަށެވެ. އޭނާ ވިދާޅުވީ މި ނަތީޖާއަށް ބަލައި، ރައީސް ޔާމީން ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރައްވައިގެން ނޫނީ 2018 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ނުވާނެ ކަމަށެވެ.

ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

މިއީ އޭނާ ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކޮށްފައި ވާތީ، ރައްޔިތުން އެކަމާ ދެރަވެފައި ތިބިކަމުގެ މެސެޖު ވެސް މި އިންތިހާބުން ރައްޔިތުން ވަނީ ދީފަ އެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޑރ. ހުސެން ރަޝީދު ވިދާޅުވީ ރައީސް ޔާމީން މި އިންތިހާބުގައި ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރެއްވީ އަމިއްލަފުޅު ފޮޓޯ ޖައްސަވައިގެން ކަމަށް ވާއިރު، ނާކާމިޔާބީގެ މާނަ އަކީ ރައީސް ޔާމީނަށް ތާއީދު ނެތުން ކަމަށެވެ.

"އެ މަނިކުފާނުގެ ކޮންކްރީޓް ތަރައްގީއަށް ނޫނެކޭ ވަނީ ބުނެފައި،" ޑރ. ހުސެން ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ފަރާތުން ވާހަކަ ދެއްކެވި ޝިދާތާ ޝަރީފް ވިދާޅުވީ އިއްޔެގެ އިންތިހާބުން ބޮޑު ފަޅިއަކީ ކޮބައިކަން އެނގިއްޖެ ކަމަށެވެ.

"ކެމްޕޭނު ކުރުމުގެ ފުރުސަތު ނުލިބި، ތަފާތުކުރުންތަކުގެ ތެރޭގައި ވެސް މި ފެނުނީ ރައްޔިތުން ސަރުކާރާ ދެކޮޅަށް ނޫނެކޭ ބުނިތަން،" ޝިދާތާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުން މި ވަނީ ކޮރަޕްޝަނަށް ނޫނެކޭ ބުނެފަ އެވެ.

ޕްރެސް ކޮންފަރެންސްގައި ވާހަކަ ދެެއްކެވި ހުރިހާ ބޭފުޅުން ވެސް ވިދާޅުވީ ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ވަރަށް ސާފުކޮށް މިހާރު ހާމަވެފައިވާ ކަމަށެވެ.

އިންތިހާބުގެ ކުރިން އިލެކްޝަންސް ކޮމިޝަނާ މެދު ވަރަށް ބޮޑެތި ތުހުމަތުތަކަކާއި ޝަކުވާތަކެއް ކޮށްފައިވާއިރު އިއްޔެގެ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށް ގަބޫލުކުރަންތޯ އެހުމުން އިދިކޮޅު ޕާޓީތަކުން ބުނީ މިނިވަން އިންތިހާބެއް ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

އިންތިހާބު މިނިވަން ވެފައި އިންސާފުވެރި ވަނީ ވޯޓުލާ ދުވަހު ހިނގާ ކަންކަމުން އެކަނި ނޫން ކަމަށާއި އޭގެ ކުރިން ގަބޫލުނުކުރެވޭ މިންވަރަށް އެތައް ކަމެއް އިލެކްޝަންސް ކޮމިޝަނުން ހިނގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ހުރިހާ ކަންކަމަކާ އެކު ވެސް ރައްޔިތުންގެ ނިންމުން ސަރުކާރަށް ސާފުކޮށްދިނުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށް އިދިކޮޅު ޕާޓީތަކުން ބުންޏެވެ.