Roadha Mihaaru
ޓްރަމްޕް ކޯފާވެ، އެފްބީއައިގެ ޑިރެކްޓަރު ވަކިކޮށްފި

ޓްރަމްޕް ކޯފާވެ، އެފްބީއައިގެ ޑިރެކްޓަރު ވަކިކޮށްފި

10 މެއި 2017

ވޮޝިންޓަން (މެއި 10) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޯފާވެވަޑައިގެން އެފްބީއައިގެ ޑިރެކްޓަރު ޖޭމްސް ކޯމޭ މަގާމުން ވަކިކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (މެއި 10) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޯފާވެވަޑައިގެން އެފްބީއައިގެ ޑިރެކްޓަރު ޖޭމްސް ކޯމޭ މަގާމުން ވަކިކޮށްފި އެވެ.

ވައިޓް ހައުސް އިން ބުނީ ކޯމޭ މަގާމުން ވަކިކުރީ ހިލަރީ ކްލިންޓަނުގެ އީމެއިލްތަކުގެ މައްސަލައިގައި އަމަލުކުރި ގޮތުން ކަމަށެވެ. ނަމަވެސް ޑިމޮކްރެޓިކުން ބުނަނީ ކޯމޭ މަގާމުން ދުރުކުރީ ޓްރަމްޕުގެ ކެމްޕޭނަށް ރަޝިޔާ އިން އެހީވި ކަމަށް ބުނާ މައްސަލަ އެފްބީއައި އިން ތަހުގީގު ކުރަން އުޅުމުން ކަމަށެވެ.

އެފްބީއައިގެ ޑިރެކްޓަރު މަގާމުން ދުރުކުރި އިރު ވަނީ ހިލަރީގެ އީމެއިލްތަކުގެ މައްސަލައާ ގުޅޭ ގޮތުން ކޯމޭ މިދިޔަ ހަފުތާގައި ކޮންގްރެސް އަށް އެކަށީގެން ނުވާ މައުލޫމާތު ދިން މައްސަލައެއް ވެސް ފެންމަތިވެފަ އެވެ.

ކޯމޭ އަށް ޓްރަމްޕް ފޮނުއްވި ސިޓީގައި ވަނީ ބިއުރޯ އެކަށީގެންވާ ގޮތެއްގައި ހިންގުމުގައި ކޯމޭ ނުކުޅެދިފައިވާ ކަމަށް އެޓާނީ ޖެނެރަލް ޖެފް ސެޝަންސް ލަފާ ދެއްވާފައިވާ ކަމަށެވެ.

ވައިޓް ހައުސް އިން ބުނީ ކޯމޭގެ ބަދަލުގައި އެފްބީއައި އަށް އާ ވެރިއަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މަގާމުން ދުރުކުރި ކަމުގެ ލިޔުން ސްޓާފަކު ހަވާލު ކުރި އިރު ކޯމޭ ގެންދެވީ ލޮސް އެންޖަލްސްގައި އެފްބީއައިގެ އެޖެންޓުންތަކަކާ ވާހަކަ ދައްކަވަމުންނެވެ. އެ ލިޔުމަށް ބައްލަވާ ލެއްވުމަށް ފަހު، ކޯމޭ ހީކުރެއްވީ އެއީ ޖޯކެއް ކަމަށެވެ. އުމުރުން 56 އަހަރުގެ ކޯމޭ އެފްބީއައިގެ 10 އަހަރުގެ ޓާމުގެ ތެރޭން ހަތަރު އަހަރު ވަނީ ފުރިހަމަ ކުރައްވައިފަ އެވެ.

ޚާރިޖީ ވަޒީރުކަމުގައި ރަސްމީ ކަންކަމުގައި ހިލަރީގެ އަމިއްލަ އީމެއިލް ބޭނުން ކުރެއްވި މައްސަލައިގެ އާ ތަހުގީގެއް ކުރަމުންދާ ކަމަށް ކޯމޭ ވަނީ މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާން 10 ދުވަހަށްވެފައި ވަނިކޮށް ހާމަ ކުރައްވައިފަ އެވެ. ކޯމޭގެ އެ ނިންމެވުމާ އެކު ހިލަރީގެ ކެމްޕޭނަށް ބޮޑު އަސަރެއް ކުރި އެވެ. އެކަމަނާ ދާދި ފަހުން ވަނީ އިންތިޚާބު ނާކާމިޔާބުވި ސަބަބުތަކުގެ ތެރޭގައި ކޯމޭ ކަންތައް ކުރެއްވި ގޮތް ހިމެނޭ ކަމަށް ވިދާޅުވެފަ އެވެ.