Roadha Mihaaru
އެފްބީއައިގެ ތަހުގީގެއް ހުއްޓާލަން ޓްރަމްޕް އެންގެވި

އެފްބީއައިގެ ތަހުގީގެއް ހުއްޓާލަން ޓްރަމްޕް އެންގެވި: ރިޕޯޓް

17 މެއި 2017

ވޮޝިންޓަން (މެއި 17) - ކުރީގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މައިކަލް ފްލައިން އާއި ރަޝިޔާއާ އޮތް ގުޅުމާ ބެހޭ ގޮތުން ކުރަމުންދިޔަ ތަހުގީގު ހުއްޓާލުމަށް އެފްބީއައިގެ ޑިރެކްޓަރު ޖޭމްސް ކޯމޭގެ އަރިހުން ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގެންނެވި ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ފްލައިންގެ ތަހުގީގު ކުރިއަށް ނުގެންދިއުމަށް ޓްރަމްޕް އެދިވަޑައިގެންނެވީ ކޯމޭއާ އެކު ފެބްރުއަރީ މަހު ވައިޓް ހައުސްގައި ބޭއްވެވި ބައްދަލުވުމަކަށް ފަހު އެވެ. އެ ބައްދަލުވުމަށް ފަހު ކޯމޭ ލިޔުއްވި މެމޯ ވަނީ މީޑިއާތަކަށް ލީކުވެފަ އެވެ. ވައިޓް ހައުސްގެ ބައްދަލުވުން ބާއްވާފައި ވަނީ ފްލައިން އިސްތިއުފާ ދެއްވިތާ އެއް ދުވަސް ފަހުންނެވެ.

ވައިޓް ހައުސް އިން ވަނީ އެކަން ދޮގުކޮށްފަ އެވެ. އެއްވެސް ތަހުގީގެއް ހުއްޓާލުމަށް ކޯމޭ ނުވަތަ އެހެން އޮފިޝަލެއްގެ ގާތު ވެސް ޓްރަމްޕް ވިދާޅުވެފައި ނުވާނެ ކަމަށް ވައިޓްހައުސް އިން ބުނެފައިވެ އެވެ.

މި މައްސަލަ ފެންމަތިވުމާ އެކު ރިޕަބްލިކަން ޕާޓީގެ ކޮންގްރެސް މެންބަރު ޖޭސަން ޗަފޭޒް ވަނީ މިކަމާ ގުޅުން ހުރި ހުރިހާ ލިޔުންތަކެއް ހަފުތާއެއްގެ ތެރޭގައި ހަވާލު ކުރުމަށް އެފްބީއައި އަށް ގޮވާލައްވައިފަ އެވެ. ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ ޗެއާ ކުރައްވާ ޖޭސަން ވަނީ ކޯމޭ އާއި ޓްރަމްޕާ ދެމެދު ކޮށްފައިވާ ހުރިހާ މުއާމަލާތެއް މި މަހު 24 ގެ ކުރިން ހުށަހެޅުމަށް އެދިވަޑައިގެންފަ އެވެ.

ފްލައިންގެ ތަހުގީގު ހުއްޓާލަން ޓްރަމްޕް އެންގެވިކަން ނިއު ޔޯކް ޓައިމްސް އިން ރިޕޯޓްކުރުމުގެ ހަފުތާއެއް ކުރިން ކޯމޭ ވަނީ އެފްބީއައި އިން ވަކިކޮށްފަ އެވެ.