Roadha Mihaaru
ޔާމީން މައްސަލައިގައި ކޮމިޝަނަރު އިސްތިއުފާދީ: ޖެންސާ

ޔާމީން ރަޝީދުގެ މައްސަލައިގެ އިހުމާލާ އެކު ކޮމިޝަނަރު އިސްތިއުފާދޭން ޖެހޭ: ޖެރެޑް ޖެންސާ

11 މެއި 2017

ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގެ ބައިނަލްއަގުވާމީ ތަހުގީގަކަށް ފުރުސަތު ދިނުމަށް ނުވަތަ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފު އެއްވެސް ޝަރުތަކާ ނުލައި ވަގުތުން އިސްތިއުފާދެއްވުމަށް، ޔާމީންގެ އާއިލާ ތަމްސީލްކުރައްވާ އެމެރިކާގެ ވަކީލު ޖެރެޑް ޖެންސާ މިއަދު ގޮވާލައްވައިފި އެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގެ ބައިނަލްއަގުވާމީ ތަހުގީގަކަށް ފުރުސަތު ދިނުމަށް ނުވަތަ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފު އެއްވެސް ޝަރުތަކާ ނުލައި ވަގުތުން އިސްތިއުފާދެއްވުމަށް، ޔާމީންގެ އާއިލާ ތަމްސީލްކުރައްވާ އެމެރިކާގެ ވަކީލު ޖެރެޑް ޖެންސާ މިއަދު ގޮވާލައްވައިފި އެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަކީލުންގެ ޓީމުގައި ވެސް ހިމެނިވަޑައިގެންނެވި ޖެންސާ "މޯލްޑިވްސް އިންޑިޕެންޑެންޓް"ގައި ލިޔުއްވި މަޒުމޫނެއްގައި ވިދާޅުވީ އަރީފް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވަނީ ޔާމީނާ މެދު ފުލުހުން ވަރަށް ބޮޑަށް އިހުމާލުވެފައިވާތީ ކަމަށެވެ.

"...މޯލްޑިވްސް ޕޮލިސް ސާވިސް އިން ޔާމީން ރަޝީދާ މެދު އެތައް އަހަރެއް ވަންދެން ހިންގާފައިވާ ބޮޑެތި ނޭއްގާނީ އަމަލުތަކުގެ ނަތީޖާއެއްގެ ގޮތުން އޭނާ މަރާލާފައިވާ އިރު، އެ ކަންކަމުގެ ޒިންމާ އެންމެ ފަހުން އުފުއްލަވަން ޖެހިވަޑައިގަންނަވަނީ" އަރީފު ކަމަށް ޖެންސާ ވިދާޅުވި އެވެ.

އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ހައި ކޮމިޝަނަރުގެ އޮފީހުން ޔާމީންގެ މަރުގެ މައްސަލައިގެ މިނިވަން އަދި ބައިނަލްއަގުވާމީ ތަހުގީގެއް ހިންގަން ފުރުސަތު ދޭން ދިވެހި ސަރުކާރަށް ބާރުއަޅައިދިނުމަށް އެދި ޔާމީންގެ އާއިލާގެ ފަރާތުން ޖެންސާ ވަނީ އދ އަށް މައްސަލައެއް މިއަދު ހުށަހަޅުއްވައިފަ އެވެ. އެފަދަ ތަހުގީގެއް ބޭނުންވަނީ، އޭނާ ފާހަގަކުރެއްވި ގޮތުގައި، ޔާމީނާ މެދު ފުލުހުން މިހާތަނަށް ކަން ކޮށްފައިވާ ގޮތުންނެވެ.

"... މޯލްޑިވްސް ޕޮލިސް ސާވިސް އިން ޔާމީނަށް ސީދާ ފުރައްސާރަކޮށް، ގަވާއިދާ ޚިލާފަށް އޭނާ ހައްޔަރުކޮށް، ޖަލަށް ލުމުގެ އިތުރުން އޭނާއާ ދެކޮޅަށް ސީދާ ދެމުން ގެންދިޔަ މަރުގެ އިންޒާރުތައް ތަހުގީގުކުރުމުގައި ތަކުރާރުކޮށް ވަނީ ފެއިލްވެފައި،" ޔާމީންގެ އާއިލާ އަށް ހިލޭސާބަހަށް މަސައްކަތްކޮށްދެއްވާ ޖެންސާ ވިދާޅުވި އެވެ.

ޖެރެޑް ޖެންސާ

ޖެރެޑް ޖެންސާ

މޭ 1، 2015ގައި މާލޭގައި ކުރި ބޮޑު މުޒާހަރާގައި ހައްޔަރުކުރި އެތަކެއް ސަތޭކަ މީހުންގެ ތެރޭގައި ޔާމީން ވެސް ހިމެނުނެވެ. އޭނާ 21 ދުވަސް ވަންދެން ބަންދުގައި ބެހެއްޓި އެވެ. އެއީ ދޫނިދޫ ޖަލުގައި 17 ދުވަސް އަދި ގޭބަންދުގައި ހަތަރު ދުވަހެވެ. ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާ އިން އޭނާ ހައްޔަރުކުރީ، ޔާމީން އޭނާގެ ބްލޮގުގައި ކުރިން ބުނެފައިވާ ގޮތުގައި، ރައްޓެހި ބިދޭސީ ނޫސްވެރިޔަކާ ބައްދަލުކުރަން ގޮސް، އޭނާ އަންނަންދެން އެ ސަރަހައްދުގައި މަޑުކޮށްލައިގެން ހުއްޓަ އެވެ.

ޖެންސާ ފާހަގަކުރެއްވި ގޮތުގައި ކާކުކަން އެނގޭ ގޮތަށް ޔާމީނަށް މަރުގެ އިންޒާރު ދިން މީހުންނާ މެދު ވެސް ފުލުހުން އެކަށީގެންވާ ފިޔަވަޅެއް އަޅައިފައެއް ނުވެ އެވެ. އެފަދަ އިންޒާރުތަކުގެ މައްސަލަތައް ޔާމީން ސެޕްޓެމްބަރު 2014ގައި އަދި ޑިސެމްބަރު 2016ގައި ޕޮލިހަށް ހުށަހާފައިވާ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ޖެންސާ ވިދާޅުވީ ޔާމީނަށް ފުލުހުންގެ ފަރާތުން އެއްވެސް ހިމާޔަތެއް ނުލިބި ހުއްޓާ، މިދިޔަ މަހު 23ގައި އޭނާގެ ގޭގައި ގައިގެ އެތަން މިތަނަށް ވަޅި ހަރައި މަރާލުމުން ވެސް، ފުލުހުން އަމަލުކުރީ ތަހުގީގުކުރުމުގެ އެންމެ އަސާސީ އުސޫލުތަކާ ޚިލާފަށް ކަމަށެވެ. އޭނާ ތުހުމަތުކުރެއްވި ގޮތުގައި ފުލުހުންގެ މަގްސަދަކީ ޔާމީންގެ ގަތުލަށް ޒިންމާވާން ޖެހޭ މީހުން ހިމާޔަތްކޮށްދިނުމެވެ.

ޔާމީން "މަރާލި ސީންގެ ފޮޓޯ އެއްވެސް މީހަކު ނެގުނަ ނުދީ އެކަން މަނާކޮށް، އެއްވެސް ހެއްކެއް އެއްކުރުމުގެ ކުރިން (ލޭ ބުރާފައި ހުރި) ފާރުތައް އަވަސްއަވަހަށް ދޮވެ އަލުން ވަނީ ކުލަ ލައިފައި،" ޖެންސާ ލިޔުއްވާފައިވެ އެވެ.

ވަކީލު ވިދާޅުވީ ޔާމީންގެ މަރަކީ އޭނާގެ އާއިލާ އަށާއި ގައުމަށް ވެސް ފޫނުބެއްދޭނެ ބޮޑު ގެއްލުމަކަށް ވާއިރު އޭނާ މަރާލުމުގެ ޒިންމާ އުފުލަން ޖެހޭ އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށެވެ.

ޔާމީން މަރާލި މައްސަލައިގައި ފުލުހުން މިހާތަނަށް ހަ މީހަކު ހައްޔަރުކޮށްފައިވެ އެވެ. ނަމަވެސް އެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.