Roadha Mihaaru
ވަކި މީހަކު ބުނެގެން އިސްތިއުފާ ދޭކަށް ނުޖެހޭ: އަރީފް

ވަކި މީހަކު ބުނެގެން އިސްތިއުފާ ދޭކަށް ނުޖެހޭ: ސީޕީ އަރީފް

15 މެއި 2017

ފުލުހުން މައްސަލަތައް ތަހުގީގު ކުރަމުން އަންނަނީ ހަރުދަނާކަމާ އެކީގައި ކަމަށާއި ވަކި މީހަކު ބުނެގެން މަގާމުން އިސްތިއުފާ ދެއްވަން ނުޖެހޭނެ ކަމަށް ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ފުލުހުން މައްސަލަތައް ތަހުގީގު ކުރަމުން އަންނަނީ ހަރުދަނާކަމާ އެކީގައި ކަމަށާއި ވަކި މީހަކު ބުނެގެން މަގާމުން އިސްތިއުފާ ދެއްވަން ނުޖެހޭނެ ކަމަށް ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފު މިއަދު ވިދާޅުވެއްޖެ އެވެ.

އިސްކަންދަރު ބިލްޑިންގައި ފުލުހުންނާ އެކު ބޭއްވި ބައްދަލުވުމުގައި އަރީފް ވިދާޅުވީ ބޮޑު ކަމެއް ނުވަތަ މައްސަލައެއް ދިމާވީމަ ފުލުހުންގެ ޒިންމާއަކީ އެކަން ބެލުން ކަމަށެވެ. އަދި ފުލުހުންގެ ބޭނުމަކީ އެ މައްސަލަތަކުގެ ފުރިހަމަ ތަހުގީގެއް ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަރީފް ވިދާޅުވި ގޮތުގައި ވަކި ފަރާތަކުން ނުވަތަ ވަކި ބަޔަކު ބުނުމުން މަގާމުން އިސްތިއުފާ ދެއްވާކަށް ނުޖެހޭނެ އެވެ.

އަރީފްގެ މި ވާހަކަ މިއައީ، ސޯޝަލް މީޑިއާގެ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލި މައްސަލައިގެ ބައިނަލްއަގުވާމީ ތަހުގީގަކަށް ފުރުސަތު ދިނުމަށް ނުވަތަ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފު އެއްވެސް ޝަރުތަކާ ނުލައި އިސްތިއުފާ ދެއްވުމަށް، ޔާމީންގެ އާއިލާ ތަމްސީލްކުރައްވާ އެމެރިކާގެ ވަކީލު ޖެރެޑް ޖެންސާ ގޮވާލައްވާފައިވާ ދަނޑިވަޅެއްގަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެސް ވަކީލަކަށް ހުންނެވި ޖެންސާ އެގޮތަށް ގޮވާލެއްވީ، މަރުގެ އެތައް އިންޒާރެއް އައުމުން އެކަން ފުލުހުންނަށް ޔާމީންގެ ފަރާތުން ހުށަހަޅާފައި އޮއްވާ އޭނާ އަށް ހަމަލާދީ މަރާލުމުންނެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި މަސައްކަތް ކުރެއްވި ފުލުހުންނާ އެކު ބޭއްވި ބައްދަލުވުމުގައި އަރީފް ވިދާޅުވީ ޔާމީން މަރާލި މައްސަލާގައި ޝާމިލްވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށެވެ.

ޔާމީންގެ މަރުގެ މައްސަލައާ ގުޅިގެން މިހާތަނަށް ހަ މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމާ ހަވާލުވެވަޑައިގެން ފަހުން މިހާތަނަށް އަރީފް އެއްވެސް ކަމެއްގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާފައެއް ނުވެ އެވެ. އެކަމަކު އޭގެ ކުރިން ތިއްބެވި ޕޮލިސް ކޮމިޝަނަރުން ވަނީ ފުލުހުން ޝާމިލްވާން ޖެހުނު ބޮޑެތި މައްސަލަތަކުގައި ނޫސްވެރިން މެދުވެރިކޮށް، އާންމުންނާ ހަމައަށް މައުލޫމާތު ފޯރުކޮށްދެއްވައިފަ އެވެ.