Roadha Mihaaru
އަލުން ޗެކް ކުރިޔަސް ނަތީޖާ ބަދަލުވާ ފަދަ ކަމެއް ނެތް

އަލުން ޗެކް ކުރި ފޮށިތަކުގެ ނަތީޖާ ބަދަލުވާ ފަދަ ކަމެއް ފާހަގަ ނުވޭ: އީސީ

12 މެއި 2017

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ 24 ފޮށްޓެއްގެ ނަތީޖާގައި އިތުރަށް ކަށަވަރު ކުރަން އެ ފޮށިތަކުގެ ސެކިއުރިޓީ އުރަ ކަނޑައި، ވޯޓު އަލުން ގުނަން ފެށިޔަސް ނަތީޖާއަށް ބަދަލު އަންނަ ވަރުގެ ކަމެއް މިހާތަނަށް ފާހަގަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ 24 ފޮށްޓެއްގެ ނަތީޖާގައި އިތުރަށް ކަށަވަރު ކުރަން އެ ފޮށިތަކުގެ ސެކިއުރިޓީ އުރަ ކަނޑައި، ވޯޓު އަލުން ގުނަން ފެށިޔަސް ނަތީޖާއަށް ބަދަލު އަންނަ ވަރުގެ ކަމެއް މިހާތަނަށް ފާހަގަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އިއްޔެ އިން ފެށިގެން އަންނަނީ 24 ފޮށްޓެއްގެ ނަތީޖާ ޝީޓްގައި އިތުރަށް ކަށަވަރު ކުރަން އިންތިޚާބީ މައި މަރުކަޒުގައި އެ ފޮށިތަކުގެ ސެކިއުރިޓީ އުރަތައް ކެނޑުމަށް ފަހު ވޯޓު އަލުން ގުނައި، ނަތީޖާ ކަށަވަރު ކުރަމުންނެވެ. އެ މަސައްކަތް މިއަދު ވެސް އެބަ ކުރިއަށް ދެ އެވެ. އަލުން ޗެކް ކުރާ ފޮށިތަކުގެ ތެރޭގައި ގަލޮޅު ދެކުނު ދާއިރާގެ ފޮށްޓަކާއި މާފުށީ ޖަލުގެ ފޮށްޓެއް އަދި ފުވައްމުލަކު މެދު ދާއިރާގެ ފޮށްޓެއް ވެސް ހިމެނެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ އެ މަސައްކަތް މިއަދު ވެސް ކުރިއަށް އެބަ ދާ ކަމަށާއި ނަތީޖާ އަށް ބަދަލު އަންނަ މިންވަރު ކަމެއްގެ މިހާތަނަށް ފާހަގަވެފައިނުވާ ކަމަށެވެ.

"މިއަދު ވެސް ކުރިއަށް އެދަނީ އިއްޔެ އަޅުގަނޑުމެން އަލުން ޗެކް ކުރަން ފެށި ޝީޓްތަކުގެ މަސައްކަތް. މުޅިން އާ އިތުރު ޝީޓްތަކެއް ޗެކް ކުރަނީއެއް ނޫން،" އަކްރަމް ވިދާޅުވި އެވެ.

ވޯޓު ކަރުދާސް އަޅާފައިވާ ސެކިއުރިޓީ އުރަތައް ކަނޑައި، އަލުން ގުނުމުގެ މަސައްކަތް ކުރަނީ ކެންޑިޑޭޓުންގެ މަންދޫބުންނާއި އޮބްޒާވަރުން އަދި މޮނީޓަރުންގެ ވެސް ހާޒިރުގަ އެވެ. އެގޮތަށް ޗެކް ކުރުމަށް ފަހު އެތަނުގައި ނަތީޖާ އިއުލާންކޮށް، އެ ފަރާތްތަކުގެ ހާޒިރުގައި ސެކިއުރިޓީ އުރަތައް ބަންދު ކުރާނެ އެވެ.

މިހާތަނަށް ނަތީޖާ ދައްކާ ގޮތުން ހުރިހާ ސިޓީ ކައުންސިލްތަކާއި ބޮޑެތި ގިނަ ދާއިރާތަކެއްގެ އަޣުލަބިއްޔަތު ނެގީ އެމްޑީޕީންނެވެ. ސަރުކާރުން ހިންގާ ޕީޕީއެމުން ވަނީ ބަލި ގަބޫލުކޮށްފަ އެވެ.