Roadha Mihaaru
ވަގުތީ ނަތީޖާ މިއަދު އިއުލާންކޮށް ނިންމާލަނީ

ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާ މިއަދު އިއުލާންކޮށް ނިންމާލަނީ

14 މެއި 2017

ލޯކަލް ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާ މިއަދު އިއުލާންކޮށް ނިންމާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ލޯކަލް ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާ މިއަދު އިއުލާންކޮށް ނިންމާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިޚާބުގެ ބައެއް ދާއިރާތަކުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން ކުރިން ވަނީ އިއުލާންކޮށްފަ އެވެ. އިލެކްޝަންސް ކޮމިޝަނުން ރޭ ކުރި ޓްވީޓެއްގައި ވަނީ މިހާތަނަށް އިއުލާން ނުކުރެވި ހުރި ދާއިރާތަކުގެ ވަގުތީ ނަތީޖާ މިއަދު ހެނދުނު އިއުލާން ކުރާން ފަށާނެ ކަމަށެވެ.

ވަގުތީ ނަތީޖާ އިއުލާން ކުރަންޖެހޭ ވަކި މުއްދަތެއް އިންތިޚާބާ ބެހޭ އާންމު ގާނޫނުގައި އަދި ކައުންސިލް އިންތިޚާބުގައި ގާނޫނުގައި ވެސް ބަޔާންކޮށްފައެއް ނޯވެ އެވެ. އެކަމަކު ކައުންސިލް އިންތިޚާބުގެ ދާއިމީ ނަތީޖާ 14 ދުވަސް ތެރޭގައި އިއުލާން ކުރަންޖެހޭނެ ކަމަށް ކައުންސިލް އިންތިޚާބުގެ ގާނޫނުގައިވެ އެވެ.

ބައެއް ދާއިރާތަކުގެ ވަގުތީ ނަތީޖާ އިތުރަށް ކަށަވަރު ކުރަން އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ފޮށިތަކުގެ ވޯޓު އަލުން ގުނައިފަ އެވެ. އެކަމަކު މިިހާތަނަށް ނަތީޖާއަށް ބަދަލު އަންނަ ފަދަ ކަމެއް ފާހަގަނުވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ކައުންސިލް އިންތިޚާބުގެ މިހާތަނަށް ނަތީޖާ ދައްކާ ގޮތުން ހުރިހާ ސިޓީ ކައުންސިލްތަކާއި ބޮޑެތި ދާއިރާތަކުގެ އަޣުލަބިއްޔަތު ނެގީ އެމްޑީޕީންނެވެ. ސަރުކާރު ހިންގާ ޕީޕީއެމުން ވަނީ ބަލި ގަބޫލުކޮށްފަ އެވެ.