Roadha Mihaaru
ކުޑަހުވަދޫ އެއާޕޯޓް ހަފުތާއެއްގެ ތެރޭގައި ހުޅުވަނީ

ކުޑަހުވަދޫ އެެއާޕޯޓް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހުޅުވަނީ

14 މެއި 2017

ދ. ކުޑަހުވަދޫގައި ރިއޯލޯ އިންވެސްޓްމަންޓްސްއިން ހެދި އެއާޕޯޓް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހުޅުވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ދ. ކުޑަހުވަދޫގައި ރިއޯލޯ އިންވެސްޓްމަންޓްސްއިން ހެދި އެއާޕޯޓް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހުޅުވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

"ދާލު އެއާޕޯޓް"ގެ ނަމުގައި މި އެއާޕޯޓް ހިންގާ ދާލު އެއާޕޯޓް ހޯލްޑިންސް އިން 62.81 ހެކްޓަރުގެ ބިން ހިއްކައިގެން 1،800 މީޓަރުގެ ދިގު ރަންވޭއަކާ އެކު ހެދި މި އެއާޕޯޓުގައި 42 ބޯޓަށް އެއްފަހަރާ ހިދުމަތް ދެވޭނެ އެވެ. އޭގެ ތެރޭގައި އެތެރޭގެ އުދުހުންތަކުގައި އާއްމުކޮށް ބޭނުންކުރާ ޑޭޝް-8 އަދި އޭޓީއާރު-72 މަރުކާގެ ބޯޓުތައް ހިމެނޭއިރު، މިއީ އަމިއްލަ މީހުންގެ ޖެޓުތައް ޖެއްސޭ ގޮތަށް ރާއްޖޭގައި ތަރައްގީކުރާ ފުރަތަމަ ޑޮމެސްޓިކް އެއާޕޯޓު ވެސް މެ އެވެ.

އަމިއްލަ ހަރަދުގައި ކުޑަހުވަދޫގައި އެއާޕޯޓެއް ތަރައްގީކުރަން ރިއޯލޯ އިންވެސްޓްމަންޓްސްއާ ސަރުކާރުން ހަވާލުކުރީ 2013 ގަ އެވެ. އަދި އެއާޕޯޓް ހިންގާނީ ރިއޯލޯ ހިއްސާވާ ދާލު އެއާޕޯޓް ހޮލްޑިން ޕްރައިވެޓް ލިމިޓެޑުންނެވެ.

ކުޑަހުވަދޫގައި ހެދި އެއާޕޯޓުގެ ޑިޕާޗާ ހޯލު އެ ރަށުގެ އާއްމުންނަށް ދައްކާލަނީ: އެންމެ ޒަމާނީ ވަސީލަތްތަކާއެކު ހެދި އެއާޕޯޓް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހުޅުވާނެ ކަމަށް ބުނޭ. ފޮޓޯ: ދާލު އެއާޕޯޓް

ކުޑަހުވަދޫގައި ހެދި އެއާޕޯޓުގެ ޑިޕާޗާ ހޯލު އެ ރަށުގެ އާއްމުންނަށް ދައްކާލަނީ: އެންމެ ޒަމާނީ ވަސީލަތްތަކާއެކު ހެދި އެއާޕޯޓް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހުޅުވާނެ ކަމަށް ބުނޭ. ފޮޓޯ: ދާލު އެއާޕޯޓް

އެ އެއާޕޯޓް ހެދި ކުންފުނީގެ އިސް އޮފިޝަލަކު "މިހާރު"އާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ އެއާޕޯޓް ހުޅުވުމުގެ ކުރިން ސިވިލް އޭވިއޭޝަން އޮތޯރިޓީން ފުރަތަމަ އޮޑިޓް ހަދާފައިވާ ކަމަށެވެ. އަދި ކުރިޔަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ޓެސްޓް ފްލައިޓެއް ޖެއްސޭވަރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއާޕޯޓުގައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ހުރީ ނިންމާފައި. ޓެސްޓް ފްލައިޓް ޖެއްސުމަށްފަހު ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފްލައިޓް އޮޕަރޭޓްކުރަން ފެށޭނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއާޕޯޓްގެ ރަންވޭ އާއި ޓާމިނަލްގެ ހުރިހާ ކަމެއް ނިމި އަދި އެއާޕޯޓުގައި ހުންނަން ޖެހޭ ކެޓަގަރީ އަށް އަލިފާން ނިވާ ނިޒާމް ވެސް ގާއިމުކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު މިތިބީ ސިވިލްއޭވިއޭޝަނުގެ ޖަވާބެއްގެ އިންތިޒާރުގައި. އަޅުގަނޑުމެންނަށް ފައިނަލް އެޕްރޫވަލް ލިބޭނީ ޓެސްޓް ފްލައިޓެއް ޖެއްސުމަށްފަހު،" އެ އޮފިޝަލް ވިދާޅުވި އެވެ.

ކުޑަހުވަދޫގައި ހެދި އެއާޕޯޓު އެ ރަށުގެ އާއްމުންނަށް ދައްކާލަނީ: އެންމެ ޒަމާނީ ވަސީލަތްތަކާއެކު ހެދި އެއާޕޯޓް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހުޅުވާނެ ކަމަށް ބުނޭ. ފޮޓޯ: ދާލު އެއާޕޯޓް

ކުޑަހުވަދޫގައި ހެދި އެއާޕޯޓު އެ ރަށުގެ އާއްމުންނަށް ދައްކާލަނީ: އެންމެ ޒަމާނީ ވަސީލަތްތަކާއެކު ހެދި އެއާޕޯޓް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހުޅުވާނެ ކަމަށް ބުނޭ. ފޮޓޯ: ދާލު އެއާޕޯޓް

ރާއްޖޭގައި މިހާރު ވެސް 11 އެއާޕޯޓެއް އެބައޮތެވެ. އެއީ އިންޓަނޭޝަނަލް އެއާޕޯޓުތަކުގެ ގޮތުގައި ބަލާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އެއާޕޯޓާއި އދ. މާމިގިލީ އެއާޕޯޓް އަދި ހދ. ހަނިމާދޫ އެއާޕޯޓުގެ އިތުރުން، ހަތް ޑޮމެސްޓިކް އެއާޕޯޓެވެ. އެއީ ފުވައްމުލައް، ބ. ދަރަވަންދޫ، ރ. އިފުރު، ގއ. ކޫއްޑޫ، ގދ. ކާޑެއްދޫ، ލ. ކައްދޫ އަދި ތ. ތިމަަރަފުށީގައި އޮންނަ އެއާޕޯޓެވެ.