Roadha Mihaaru
ކުޑަހުވަދޫން ޕޮޒިޓިވްވީ އެއާޕޯޓު މުވައްޒަފުންތަކެއް

ކުޑަހުވަދޫން ކޮވިޑަށް ޕޮޒިޓިވްވީ އެއާޕޯޓު މުވައްޒަފުންތަކެއް، 160 ކޮންޓެކްޓުން

18 މާޗް 2021

ދ. ކުޑަހުވަދޫން ކޮވިޑަށް އިއްޔެ ޕޮޒިޓިވްވީ އެ ރަށުގެ އެއާޕޯޓުގައި މަސައްކަތް ކުރާ ހަ މުވައްޒަފަކު ކަމަށް ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ދ. ކުޑަހުވަދޫން ކޮވިޑަށް އިއްޔެ ޕޮޒިޓިވްވީ އެ ރަށުގެ އެއާޕޯޓުގައި މަސައްކަތް ކުރާ ހަ މުވައްޒަފަކު ކަމަށް ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

ކުޑަހުވަދޫން ކޮވިޑްގެ ބަލިމީހުންތަކެއް ފެނުމުން އެ ރަށް މިހާރު ވަނީ މޮނިޓަރިންއަށް ލައިފަ އެވެ. އަދި މިދިޔަ މަހުގެ 26ގެ ފަހުން އެ ރަށުގައި ތިބުމަށް ފަހު ދަތުރުކުރި މީހުން ކަރަންޓީނު ވާން ވަނީ އަންގައިފަ އެވެ.

އެ ރަށު ކައުންސިލް މެމްބަރު އަލީ ސައުދު ވިދާޅުވިި ގޮތުގައި އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު ބަލީގެ އަލާމާތްތަކެއް ފެނިގެން ޓެސްޓު ކުރި ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އަދި އެކުގައި މަސައްކަތް ކުރި އެހެން ފަސް މުވައްޒަފަކަށް ވެސް ބަލިޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

ކޮވިޑް ޖެހުނީ ހުސް ކުޑަހުވަދޫގެ ޒުވާނުންނަށެވެ. އެ މީހުން ގެއަށް ގޮސް، ގޭގެ މީހުންނާއި ރަށުގެ އެހެން މީހުންނާ ބައްދަލުވެފައިވާނެތީ، ކޮންޓެކްޓުންގެ ގޮތުގައި ޖުމްލަ 160 މީހަކު ފާހަގަކޮށް، ޓެސްޓު ހައްދާފައި ވެ އެވެ.

ރަށުގެ ތެރޭގައި ބަލި އިތުރަށް އުޅޭކަން ޔަގީން ވާނީ އެއިން މީހަކު ޕޮޒިޓިވްވެއްޖެ ނަމަ އެވެ.

ސައުދު ވިދާޅުވި ގޮތުގައި އެ ރަށުގެ އެއާޕޯޓުގެ އެކި މަސައްކަތްތަކަށް، މާލޭން ވަރަށް ގިނައިން މީހުން ދެ އެވެ. އެ މީހުން ކަރަންޓީނު ވާކަށް ނުޖެހޭނެ އެވެ. އެހެންވެ، ލަފާ ކުރެވެނީ ކުޑަހުވަދުއަށް ބަލި ދިޔައީ އެއިން މީހެއްގެ ފަރާތުން ކަމަށެވެ.

ކޮވިޑްގެ ހާލަތު އަދިވެސް ރާއްޖޭގައި ރަނގަޅެއް ނުވެ އެވެ. އިއްޔެ ވެސް 142 މީހުން ޕޮޒިޓިވްވެފައިވާއިރު، މާލޭ ސަރަހައްދުން 112 މީހުންނަށް ބަލިޖެހިފައި ވެ އެވެ.