Roadha Mihaaru
ނުފިލާނަން، އަޅުގަނޑާ މެދު އިހްސާންތެރިވެދީ: ފާރިސް

ފިލާކަށް ނޫޅެން، އަޅުގަނޑާ މެދު އިހްސާންތެރިވެދީ: ފާރިސް

31 މެއި 2017

ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަން ބޭނުން ވަނީ ފުލުހުންގެ ތަހުގީގަށް ފިއްލަވަން ނޫން ކަމަށާއި އޭނާއާ މެދު އިހްސާންތެރިވެ، ހާލު ދެރަ ބޮޑުދައިތައާ ބައްދަލު ކުރެއްވުމަށް ރާއްޖެ އިން ބޭރަށް ފޮނުއްވައި ދެއްވަން ކަމާބެހޭ އިދާރާތަކުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހްމަދު ފާރިސް މައުމޫން އަނެއްކާ ވެސް މިއަދު އެދިވަޑައިގެންފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަން ބޭނުން ވަނީ ފުލުހުންގެ ތަހުގީގަށް ފިއްލަވަން ނޫން ކަމަށާއި އޭނާއާ މެދު އިހްސާންތެރިވެ، ހާލު ދެރަ ބޮޑުދައިތައާ ބައްދަލު ކުރެއްވުމަށް ރާއްޖެ އިން ބޭރަށް ފޮނުއްވައި ދެއްވަން ކަމާބެހޭ އިދާރާތަކުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހްމަދު ފާރިސް މައުމޫން އަނެއްކާ ވެސް މިއަދު އެދިވަޑައިގެންފި އެވެ.

ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް ރާއްޖެ އިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދެވެން ނެތީ ފުލުހުންގެ ތަހުގީގަށް ހުރަސް އެޅުމަށްޓަކައި އޭނާ އަނބުރާ ރާއްޖެ ވަޑައިނުގެންފާނެ ކަމުގެ ބިރު އޮތުމުން ކަމަށް ހޯމް މިނިސްޓްރީން ބުނުމާ ގުޅިގެން، ނެރުއްވި ބަޔާނެއްގައި ފާރިސް ވިދާޅުވީ ޕާސްޕޯޓް ދޫނުކުރާނަމަ ޓްރެވަލް ޑޮކިއުމެންޓަކުން ނަމަވެސް ބޭރަށް ފޮނުވައިދޭން އެދިވަޑައިގެންނެވި ކަމަށެވެ. އަދި އޭނާއެކު ފުލުހުން ފޮނުވައިދިނުމަށާއި އެ މީހުންގެ ދަތުރު ހަރަދަށް ވެސް ޒިންމާވާނެ ކަމަށް ފުލުސް އޮފީހުގައި ދެންނެވި ކަމަށް ފާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެއީ ތަހުގީގަށް ފިލަން ބޭނުންވާ މީހަކު ހުށަހަޅާނެ ހުށަހެޅުމެއް ނޫން ކަން ބުއްދީގެ ހަމަތަކުން ވިސްނުމުން ވެސް ސާފުވާނެ ކަމަށެވެ.

ފާރިސް ވިދާޅުވި ގޮތުގައި ސިންގަޕޫރުގައި ފަރުވާދެމުން އަންނަ ބޮޑުދައިތައާ ބައްދަލުކުރުމަކީ މިވަގުތު އޭނާ އަށް ވަރަށް މުހިއްމު ކަމެކެވެ. ބޮޑުދައިތަގެ ހާލުގެ ސީރިއަސް ކަން ކަމާބެހޭ އިދާރާތަކުން ވިސްނައި، އެ އިންތިޒާމް ހަމަޖައްސައިދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް ދިވެހިރާއްޖެ އިން ބޭރަށް ފުރުނު ކަމުގައި ވީ ނަމަވެސް އަޅުގަނޑުގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސް އިން ކަނޑައަޅުއްވާ ތާރީޚަކަށް އެނބުރި ރާއްޖެ އަންނާނޭ ކަމުގެ ޔަގީންކަން ހުރިހާ މުއައްސަސާތަކަށާއި އެންމެހައި ދިވެހި ރައްޔިތުންނަށް އަރުވަމެވެ،" އޭނާ ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލާގައި އެއްބާރުލުން ނުދޭ ކަމަށް ހޯމް މިނިސްޓްރީން ބުނުމަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. ފުލުހުންގެ ތަހުގީގަށް މިހާތަނަށް ވެސް ފުރިހަމަ އެއްބާރުލުން ދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުލުހުން ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވާ ތަހުގީގަކީ ސިޔާސީ މަގްސަދެއްގައި ސަރުކާރުގެ ނުފޫޒުން ކުރުވާ ކަމެއްކަން އަޅުގަނޑަށް ސާފުވި ނަމަވެސް، ފުލުހުންގެ ހުރުމަތް ދެމެހެއްޓުމަށްޓަކައި އަޅުގަނޑަށް ދެވެން އޮތް އެންމެ މަތީ ދަރަޖައަކަށް ފުލުހުންނަށް އަދިވެސް އެއްބާރުލުން ދެމުން ގެންދާނޭ ވާހަކަ ދަންނަވަމެވެ،" ފާރިސް ވިދާޅުވި އެވެ.

ފުލުހުންގެ ތަހުގީގަށް ބޭނުންވާ މީހަކު ހާޒިރުކުރަން ފާރިސް އާއި އޭނާގެ އާއިލާ އިން ހުރަސްއަޅާ ކަމަށް ހޯމް މިނިސްޓްރީގެ ބަޔާނުގައި ކޮށްފައިވާ ތުހުމަތު ވެސް ފާރިސް ދޮގުކުރެއްވި އެވެ.

ހޯމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ފާރިސްގެ އާއިލާއާ ގާތް ގުޅުމެއް އޮންނަ އަހުމަދު ސޮފްވާނާ އެ މައްސަލައާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭއިރު، އޭނާ ފުލުސް އޮފީހަށް ހާޒިރު ކުރުމަށް އެތައް ގޮތަކުން މަސައްކަތް ކުރުމުން ވެސް، އެކަމަށް އިޖާބަ ނުދީ، ރާއްޖެ އިން ބޭރުގައި ފިލައިގެން އުޅެނީ ފާރިސްގެ އާއިލާގެ އެހީތެރިކަމާ އެކު ކަމަށް މައުލޫމާތު ލިބެ އެވެ.

އެއީ ފާރިސް ވިދާޅުވި ގޮތުގައި، ކަނޑައެޅިގެން ހަގީގަތާ ހިލާފަށް އޭނާގެ މައްޗަށް ކޮށްފައިވާ ޖިނާއީ ތުހުމަތެކެވެ.

"މިއީ ގާނޫނީ އުސޫލްތަކާއި އަސާސްތަކާ ވެސް ހިލާފު ވާހަކައެކެވެ. ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭ މީހަކު މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހާޒިރުކޮށްދިނުމަކީ އަޅުގަނޑާއި އަޅުގަނޑުގެ އާއިލާގެ މަސްއޫލިއްޔަތެއް ނުވަތަ ގާނޫނީ ޒިންމާއެއް އޮތް ކަމެއް ކަމުގައި ނުދެކެމެވެ،" އޭނާ ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ ފުލުހުންގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވާ މީހަކު ހާޒިރުނުކުރެވިގެން އޭނާ އަށް އެކަމުގެ އަދަބު ދިނުމުގެ ގޮތުން ފުރުން މަނާކުރުމަކީ ގާނޫނޫއަސާސީގެ 44 ވަނަ މާއްދާއާ ކަނޑައެޅިގެން ހިލާފަށް ހިންގާ ބާތިލް އިޖުރާއާތެކެވެ. އަދި އެއީ ތަހުގީގަށް އޭނާ ހާޒިރުނުވެ ފިލާފާނެ ކަމަށް ބެލުމަށް އޮތް ހުއްޖަތެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ފާރިސްއާ މެދު ތުހުމަތުކުރެވޭ މައްސަލައެއް އޮތް ނަމަ ވީހާވެސް އަވަހަކަށް، ޖިނާއީ އަދުލުގެ ނިޒާމްގެ ތެރއިން ހިންގަން ޖެހޭ އިޖުރާއަތުތައް ވީ އެންމެ އަވަހަކަށް ކުރިއަށް ގެންގޮސް ނިންމަން މުއައްސަސާތަކަށް އޭނާ ގޮވާލެއްވި އެވެ.