Roadha Mihaaru
ނަފްސާނީ ގެއްލުން އެންމެ ބޮޑު އެޕަކީ އިންސްޓަގްރާމް

ޒުވާނުންނަށް ނަފްސާނީ ގޮތުން އެންމެ ގެއްލުން ބޮޑު އެޕަކީ އިންސްޓަގްރާމް

22 މެއި 2017

ޒުވާނުންނަށް ނަފްސާނީ ގޮތުން އެންމެ ގެއްލުން ބޮޑު ސޯޝަލް މީޑިއާ އެޕްލިކޭޝަނަކީ އިންސްޓަގްރާމް ކަމަށް ރޯޔަލް ސޮސައިޓީ ފޯ ޕަބްލިކް ހެލްތުން އިނގިރޭސި ވިލާތުގައި ކުރި ދިރާސާއަކަށް ފަހު ބުނެފި އެވެ.

ޒުވާނުންނަށް ނަފްސާނީ ގޮތުން އެންމެ ގެއްލުން ބޮޑު ސޯޝަލް މީޑިއާ އެޕްލިކޭޝަނަކީ އިންސްޓަގްރާމް ކަމަށް ރޯޔަލް ސޮސައިޓީ ފޯ ޕަބްލިކް ހެލްތުން އިނގިރޭސި ވިލާތުގައި ކުރި ދިރާސާއަކަށް ފަހު ބުނެފި އެވެ.

މި ލިސްޓުގައި އިންސްޓަގްރާމަށް ފަހު ދެން އޮތީ ސްނެޕްޗެޓެވެ. އިންސްޓަގްރާމާއި ސްނެޕްޗެޓާ ދެމެދު މާބޮޑު ތަފާތެއް މި ކަމުގައި ނެތް ކަމަށް ދިރާސާއިން ދައްކަ އެވެ.

މި ދިރާސާ ކުރުމަށް، އުމުރުން 14-24 އަހަރާ ދެމެދުގެ 1500 މީހަކާ ސުވާލުކޮށްފައިވެ އެވެ. އެ މީހުންނާ ސުވާލުކޮށްފައި ވަނީ ސޯޝަލް މީޑިއާގެ އެކި އެޕްލިކޭޝަންތަކުގެ ސަބަބުން އެ މީހުންގެ ސިއްހަތާއި އާންމު ދުޅަހެޔޮކަމާއި ޑިޕްރެޝަނާއި ހަށިގަނޑުގެ ސިފަޔާ މެދު ދެކޭ ގޮތް ފަދަ ކަންކަމަށް އަސަރުކުރާ ވަރެއް ދެނެގަތުމަށެވެ.

ސުވާލުތަކަށް ދީފައިވާ ޖަވާބަށް ބަލާއިރު ނަފްސާނީ ގޮތުން އެންމެ ރަނގަޅު އަސަރުތަކެއް ކުރަނީ ޔޫޓިއުބުންނެވެ. އެންމެ ނުރަނގަޅު އަސަރުކުރާ އެޕްލިކޭޝަންތަކުގެ ގޮތުގައި ބުނެފައި ވަނީ އިންސްޓްރާމް، ސްނެޕްޗެޓް، ފޭސްބުކް އަދި ޓްވިޓާ އެވެ.

މިހާރު 700 މިލިއަނަށް ވުރެ ގިނަ މީހުން ބޭނުންކުރާ އިންސްޓަގްރާމަކީ ޒުވާނުންގެ ނަފްސާނީ މައްސަލަތައް ކުރިމަތިކުރުވުމުގައި އެންމެ ބޮޑު ދައުރެއް ކުޅޭ ސޯޝަލް މީޑިއާ އެޕްލިކޭޝަން ކަމަށް ވެފައި ވާއިރު، އޭގެ ގެއްލުން އެންމެ ބޮޑީ ޒުވާން އަންހެނުންނަށް ކަމަށް ވެސް ދިރާސާއިން ދައްކަ އެވެ. އެއީ ޒުވާން އަންހެނުން އެ މީހުންގެ ހަށިގަނޑު ވަކި ގޮތަކަށް ބަހައްޓަން މަޖުބޫރު ކަމަށް ދެކޭ ވިސްނުން އުފެއްދުމާއި އެހެން މީހުންގެ ހަށިގަނޑާއި ތިމާގެ ހަށިގަނޑާ އަޅާކިޔުން ވެސް އިތުރުކުރުވާ އެއްޗަކަށް ވާތީ އެވެ.

މިކަން ހައްލުކުރުމަށް، އެޑިޓްކޮށްފައި ހުންނަ ފޮޓޯތައް އިންސްޓްރާމުން އެނގޭނެ ގޮތެއް ހެދުމަށް ދިރާސާ ޓީމުން ލަފާ ދީފައިވެ އެވެ.

މީގެ އިތުރުން ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް މާގިނައިން ބޭނުންކުރާ ނަމަ އެކަން އަންގައިދޭ އިންޒާރެއް ފެންނަ ގޮތެއް ހެދުމަށް ވެސް ލަފާ ދީފައިވެ އެވެ.