Roadha Mihaaru
އިންސްޓްގްރާމުން ޕްލާސްޓިކް ސާޖަރީ ފިލްޓާ ނަގަނީ

އިންސްޓްގްރާމުން ޕްލާސްޓިކް ސާޖަރީ ފިލްޓާ ނަގަން ނިންމައިފި

24 އޮކްޓޯބަރ 2019

ނަފުސާނީ މައްސަލަތަކާ ދެކޮޅަށް އިންސްޓަގްރާމުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ދަށުން، އެ ޕްލެޓްފޯމްގެ ގެލެރީ އިފެކްޓްގައި އެކުލެވޭ ޕްލާސްޓިކް ސާޖަރީ ފިލްޓާ ނަގަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ނަފުސާނީ މައްސަލަތަކާ ދެކޮޅަށް އިންސްޓަގްރާމުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ދަށުން، އެ ޕްލެޓްފޯމްގެ ގެލެރީ އިފެކްޓްގައި އެކުލެވޭ ޕްލާސްޓިކް ސާޖަރީ ފިލްޓާ ނަގަން ނިންމައިފި އެވެ.

ފޭސްބުކްގެ ދަށުން ހިންގާ އިންސްޓަގްރާމުން އެކަން ކަށަވަރުކޮށް ދެމުން ބުނީ ޕްލާސްޓިކް ސާޖަރީ ފިލްޓާ އާއި އެއާ ދާދި އެއްކަހަލަ ފިލްޓާތައް ވަރަށް އަވަހަށް ނަގަން ނިންމާފައިވާ ކަމަށެވެ. އިންސްޓަގްރާމުން ބުނި ގޮތުގައި ބޭނުންކުރާ މީހުންގެ މެދުގައި "ޕޮޒިޓިވިޓީ" އިތުރުކުރަން އަޅާ ފިޔަވަޅުތަކަށް ހާއްސަކޮށްގެން އާ އުސޫލުތަކެއް އެކުލައިލަވަމުން އަންނަ އިރު، މިހާރު ގެންގުޅޭ އުސޫލުތައް އަލުން މުރާޖައާކުރުމުގެ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

އެހެންވެ "ނެގަޓިވިޓީ" ގެނެސްދޭ ފިލްޓާތައް އިންސްޓަގްރާމުން ނަގާނެ ސީދާ ސުންގަޑިއެއް އަދި ހާމައެއްނުކުރެ އެވެ.

ނަމަވެސް މި ނިންމުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އިންސްޓަގްރާމަށް ތައުރީފުކޮށްފަ އެވެ.

ދާދި ފަހުން އިންސްޓަގްރާމުން ބުލީއާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅައި، ޕޯސްޓްތަކަށް ލައިކް ހޯދުމުގައި އޮންނަ ވާދަވެރިކަން ނައްތައިލުމުގެ ގޮތުން ލައިކް ފީޗާ ހައިޑްކޮށް، ބޮޑީ ޝޭމިންއާ ދެކޮޅަށް ވެސް ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ. އެގޮތުން ޑައެޓްކުރަން ބޭނުންކުރާ ތަކެއްޗާއި ކޮސްމެޓިކް ސާޖަރީ ފަދަ ކަންކަމަށް ބޭނުންކުރާ އެއްޗެހި އިންސްޓަގްރާމްގައި އިޝްތިހާރުކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެ އެވެ.

ޖަމާ ފޭޝަލް ޕްލާސްޓިކް ސާޖަރީ ޖާނަލްގައި މިދިޔަ އަހަރު ޝާއިއުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެކުލެވޭ ފިލްޓާތަކާ ގުޅިގެން، އެޕްތައް ބޭނުންކުރާ މީހުންގެ މެދުގައި ދަނީ "ސްނެޕްޗެޓް ޑިޒްމޯފިއާ" ކިޔާ ބަލިމަޑުކަމެއް އުފެދެމުންނެވެ. އަދި މީގެ ނުރައްކާ ފުރާވަރުގެ ކުދިންނާއި ބޮޑީ ޑިޒްމޯފިކް ޑިސްއޯޑާ (ބީޑީޑީ) ހުންނަ މީހުންނަށް ވަކިން ބޮޑު ކަމަށް ބުނެފައިވެ އެވެ.