Roadha Mihaaru
ޝާހުގެ ހަނދާނުން ނުފިލި "ބޮޑާހޭކުން"

ޝާހުގެ ހަނދާނުން ނުފިލި "ބޮޑާހޭކުން"

03 ޖޫން 2017

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޝާހު އިސްމާއިލްގެ ހަނދާނުގައި ފުޓްބޯޅައާ ގުޅިފައި ހުރި ވަރަށް ގިނަ ކަންކަން ހުންނާނެ އެވެ. އޭނާ ކުޑައިރުއްސުރެ އަދި ތައުލީމީ ހަޔާތުގައި ވެސް ފުޓްބޯޅަ އަކީ އެންމެ ބޮޑު ލޯތްބެވެ. އޭގެ ފަހުން ކްލަބް ފުޓްބޯޅަ އަށް ނުކުމެ، ކުޅުމުން ރިޓަޔަކުރި އިރު، ދިރިއުޅުމަށް ވެސް އެ ނޫން ކަމެއް ކޮށްފައެއް ނުވެ އެވެ. އެކަމަކު އޭނާ އަށް ފޮހެލަން އުނދަގޫވެގެން އުޅެނީ ލިބުނު ބޮޑު ކާމިޔާބީއެއްގެ ހަނދާނެއް ނޫނެވެ. އެންމެ ޒުވާން ދުވަސްވަރުގައި "ބޮޑާހާކާފައި" ދޫކޮށްލެވުނު ފުރުސަތެއްގެ ހަނދާނެވެ.

މޫސާ ލަތީފް މޫސާ ލަތީފް

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޝާހު އިސްމާއިލްގެ ހަނދާނުގައި ފުޓްބޯޅައާ ގުޅިފައި ހުރި ވަރަށް ގިނަ ކަންކަން ހުންނާނެ އެވެ. އޭނާ ކުޑައިރުއްސުރެ އަދި ތައުލީމީ ހަޔާތުގައި ވެސް ފުޓްބޯޅަ އަކީ އެންމެ ބޮޑު ލޯތްބެވެ. އޭގެ ފަހުން ކްލަބް ފުޓްބޯޅަ އަށް ނުކުމެ، ކުޅުމުން ރިޓަޔަކުރި އިރު، ދިރިއުޅުމަށް ވެސް އެ ނޫން ކަމެއް ކޮށްފައެއް ނުވެ އެވެ. އެކަމަކު އޭނާ އަށް ފޮހެލަން އުނދަގޫވެގެން އުޅެނީ ލިބުނު ބޮޑު ކާމިޔާބީއެއްގެ ހަނދާނެއް ނޫނެވެ. އެންމެ ޒުވާން ދުވަސްވަރުގައި "ބޮޑާހާކާފައި" ދޫކޮށްލެވުނު ފުރުސަތެއްގެ ހަނދާނެވެ.

ފުޓްބޯޅައިގެ ތާރީޚަށް ވަދެގެން ދާއިރު 1991 ގައި ކޮލަމްބޯގައި އޮތް ސާފް ގޭމްސް، އޭރުގެ ޒުވާނުންނާއި ބޮޑެތި މީހުންގެ ހިތްތަކުން ފިލައިގެންނެއް ނުދާނެ އެވެ. ހާދަހާ އުފާވެރި ހަނދާނެކެވެ. އެއްވެސް މީހަކު އުއްމީދުނުކޮށް ތިއްބާ ރާއްޖޭގެ ފުޓްބޯޅަ ޓީމު ގޮސް ސާފް ގޭމްސްގެ ފުޓްބޯޅަ ފައިނަލްގައި ކުޅުނީ އެވެ. އޭގެ ކުރިން ފުރަތަމަ ފަހަރަށް ސްރީ ލަންކާގެ ގައުމީ ޓީމު، ގްރޫޕް ސްޓޭޖްގައި، ބަލި ވެސް ކުރީ އެވެ.

ޝާހުގެ ހަނދާނުން ނުފިލައިގެން އުޅެނީ އެ ބޮޑު ކާމިޔާބު ހޯދި ގައުމީ ޓީމުގެ ފުރަތަމަ 11 އިން ފުރުސަތު ލިބެން އޮއްވާ އޭގެ ބޭނުންނުކޮށް ދޫކޮށްލި ދޫކޮށްލުމެވެ.

ގައުމީ ކޯޗު ހަންގެރީގެ މިކޮލަސް ޓެމިސްވާރީ އެދުނީ ވާތް ފަރާތު ބެކަށް ކުޅޭށެވެ. ދެ ފައިން އެއްވަރަކަށް ކުޅުމުގެ ހުނަރު ހުރި ޝާހު އަބަދުވެސް ބޭނުންވީ ފޯވަޑްގެ މަގާމެވެ. އެކަމަކު އެ ފަހަރު އުމުރުން އެންމެ 20 އަހަރުގެ ކުޅުންތެރިޔާ އަށް ވުރެ މާ ތަޖުރިބާ ހުރި ފޯވަޑުން ގައުމީ ސްކޮޑްގައި ހިމެނުނެވެ. ޓެމިސްވާރީ އަށް އުނދަގޫވެގެން އުޅުނީ ވާތު ބެކަށް ކުޅޭނެ ހަލުއި ކުޅުންތެރިޔަކު ހޯދާށެވެ. ޝާހުގެ ކިބައިން އޭނާ އަށް އެ ހުނަރު ފެނުނެވެ.

އެކަމަކު ޝާހު ގައުމީ ޕްރެކްޓިހުގައި ބައިވެރިނުވެ ގެއަށް ދިޔައީ އެވެ.

ސާފް ގޭމްސްގެ ރިހި މެޑެލް ހޯދި ޓީމުގައި ކުޅުނު ކުޑަމޫސަ (މ) އަދި އެ ފަހަރުގެ ގައުމީ ޓީމުގައި ހިމެނުނު އަދި 1997 ގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައި ކުޅުނު ޓީމުގެ ކެޕްޓަން އިބްރާހިމް ރަޝީދު، އަންދަރޭ، (ވ) ދާދި ފަހުން އޮތް ކުރީގެ ކުޅުންތެރިންގެ މެޗެއްގައި: ރިހި މެޑެލް ހޯދުމަކީ ތާރީޚީ ކާމިޔާބީއެއް --. ފޮޓޯ:ނިޝާން އަލީ/މިހާރު

ސާފް ގޭމްސްގެ ރިހި މެޑެލް ހޯދި ޓީމުގައި ކުޅުނު ކުޑަމޫސަ (މ) އަދި އެ ފަހަރުގެ ގައުމީ ޓީމުގައި ހިމެނުނު އަދި 1997 ގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައި ކުޅުނު ޓީމުގެ ކެޕްޓަން އިބްރާހިމް ރަޝީދު، އަންދަރޭ، (ވ) ދާދި ފަހުން އޮތް ކުރީގެ ކުޅުންތެރިންގެ މެޗެއްގައި: ރިހި މެޑެލް ހޯދުމަކީ ތާރީޚީ ކާމިޔާބީއެއް --. ފޮޓޯ:ނިޝާން އަލީ/މިހާރު

"އަހަންނަށް ރޮވުނު ރާއްޖޭގެ ޓީމު ފައިނަލަށް ދިޔައިމާ. އެދުވަހު ހިތަށްއެރި ދެން ދުވަހަކު ވެސް އެ ކަހަލަ ފުރުސަތެއް ދުލެއް ނުކުރާނަމޭ،" ޝާހު، 46، ބުންޏެވެ.

"އޭގެ ފަހުން ގައުމަށް ޚިދުމަތްކުރަން ލިބުނު އެއްވެސް ފުރުސަތެއް ދުލެއް ނުކުރަން. އަބަދުވެސް ހިތަށްއަރަނީ ގައުމަށް ޚިދުމަތްކުރާނަމޭ."

އޭގެ ފަހުން ފުޓްބޯޅަ ދަނޑުގައި ޝާހު ފަހަތަށް އެނބުރި ބަލާފައެއް ވެސް ނުވެ އެވެ. މަހު މުސާރަ ދީގެން ފުރަތަމަ ފަހަރަށް ފުޓްބޯޅަ ކްލަބެއް ހިންގަން ވެލެންސިއާ އިން ގެނައި "ކުޅިވަރުގެ އިންގިލާބު" 1992 ގައި ފެށި އިރު އޭނާ އަކީ މުހިންމު ކުޅުންތެރިއެކެވެ. ފުޓްބޯޅަ ކުޅެގެން އޭނާ އަށް ފުރަތަމަ ލިބުނީ މަހަކު 1200ރ ގެ މުސާރައެކެވެ. އެކަމަކު 2004 ގައި ކުޅުމުން ރިޓަޔަކުރި އިރު އޭނާގެ އަހަރު ދުވަހުގެ މުސާރަ ހުރީ 300،000ރ ގަ އެވެ.

ކޮލަމްބޯ ސާފް ގޭމްސްގެ ފުރުސަތު އަމިއްލައަށް ދޫކޮށްލުމުގެ ހިތިކަން ޝާހުގެ ހަނދާނުން ފޮހެނުލެވިގެން އުޅޭ ސަބަބު ވަރަށް ސާފެވެ. އޭރު ސާކް ގައުމުތަކުގެ ގައުމީ ޓީމުތަކުގެ މެދުގައި އޮންނަ އެންމެ ބޮޑު މުބާރާތަކީ ސާފް ގޭމްސް އެވެ. އެހެންކަމުން އެ މުބާރާތުގެ ފައިނަލްގައި ކުޅުމަކީ، ފުޓްބޯޅައިން އޭރު ލިބެން އޮތް އެންމެ ބޮޑު ޝަރަފެވެ.

"އަބަދުވެސް އަހަރެންގެ ހިތަށްއަރާ އެ ދުވަސް. ވަރަށް، ވަރަށް ދެރަވި،" ޝާހު ބުންޏެވެ.

ހަ އަހަރު ފަހުން ބޮޑު އުފަލެއް

އެ ބޮޑާހޭކުމަށް ފަހު އޭނާގެ ފުޓްބޯޅަ ހަޔާތުން ދެން އަރަން ފެށީ އުއްމީދާއި ކާމިޔާބީގެ އިރެވެ. ހޯދި ކާމިޔާބީތައް މަދެއް ނޫނެވެ. ދިވެހި ފުޓްބޯޅައިގެ ތާރީޚު އަލުން އިއާދަކުރި ގައުމީ ޓީމުގައި ޝާހު މުހިންމު ދައުރެއް އަދާކުރުމަކީ އޭގެ އެއް ހެއްކެވެ. ކޮލަމްބޯ ސާފް ގޭމްސްގެ ހަ އަހަރު ފަހުން ސާފް ޗެމްޕިއަންޝިޕްގެ ނަމުގައި ސަރަހައްދީ މައި ފުޓްބޯޅަ މުބާރާތް ނޭޕާލްގައި ފެށި އެވެ. އެ މުބާރާތަށް ރާއްޖެ އިން ދިޔައީ، އޭރުގެ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ގައުމީ ޓީމަށް ނުކުޅެން ނިންމުމުން، ވަރަށް ޒުވާން ޓީމެކެވެ.

އެހެން ގޮތަކަށް ބުނާ ނަމަ 1991 ގެ ސާފް ގޭމްސްގެ ރިހި މެޑެލް ޓީމު މުސްކުޅިވެ ރާއްޖޭގައި ގާތްގަނޑަކަށް މުޅިން އާ ގައުމީ ޓީމެއް އުފެދުނީ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމް އަދާކުރި އިރު ޝާހު، ނޫސްވެރިންގެ ބައްދަލުވުމެއްގައި -- ފޮޓޯ: ޓްވިޓާ

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމް އަދާކުރި އިރު ޝާހު، ނޫސްވެރިންގެ ބައްދަލުވުމެއްގައި -- ފޮޓޯ: ޓްވިޓާ

ނޭޕާލް މުބާރާތަށް ދިޔައިރު ޝާހުގެ ހުނަރު އޭރު ހުރީ ރާއްޖޭގެ އެންމެ މަތީ ފެންވަރުގަ އެވެ. ސެމީ ފައިނަލްގައި ސްރީ ލަންކާ 2-1 އިން ބަލިކުރި އިރު ފުރަތަމަ ލަނޑު ޖެހީ ވެސް އޭނާ އެވެ. އެފަހަރުގެ ފައިނަލަށް ރާއްޖެ ދިއުމަކީ، 1991 ގެ ސާފް ގޭމްސްއެކޭ އެއްގޮތަށް، ރާއްޖެ އިން ހޯދި ބޮޑު ކާމިޔާބީއެކެވެ.

ޝާހު ބުނި ގޮތުގައި ފުޓްބޯޅަ ހަޔާތުން އޭނާ އަށް ދަސްވީ ރަނގަޅު ދިރިއުޅުމެއް ބިނާކުރާށެވެ. ރާއްޖޭގެ އެންމެ މަތީ ފެންވަރުގައި ގާތްގަނޑަކަށް 15 ވަރަކަށް އަހަރު ވަންދެން ފުޓްބޯޅަ ކުޅެވުނީ، ކުޅުންތެރިޔަކު ގެންގުޅެން ޖެހޭނެ މިންގަނޑުތައް ހިފެހެއްޓުމުންނެވެ.

"ބޭކާރު ގޮތުގައި ވަގުތު ހޭދައެއް ނުކުރަން. ޕްރެކްޓިސް ނިންމާފައި ގެއަށް އައިސް އަރާމުކުރަން. ރަނގަޅު އެއްޗެހި ކަން،" ޝާހު ބުންޏެވެ.

"ކުޅުމަށް ބުރޫއަރާނެ ކަމެއް ނުކުރެވޭތޯ އަބަދުވެސް ބެލީ. އެގޮތަށް ނުބަލައި ކުޅުން ކުރިއަކަށް ނުގެންދެވޭނެ."

ފުޓްބޯޅަ ކުޅުން ހުއްޓާލި އިރު ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމާއި، ފުޓްބޯޅަ ސީޒަންގައި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ އަށް "ހަވީރު"ން އޭރު ދިން ރަން ބޫޓު ދެ ފަހަރަށް ހޯދި އެވެ. އޭގެ ތެރެއިން 1998 ގެ "ހަވީރު"ގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑާއި ރަން ބޫޓު ވެސް ކާމިޔާބީ ކުރީ ޝާހެވެ.

ދަނޑު މަތީގައި ހޯދި ރަން ވަނަތަކާ އެއްގޮތަށް، ކުޅެގެން އަމިއްލަ ދިރިއުޅުން ނަގާކޮޅަށް ޖެހުމަކީ ވެސް، އޭނާ ދެއްކި ރަނގަޅު ނަމޫނާއެކެވެ.

"ގެ ވެސް އިރާދަކުރެއްވިއްޔާ ހެދުނީ ހަމަ ކުޅެގެން،" ޝާހު ބުނެލި އެވެ.

ޝާހު

ޝާހު

ގައުމީ ޓީމަށް ކުޅުމަކީ، ޝާހު ގަބޫލުކުރާ ގޮތުގައި، ގައުމީ ޚިދުމަތެކެވެ. އެ ހަޔާތަށް ފަހު މިހާރު ވެސް ގައުމަށް ޚިދުމަތް ކުރަން ލިބޭ ފުރުސަތެއް ވިއްޔާ ދޫނުކުރާނެ ކަމަށް އޭނާ ބުންޏެވެ. އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުރީ ވެސް، އޭނާ ބުނި ގޮތުގައި، "އެ ނިޔަތުގައި، ގައުމަށް ޚިދުމަތްކުރާ"ށެވެ. އަދި ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުއްޓާ، އެގްރިކަލްޗަ މިނިސްޓްރީ އަށް ބަދަލުކުރުމުން ވެސް ސަރުކާރަށް ޚިދުމަތް ކުރަމުން ގެންދަނީ "އޭރު އެ ލިބުނު ފިލާވަޅު ނަމޫނާއަކަށް ނަގައިގެން"ނެވެ.

"އެފަހަރު [1991] ގައި ދަސްވީ ގައުމަށް ޚިދުމަތް ކުރަން ލިބޭ ފުރުސަތެއް ދޫނުކޮށްލަން. އިރާދަކުރެއްވިއްޔާ އަހަރެން ހުންނާނީ އެގޮތުގައި، ގައުމަށް ޚިދުމަތްކުރަން،" ދާދި ފަހުން ކުރިމަތިވި ހާޓް އެޓާކަށް ފަހު، އާދައިގެ ދިރިއުޅުމެއްގެ ތެރެއަށް އަލުން ނުކުމެފައިވާ ޝާހު ބުންޏެވެ.

ލިބޭ އިބުރަތަކީ ދިރިއުޅުމުގެ އެހެން ކަންކަން ރަނގަޅު ކުރުމުގެ ފިލާވަޅެވެ. ޝާހު އެ ފިލާވަޅުގެ ބޭނުން ހިފީ، އޭނާގެ ކާމިޔާބީތަކަށް ބަލާއިރު، ނަމޫނާ ދައްކަމުންނެވެ.