Roadha Mihaaru
ޖޭޕީގެ ދިދަ މަނާކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި

ޖޭޕީގެ ދިދަ އާއި ނިޝާން މަނާކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި

06 ޖޫން 2017

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ދިދަ އާއި ނިޝާން ބޭނުންކުރުން އިލެކްޝަންސް ކޮމިޝަން (އީސީ) މަނާކުރި މައްސަލަ އެ ޕާޓީން މިއަދު ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ދިދަ އާއި ނިޝާން ބޭނުންކުރުން އިލެކްޝަންސް ކޮމިޝަން (އީސީ) މަނާކުރި މައްސަލަ އެ ޕާޓީން މިއަދު ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވި ގޮތުގައި ކޯޓަށް ހުށަހަޅާފައި ވަނީ، އީސީގެ ނިންމުން ބާތިލްކޮށްދިނުމަށާއި އެ ނިންމުމަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ހޯދުމަށެވެ.

ނަމަވެސް މި މައްސަލަ ސިވިލް ކޯޓަށް ބަލައިގަތް ކަމެއް އަދިއެއް ނޭނގެ އެވެ.

ޖޭޕީގެ ދިދަ އާއި ނިޝާން ބޭނުންކުރުން އިލެކްޝަންސް އިން މިދިޔަ އާދިއްތަދުވަހުން ފެށިގެން މަނާކުރީ، ޖޭޕީގެ ނިޝާނާއި ދިދައިން، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ދިދަ ރަމްޒުކޮށްދޭ ކަމަށް ބުނެ އެވެ.

މިދިޔަ މާޗްމަހު އެކުލަވާލާފައިވާ ދިވެހި ދިދަ ބޭނުންކުރުމުގެ އުސޫލުގައި، ރައީސުލްޖުމްހޫރިއްޔާގެ ދިދަ ހުންނަން ޖެހޭ ގޮތް ކަމަށް ބުނެފައި ވަނީ، ގައުމީ ދިދައިގެ ހަނދުފަޅީގެ އެތެރެއަށްވާ ގޮތަށް ފަސް ފިޔައިގެ ތަރިއެއް ހިމެނޭ ގޮތަށެވެ. މިއީ ރައީސަށް ހާއްސަ ދިދައަކަށް ވާތީ، އެ ދިދައާ ވައްތަރު ދިދައެއް ނުވަތަ ނިޝާނެއް އެހެން އެއްވެސް ފަރާތަކުން ބޭނުންކޮށްގެން ނުވާނެ ކަމަށް އުސޫލުގައިވެ އެވެ.

ރައީސްގެ ދިދައާ ވައްތަރު ދިދަ ބޭނުންކުރުން މި އުސޫލުގެ ދަށުން މަނާކުރިިއިރު، ޖުމްހޫރީ ޕާޓީގެ ރަސްމީ ދިދައިގައި ވެސް ހަނދުފަޅި އަކާއި ތަރިއެއް ހިމެނެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ އެންގުމާ އެއްގޮތަށް، ޖޭޕީގެ ދިދަ އާއި ނިޝާން ބޭނުންކުރުން އެ ޕާޓީން ވަގުތީ ގޮތުން މިހާރު ވަނީ ހުއްޓާލައިފަ އެވެ.

ނަމަވެސް އެ ޕާޓީން ބުނެފައި ވަނީ އިލެކްޝަންސްގެ ނިންމުން ގަބޫލުނުކުރާނެ ކަަމަށެވެ.

ޖޭޕީގެ ތަރުޖަމާން އަލީ ސޯލިހް ވިދާޅުވި ގޮތުގައި ދިވެހި ދިދަ ބޭނުންކުރުމާ ގުޅޭ ގޮތުން ކަނޑައަޅާފައި ވަނީ އުސޫލެއް ކަމަށާއި އެއްވެސް އުސޫލަކީ ގާނޫނު ދަންނަ އެއްޗަކަށް ނުވާތީ، އީސީގެ ނިންމުން ޖޭޕީން ގަބޫލެއް ނުކުރެ އެވެ.

"ގަވައިދެއް ވެސް މިހެދެނީ ގާނޫނަކުން ބާރު ލިބިގެން. ގައުމީ ދިދަ ބޭނުންކުރަންޖެހޭ އުސޫލެއްގެ ދަށުން ޖުމްހޫރީ ޕާޓީގެ ދިދަ ބޭނުން ނުކުރަން އެންގުމަކީ އަޅުގަނޑުމެން ގަބޫލުކުރާ ކަމެއް ނޫން. ދެން އަޅުގަނޑުމެން މި މައްސަލާގައި ފަރުވާ ހޯދާނީ ޝަރުއީ މަރުހަލާގެ ތެރެއިން،" އަލީ ވިދާޅުވެފައިވެ އެވެ.

އޭނާ ފާހަގަކުރައްވާފައިވާ ގޮތުގައި ޖޭޕީގެ ދިދަ އާއި ނިޝާނަކީ 2008 ގައި އެ ޕާޓީ އުފެދުނީއްސުރެ އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓަރީ ކޮށްފައިވާ އެއްޗެހިތަކެކެވެ. އެހެންވެ ދިދަ އާއި ނިޝާން މަނާކުރާއިރު ގާނޫނުގައި ބަޔާންކުރާ ކަންކަމަށް އިލެކްޝަންސް ކޮމިޝަނުން ރިއާޔަތް ކުރަންޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އަލީ ވިދާޅުވި އެވެ.