Roadha Mihaaru

އޮޑިޓް ރިޕޯޓުގައި އޮތީ ފައިސާއަށް ހިޔާނާތްތެރިވި ވާހަކައެއް ނޫން: ޒިޔާދު

އިސްލާމިކް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި އޮތީ މިދިޔަ އަހަރު މުދަލުގެ ޒަކާތާއި ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއަށް ހިޔާނާތްތެރިވި ވާހަކަ ނޫން ކަމަށް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު މިއަދު ވިދާޅުވެއްޖެ އެވެ.

އޮޑިޓްގައި އޮތީ ޚިޔާނާތްތެރިވި ވާހަކައެއް ނޫން: ޒިޔާދު
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

23 ޖޫން 2017

އިސްލާމިކް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި އޮތީ މިދިޔަ އަހަރު މުދަލުގެ ޒަކާތާއި ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއަށް ހިޔާނާތްތެރިވި ވާހަކަ ނޫން ކަމަށް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު މިއަދު ވިދާޅުވެއްޖެ އެވެ.

މުދަލުގެ ޒަކާތާއި ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ ބެހި ގޮތުގެ ތަފްސީލު ނުލިބޭތީ އެ ފައިސާ ލިބުނީ އޭގެ ހައްގުވެރިންނަށް ކަން ކަށަވަރު ނުވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އެގޮތުން އެ އޮޑިޓްގައި ސާމްޕަލްގެ ގޮތުގައި ބޭނުންކުރި 13 މިލިއަން ރުފިޔާ ލިބުނީ އޭގެ ހައްގުވެރިންނަށްކަން ޔަގީން ނުވާ ކަމަށް ރިޕޯޓުގައިވެ އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޒިޔާދު ވިދާޅުވީ 2015 ގެ ޒަކާތާ ގުޅޭގޮތުން ނެރުނު ރިޕޯޓުގައި ޒަކާތް ބަލައިގެން ކަމުގެ ސްލިޕްތަކާއި ޒަކާތް ބަހާފައިވާ ސްލިޕްތައް ބައެއް ކައުންސިލްތަކުން ފޯރުކޮށްދީފައި ނުވާކަން ރިޕޯޓުން ހާމަވާ ކަމަށެވެ. އެގޮތުން 18 ރަށަކުން ސްލިޕްތައް ފޮނުވާފައި ނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

"މިނިސްޓްރީން ޒަކާތުގެ ފައިސާއަށް ހިޔާނާތްތެރިވި ވާހަކައެއް ނޫން އޮތީކީ ރިޕޯޓުގައި. އެކަން ރައްޔިތުންނަށް ޔަގީންކަން ދެން. އަޅުގަނޑުމެން މިހާރު ވެސް ކުރިއަށްގެންދާ ހަރުދަނާ އުސޫލުތަކުގެ މަތިން ޒަކާތުގެ ކަންކަންކުރިއަށް ގެންދާނަން،" ޒިޔާދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އޮޑިޓް ރިޕޯޓުގައި ނެތަސް، 2015 ގައި ނެރުނު ރިޕޯޓަށްވުރެ މި ފަހުން ނެރުނު ރިޕޯޓުގައި ވަރަށް ގިނަ ކަންކަން ރަނގަޅު ކަމަށެވެ. އަދި ޒަކާތުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަރަށް ގިނަ މަސައްކަތްކެއް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އަހުމަދު (ކ) ވާހަކަ ދައްކަވަނީ. - ފޮޓޯ: މިހާރު/ ނިޝާން އަލީ

އިސްލާމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އަހުމަދު (ކ) ވާހަކަ ދައްކަވަނީ. - ފޮޓޯ: މިހާރު/ ނިޝާން އަލީ

އެގޮތުން ސަރުކާރުގެ އެކިއެކި މުއައްސަސާތައް ގުޅިގެން ފަގީރުންގެ އަދަދާއި ފަގީރުންގެ ލިސްޓެއް އެކުލަވާލާފައިވާ ކަމަށާއި ރާއްޖޭގެ ރަށްރަށުގައި މުދަލު ޒަކާތް މީރާ މެދުވެރިކޮށް ބަލައިގަތުމަކީ ވެސް ކުރެވޭ ރަނގަޅު ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރު ގަވާއިދާ ޚިލާފަށް އެއް މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް އޮޑިޓް ރިޕޯޓުގައި ބުނާތީ އެކަމާ ގުޅޭ ގޮތުން ޒިޔާދު ވިދާޅުވީ އެއީ މިނިސްޓްރީން ގަނެފައި ހުރި ތަކެތީގެ ވާހަކަ ކަމަށެވެ. އެ މަސައްކަތާ ހަވާލުކުރި މުވައްޒަފު ޗުއްޓީގައި ހުރުމުން އޮޑިޓް އޮފީހަށް އެކަން ހާމަ ނުކުރެވުނީ ކަމަށާއި މުވައްޒަފު ޗުއްޓީން އައުމުން އެ މައުލޫމާތެއް އޮޑިޓް އޮފީހަށް ހާމަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އަހުމަދު ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ޒަކާތް ބެހުމަށް ފަހު އެކަން ހިނގައިދިޔަ ގޮތުގެ ރިޕޯޓެއް ކައުންސިލްތަކުން ތައްޔާރު ކުރަން ޖެހޭ ކަމަށެވެ. އަދި އެ ރިޕޯޓު ވަކި މުއްދަތެއްގެ ކުރިން މިނިސްޓްރީ އަށް ފޮނުވަން ޖެހޭ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރިޕޯޓު އިސްލާމިކް މިނިސްޓްރީއަށް ނުލިބެނީސް، ޒަކާތް ދެއްކިކަން ކަށަވަރެއް ނުވާނެ އެވެ. އަދި އޮޑިޓް އޮފީހަށް ވެސް އެ މައުލޫމާތުތައް ހިއްސާ ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު މިނިސްޓްރީއަށް ލިބިފައި ހުރި ރިޕޯޓުތައް އޮޑިޓް އޮފީހާ ހިއްސާ ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަށްރަށުގައި ޒަކާތް ހައްގުވާ މީހުންގެ ފައިސާގެ ތެރެއިން ބާކީވާ ފައިސާ މިނިސްޓްރީ އަށް އަނބުރާ ފޮނުވާފައި އެ ސްލިޕް ފިނޭންސާއި އިސްލާމިކް މިނިސްޓްރީއަށް ފޮނުވަން އޮވޭ. އަޅުގަނޑުމެންނާ ހަމައަށް އެ ސްލިޕް ނުފޮނުވަނީހެއް ފައިސާއަށް ވީ ގޮތެއް ބުނެދޭކަށް ނޭނގޭނެ،" އިބްރާހިމް ވިދާޅުވި އެވެ.

"މުދަލު ޒަކާތް ބަހާފައި ބާކީވާ ފައިސާ ތިޖޫރީގައި ބަހައްޓައިގެން ވަރަށް ނުތިބޭނެ. ފިނޭންސް މިނިސްޓްރީގައި އޮންނަ އެކައުންޓަށް ޖަމާ ކުރާނެ. ނަމަވެސް ބައެއް ފަހަރަށް ހަނދާން ނެތެނީ ފިނޭންސަށް ސްލިޕް ފޮނުވިޔަސް، އަޅުގަނޑުމެންނަށް ސްލިޕް ފޮނުވަން. މިހެން ދިމާވެފައި އެބަހުރި،"

އިބްރާހިމް ވިދާޅުވި ގޮތުގައި 18 ކައުންސިލަކުން ސްލިޕްތައް ނުފޮނުވަނީ ގަސްދުގައި ކަމަށް މިނިސްޓްރީން ގަބޫލެއް ނުކުރެ އެވެ. އަދި ސްލިޕްތައް ނުފޮނުވަނީ އެކަމުގެ މުހިންމުކަން ކައުންސިލްތަކަށް ނޭނގޭތީ ކަމަށާއި އެހެންވެ، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އާ ގުޅިގެން އެކަން ހަރުދަނާ ކުރަން މަސައްކަތް ކުރާ ކަމަށް އިބްރާހިމް ވިދާޅުވި އެވެ.