Roadha Mihaaru
މެކޭނިކަލް ޕާކިން ސިސްޓަމް ބޭނުންކުރަން ފަށައިފި

މެކޭނިކަލް ޕާކިން ސިސްޓަމް ބޭނުންކުރަން ފަށައިފި

08 ޖުލައި 2017

ކާރު ޕާކު ކުރުމަށް ހާއްސަކޮށްގެން ވެލާނާގޭ ސަރަހައްދުގައި ބެހެއްޓި މެކޭނިކަލް ޕާކިން ސިސްޓަމް ބޭނުންކުރަން ފަށާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކާރު ޕާކު ކުރުމަށް ހާއްސަކޮށްގެން ވެލާނާގޭ ސަރަހައްދުގައި ބެހެއްޓި މެކޭނިކަލް ޕާކިން ސިސްޓަމް ބޭނުންކުރަން ފަށާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭގައި ބެހެއްޓި ފުރަތަމަ އޮޓޮމޭޓަޑް ޕާކިން ސިސްޓަމް ބޭނުންކުރަން ފަށައި އިތުރު ސިސްޓަމްތައް ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ވެލާނާގޭ ސަރަހައްދުގައި މި ބެހެއްޓި ޕާކިން ސިސްޓަމްގައި 10 ކާރު ޕާކުކުރެވޭނެ އެވެ.

ކާރު ޕާކުކުރަން ފީއެއް ނަގަން ހަމަޖައްސާފައިވީ ނަމަވެސް އެއީ ކިހާ ވަރެއް ކަމެއް އަދި ސާފެއް ނުވެ އެވެ. ފީ ދައްކާނެ އިލެކްޓްރޯނިކް ނިޒާމް ހަރުކުރާ ގޮތަށް ހަމަޖައްސާފައި ވަނީ އެ ސިސްޓަމުގަ އެވެ.

ކާރު ޕާކުކުރާ ދެ ވަނަ ސިސްޓަމް ބަހައްޓަން ނިންމާފައި ވަނީ އައިޖީއެމްއެޗްގެ ސަރަހައްދުގަ އެވެ. ކާރު ޕާކުކުރާނެ 10 ސިސްޓަމާއި ސައިކަލް ޕާކުކުރާނެ 10 ސިސްޓަމް ގެނައުމަށް އެސްޓީއޯއާ ވަނީ ހަވާލުކޮށްފަ އެވެ. ކޮންމެ ސިސްޓަމެއްގައި 10 ކާރު ޕާކުކުރެވޭއިރު ކޮންމެ ސައިކަލް ސިސްޓަމެއްގައި 100 ސައިކަލް ޕާކުކުރެވޭނެ އެވެ.

ޕާކިން ސިސްޓަމްތައް ބަހައްޓަން ނިންމާފައި ވަނީ ކާރުބާރުބޮޑު، އާންމުން އެންމެ ގިނައިން ހިދުމަތް ހޯދަން ދާ ސަރަހައްދުތަކުގަ އެވެ.

މިނިސްޓްރީން ކުރިން ބުނެފައި ވަނީ މެދުނުކެނޑި ކޮންމެ މަހަކު އެކަތި ނޫނީ ދެ ސިސްޓަމް ގެނެސް، އަންނަ އަހަރުގެ މާޗް މަސް ނިމެންވާ އިރަށް ހުރިހާ ސިސްޓަމްތަކެއް އިންސްޓޯލްކޮށް ނިމޭނެ އެވެ.