Roadha Mihaaru
ގާނޫނުއަސާސީން އުފެއްދި އެއްޗެއް އެއަށްވުރެ މަތިނުވެވޭނެ

ގާނޫނުއަސާސީން އުފެއްދި އެއްޗަކަށް އެއަށްވުރެ މައްޗެއް ނުވެވޭނެ: ފާއިޒު

14 ޖުލައި 2017

ގާނޫނުއަސާސީން އުފެއްދި އެއްޗެއް، އެއަށްވުރެ މަތި ނުވެވޭނެ ކަމަށް ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ގާނޫނުއަސާސީން އުފެއްދި އެއްޗެއް، އެއަށްވުރެ މަތި ނުވެވޭނެ ކަމަށް ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.

ފޭސްބުކްގައި ފާއިޒް ވިދާޅުވީ ގާނޫނުއަސާސީ މާނަ ކުރުމުގެ ފުރިހަމަ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށެވެ. އެކަމަކު، ގާނޫނުއަސާސީގައި އޮތް އެއްޗެއް ބަދަލު ކުރުމުގެ އެއްވެސް އިހްތިޔާރެއް ސުޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފާއިޒް ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓަކީ ގާނޫނުއަސާސީން އުފެއްދި ތަނެކެވެ. ގާނޫނުއަސާސީން އުފެއްދި އެއްޗަކަށް، އެއަށްވުރެ މަތި ނުވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނުއަސާސީއާ ގުޅުން ހުރި މައްސަލަތަކުގައި ތަފާތު ރައުޔު ލިޔުނީ މި އުސޫލު ގަބޫލު ކުރެއްވޭތީ،" ފާއިޒް ވިދާޅުވި އެވެ.

ބެލެވޭ ގޮތުގައި ފާއިޒް މި އިޝާރާތް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފި ނުވަތަ ޕާޓީން ވަކިވެއްޖެ ނުވަތަ ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ހުކުމްކޮށްފައި ވަނިކޮށެވެ. ނަމަވެސް ގާނޫނުއަސާސީގައި މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތަކުގެ ތެރޭގައި ޕާޓީއާ ގުޅޭ އެއްވެސް ކަމެއް ހިމަނާފައެއް ނުވެ އެވެ.

ހުކުމުގައިވާ ގޮތުން އެ ހުކުމުގެ އުސޫލުތައް ހިނގާނީ އެންޓި ޑިފެކްޝަން ލޯ (މެމްބަރުން ވަކިވާނެ ހަލާތްތައް ބަޔާންކުރާ ގާނޫނެއް) މަޖިލީހުން ފާސްކުރަން ދެންނެވެ.

ބަންޑާރަ ނައިބު މުހައްމަދު އަނިލް ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ބުނާ ގޮތުން ގޮނޑި ގެއްލޭނީ ހުކުމް ކުރި ދުވަހުން ފެށިގެން ޕާޓީތަކުން ވަކިވާ، ވަކިކުރާ އަދި އެހެން ޕާޓީއަކާ ގުޅޭ މެމްބަރުންނެވެ. މިހާރުގެ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ފަހު އެތައް މެމްބަރުންނެއް އެކި ޕާޓީތަކަށް ބަދަލުވެފައި ވިޔަސް، އެ މެމްބަރުންގެ ގޮނޑިއަށް އަސަރެއް ނުކުރެ އެވެ.

މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ނަމަ އެ ދާއިރާއެއްގެ ބައިއިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ. ގާނޫނު ބުނާ ގޮތުން ރައްޔިތުންގެ މަޖިލިހުގެ ހުސްވާ ގޮނޑިތަކުގެ ބައިއިލެކްޝަން ބާއްވަން ޖެހެނީ ދެ މަސް ދުވަހުގެ ތެރޭގަ އެވެ.

ފާއިޒް ފޭސްބުކްގައި ލިޔުއްވި ޕޯސްޓު.