Roadha Mihaaru
ސްޓެލްކޯ އިން ޝަރޫ އަށް ދިން ފައިސާ ދައްކަން ޖެހިއްޖެ

ޑޮލަރު ހޯދަން ސްޓެލްކޯ އިން ޝަރޫ އަށް ދިން ތިން މިލިއަން އަނބުރާ ދައްކަން ހުކުމްކޮށްފި

16 ޖުލައި 2017

ސްޓެލްކޯ އަށް ޑޮލަރު ހޯދުމަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ޝަރޫ ލޯންޗް ކުންފުންޏަށް ދީފައި ވަނިކޮށް ޑޮލަރު ނުލިބުނު މައްސަލާގައި، ސްޓެލްކޯ އިން ދެއްކި ތިން މިލިއަން ރުފިޔާ އަނބުރާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސްޓެލްކޯ އަށް ޑޮލަރު ހޯދުމަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ޝަރޫ ލޯންޗް ކުންފުންޏަށް ދީފައި ވަނިކޮށް ޑޮލަރު ނުލިބުނު މައްސަލާގައި، ސްޓެލްކޯ އިން ދެއްކި ތިން މިލިއަން ރުފިޔާ އަނބުރާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ދިވެހި ރުފިޔާގެ ބަދަލުގައި ޑޮލަރު ދޭނެ ކަމަށް ބުނެ ސްޓެލްކޯ އިން 3،084،000ރ. ހޯދުމަށް ފަހު ޝަރޫ ކުންފުނިން ސްޓެލްކޯ އަށް ދޫކުރި ދެ ލައްކަ ޑޮލަރުގެ ޗެކް ވަނީ ބައުންސްވެފަ އެވެ. އެހެންވެ، ސްޓެލްކޯ އިން ދައުވާކުރީ އެ ކުންފުނިން ދެއްކި ތިން މިލިއަން ރުފިޔާ އަނބުރާ ހޯދުމަށެވެ.

މިދިޔަ ބުރާސްފަތިދުވަހު ކޯޓުން ކުރި ހުކުމުގައި ވަނީ ދެ ފަރާތުން ކުރަން އުޅުނު މުއާމަލާތް ފުރިހަމަ ނުވާތީ، އެއީ ޝަރޫ ކުންފުނިން ސްޓެލްކޯ އަށް އަނބުރާ ދައްކަންޖެހޭ ފައިސާއެއް ކަމަށެވެ. އެހެންވެ، ބުރާސްފަތިދުވަހުން ފެށިގެން 30 ދުވަހުުގެ ތެރޭގައި އެ ފައިސާ ކޯޓަށް ދެއްކުމަށް ގާޒީ ހާތިފް ހިލްމީ ކުރެއްވި ހުކުމުގައި ޝަރޫ ކުންފުންޏަށް އަންގާފައިވެ އެވެ.

ޝަރޫ ކުންފުންޏަކީ ފެނަކަ ކޯޕަރޭޝަނަށް އެއް މިލިއަން ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ އެ ކުންފުނިން 17 މިލިއަން ރުފިޔާ ހޯދި ކުންފުންޏެވެ. ޝަރޫ ކުންފުނިން ފެނަކަ އަށް ދޫކުރި އެއް މިލިއަން ޑޮލަރުގެ ޗެކް ވެސް ވަނީ ބައުންސްވެފަ އެވެ. އެ މައްސަލަ ފުލުހުން ބަލަން ފަށައި، ބައެއް މީހުން ހައްޔަރު ވެސް ކުރި އެވެ. އެކަމަކު މިހާރު އެ މީހުން ވަނީ ދޫކޮށްލައިފަ އެވެ.