Roadha Mihaaru
ހާލު ސީރިއަސްވެ، ޒާހިލް އައިޖީއެމްއެޗުގެ އައިސީޔޫގައި

ހާލު ސީރިއަސްވެ، ޒާހިލް އައިޖީއެމްއެޗުގެ އައިސީޔޫގައި

01 އޯގަސްޓް 2017

އިންފެކްޝަނެއްގެ ސަބަބުން ނުކެވި، އެތައް ވޭނެއް ތަހައްމަލު ކުރަމުންދާ އިބްރާހީމް ޒާހިލްގެ ހާލު މާ ބޮޑަށް ސީރިއަސްވެ އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އިންފެކްޝަނެއްގެ ސަބަބުން ނުކެވި، އެތައް ވޭނެއް ތަހައްމަލު ކުރަމުންދާ އިބްރާހީމް ޒާހިލްގެ ހާލު މާ ބޮޑަށް ސީރިއަސްވެ އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

އޭނާގެ ހާލު ގޯސްވީ، ގިނަ ދުވަސްތަކެއް ވާންދެން ބެންކޮކުގައި ފަރުވާ ހޯދުމަށް ފަހު އެނބުރި ރާއްޖެ އަންނަނިކޮށް، ރޭ ފްލައިޓް މަތީގަ އެވެ.

"ފްލައިޓްގައި އިންދާ ކުއްލިއަކަށް ނޭވާ ހާސްވެގެން ހާލު ގޯސްވީ. މިކޮޅަށް ގެނެސް އިމަޖެންސީގައި ފަރުވާދިނުމަށް ފަހު އައިސީޔޫއަށް ބަދަލުކުރީ،" އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ ބުންޏެވެ.

ޒާހިލް އެނބުރި ރާއްޖެ ގެނައީ ބަރުދަން އިތުރުނުވާތީ ބެންކޮކު ހޮސްޕިޓަލުން އޮޕަރޭޝަން ނުކުރެވުމުންނެވެ. އޭނާގެ ބަރުދަން މިހާރު ހުރީ 16 ކިލޯގަ އެވެ. އެއީ މީގެ އަށް މަސް ކުރިން އޭނާ ރާއްޖޭން ގެންދިޔައިރު ވެސް ހުރި ބަރުދަނެވެ.

ގިނަ ބައެއްގެ އެހީތެރިކަމާ އެކު، 17 އަހަރުގެ ޒާހިލް ބެންކޮކަށް ގެންގޮސް ފަރުވާދޭން ފެށުމުން އޭނާގެ ހާލު ވަރަށް ބޮޑަށް ރަނގަޅުވި އެވެ. އެގޮތުން ބަރުދަން 22 ކިލޯއަށް އަރައި، ކެވޭނެ ގޮތް ހެދުމަށް އޮޕަރޭޝަން ކުރުމަށް ތައްޔާރު ވެސް ވި އެވެ.

އެކަމަކު ބަނޑަށް ހޮޅި ގުޅައިގެން ހާއްސަ ކިރެއް ދެމުން އައި ޒާހިލަށް އަނެއްކާ ވެސް ނުކެވި، ހާލު ދަށަށް ދިޔައީ އެވެ.

ޒާހިލްގެ ދައްތަ ބުނިގޮތުގައި ކޮއްކޮ ރާއްޖެ ގެނައީ ފަހުން އިންޑިއާ އަށް ގެންގޮސް، އެތަނުން އޮޕަރޭޝަން ކުރެވޭތޯ ބެލުމަށެވެ.

"ބެންކޮކު ހޮސްޕިޓަލަކުން ނުބުނޭ އޮޕަރޭޝަން ނުކޮށްދޭނަމޭ. އެކަމަކު މާ ބޮޑަށް ހިކިވުމުން އެ މީހުން ރިސްކް ނަގަން ބޭނުން ނުވީ. އެހެންވެ، އަޅުގަނޑުމެން ބޭނުންވީ އިންޑިއާ އަށް ގެންގޮސް އިތުރު ފަރުވާއެއް ލިބޭތޯ ބަލަން،" މީގެ ކުރިން ވެސް އިންޑިއާއިން ފަރުވާ ހޯދާފައިވާކަން ފާހަގަކޮށް އޭނާ ބުންޏެވެ.

ބެންކޮކު ހޮސްޕިޓަލުގައި ފަރުވާ ހޯދުމަށް ފަހު މީގެ ދެ މަހެއްހާ ދުވަސް ކުރިން ވެސް ޒާހިލް މާލެ އައެވެ. އެއީ މިކޮޅުގައި ހުރެގެން އޭނާގެ ބަރުދަން އިތުރުވުމުން، އޮޕަރޭޝަން ކުރުމަށް އެނބުރި ބެންކޮކަށް ދާ ގޮތަށެވެ. އެކަމަކު ދެވަނަ ފަހަރަށް ބެންކޮކަށް ދިޔަ ފަހުން އޭނާގެ ހާލަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެ އެވެ.