Roadha Mihaaru
"ރަޝިޔާއާ ދެކޮޅަށް ވަނީ ވިޔަފާރީގެ ހަނގުރާމަ އިއުލާންްފައި"

އެމެރިކާ އިން ވަނީ ރަޝިޔާއާ ދެކޮޅަށް ވިޔަފާރީގެ ހަނގުރާމައެއް އިއުލާންކޮށްފައި

03 އޯގަސްޓް 2017

މޮސްކޯ (އޮގަސްޓް 3) - އެމެރިކާ އިން ވަނީ ރަޝިޔާއާ ދެކޮޅަށް ވިޔަފާރީގެ ހަނގުރާމައެއް އިއުލާންކޮށްފައި ކަމަށް ރަޝިޔާގެ ބޮޑު ވަޒީރު ދިމިތުރީ މެޑްވެޑޭވް ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

މޮސްކޯ (އޮގަސްޓް 3) - އެމެރިކާ އިން ވަނީ ރަޝިޔާއާ ދެކޮޅަށް ވިޔަފާރީގެ ހަނގުރާމައެއް އިއުލާންކޮށްފައި ކަމަށް ރަޝިޔާގެ ބޮޑު ވަޒީރު ދިމިތުރީ މެޑްވެޑޭވް ވިދާޅުވެއްޖެ އެވެ.

މެޑްވެޑޭވްގެ ފޭސްބުކުގައި ލިޔުއްވާފައިވާ ގޮތުގައި ރަޝިޔާއާ ދެކޮޅަށް އިގްތިސާދީ ގޮތުން ދަތި ކުރުމުގެ ފިޔަވަޅު އެޅުމުން ދޭހަވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އާރެއް ބާރެއް ނެތް ކަމެވެ. އަދި ކޮންގްރެސް އިން ވަނީ ޓްރަމްޕުގެ އަގު ވައްޓާލާ ނިކަމެތިކޮށްލާފައި ކަމަށް ވެސް ވިދާޅުވި އެވެ.

ރަޝިޔާއާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅުތައް އެޅީ މިދިޔަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވަން އުޅުމާއި ޔޫކްރޭނާ ގުޅޭ ގޮތުން މޮސްކޯ އިން އެޅި ފިޔަވަޅުތަކާ ގުޅިގެންނެވެ.

މެޑްވެޑޭވް ވިދާޅުވީ އެމެރިކާ އިން އެޅި އާ ފިޔަވަޅާ ގުޅިގެން ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރާ ގުޅުން ރަނގަޅު ކުރުމުގެ އުއްމީދު ކުޑަވެއްޖެ ކަމަށެވެ. މީގެ އިތުރުން ކޮންގްރެސް އިން މިފަދަ ފިޔަވަޅު އަޅަނީ ޓްރަމްޕުގެ ބާރެއް ނެތްކަން ދެއްކުމަށް ކަމަށާއި އެއީ ޓްރަމްޕުގެ އިތުބާރު ނެތްކަމުގެ ވޯޓަކަށް ދިއުމަށް ކޮށާ މަގެއް ކަމަށެވެ.

އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުން މޮސްކޯ އިން ވަނީ ރަޝިޔާގައި ތިބޭ އެމެރިކާގެ 755 ޑިޕްލޮމެޓަކު ފޮނުވާލަން ނިންމައިފަ އެވެ.

ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅި ލިޔުމުގައި ސޮއި ކުރައްވަމުން ޓްރަމްޕް ވަނީ ކޮންގްރެސް އިން މާބޮޑުވަރު ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ. ރަޝިޔާގެ އިތުރުން ނޯތު ކޮރެއާ އާއި އީރާނާ ދެކޮޅަށް ވެސް ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ.

އީރާނުން ބުނެފައި ވަނީ އެ ގައުމާ ދެކޮޅަށް އެޅި ދަތިކުރުމުގެ އާ ފިޔަވަޅުތަކަކީ 2015 ވަނަ އަހަރު ސޮއިކުރި ނިއުކްލިއާ އެއްބަސްވުމާ ޚިލާފު ފިޔަވަޅުތަކެއް ކަމަށެވެ. އަދި އެމެރިކާ އިން އެޅި ފިޔަވަޅާ އެއްވަރުގެ ރައްދެއް ދޭނެ ކަމަށް ވަނީ އީރާނުން ބުނެފަ އެވެ.

އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅާ ގުޅިގެން ނޯތު ކޮރެއާ އިން ރަސްމީކޮށް ރައްދުދީފައެއް ނުވެ އެވެ.