Roadha Mihaaru
ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ޖެހޭ

ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެމެރިކާގެ ސެނޭޓަރުން ގޮވާލައިފި

29 ޑިސެމްބަރ 2016

ވޮޝިންޓަން (ޑިސެމްބަރު 29) - އެމެރިކާގެ ރިޔާސީ އިންތިހާބު ހެކްކޮށްފައިވާ ކަމަށް ބުނާ މައްސަލައިގައި ރަޝިޔާ އާއި އެ ގައުމުގެ ރައީސް ލަޑިމިއާ ޕުޓިންއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށް އެމެރިކާގެ ސެނެޓުގެ މަޝްހޫރު ތިން މެންބަރަކު ގޮވާލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޑިސެމްބަރު 29) - އެމެރިކާގެ ރިޔާސީ އިންތިހާބު ހެކްކޮށްފައިވާ ކަމަށް ބުނާ މައްސަލައިގައި ރަޝިޔާ އާއި އެ ގައުމުގެ ރައީސް ލަޑިމިއާ ޕުޓިންއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށް އެމެރިކާގެ ސެނެޓުގެ މަޝްހޫރު ތިން މެންބަރަކު ގޮވާލައިފި އެވެ.

ސެނެޓަރުން ބުނެފައި ވަނީ ރަޝިޔާއާ ދެކޮޅަށް އަޅާ ފިޔަވަޅުތަކަށް ސެނެޓުގައި ދެ ޕާޓީގެ ތާއީދު ވެސް ލިބޭނެ ކަމަށެވެ.

ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އަޅަން ގޮވާލި ސެނެޓަރުންނަކީ ޖޯން މެކްކޭން، ލިންޑްސޭ ގްރެހަމް އަދި ޑިމޮކްރެޓިކް އަމީ ކްލޮބުޗާ އެވެ. ސީއެންއެން އަށް ގްރެހަމް ވިދާޅުވެފައި ވަނީ ރަޝިޔާއާ ދެކޮޅަށް އަޅަން ގަސްދުކުރާ ފިޔަވަޅުތަކުން އެ ގައުމަށް ވަރަށް ބޮޑަށް އަސަރު ކުރާނެ ކަމަށެވެ.

"ރަޝިޔާ އިން އިންތިހާބު ހެކްކޮށްފައިވާ ކަމަށް ސެނެޓުގެ 99 މެންބަރުން ގަބޫލް ކުރާ ކަމަށް ދެންނެވިދާނެ. އެކަމާ ދެކޮޅަށް ކޮންމެވެސް ކަމެއް ކުރަން މިއުޅެނީ،" ގެރެހަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަޝިޔާ އިން އުޅެނީ ދުނިޔޭގެ ގައުމުތަކުގައި ގާއިމްވެފައި އޮތް ޑިމޮކްރެސީ ނެތިކޮށްލަން ކަމަށާއި އެކަމަކު އެކަން ދެން ނުވާނެކަން ރަޝިޔާ އިން ގަބޫލް ކުރަން ޖެހޭ ކަމަށެވެ.

ރައީސް ކަމަށް އިންތިހާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕް ވަނީ ރަޝިޔާ އިން އިންތިހާބު ހެކްކޮށްފައިވާ ކަމަށް ބުނާ ބުނުމާ ވަރަށް ބޮޑަށް ދެކޮޅު ހައްދަވައިފަ އެވެ. އެކަމަކު ރަޝިޔާއާ ދެކޮޅަށް އަޅާނެ ފިޔަވަޅުތައް، ވެރިކަމުން އަންނަ މަހު ފައިބައި ވަޑައިގަންނަވާ ބަރަކް އޮބާމާ މިއަދުގެ ވަގުތެއްގައި އިއުލާން ކުރައްވާނެ ކަމަށް ބެލެވެ އެވެ. އެމެރިކާ އިން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި އިގްތިސާދީ ގޮތުން ދަތި ކުރުމާއި ސިޔާސީ ގުޅުންތަކަށް ބަދަލު ގެނައުން ހިމެނެ އެވެ.

އެމެރިކާ އިން އަޅަން އުޅޭ ފިޔަވަޅުތަކާ ގުޅިގެން ރަޝިޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން މާރިއާ ޒަކަރޯވާ ވިދާޅުވީ ވޮޝިންޓަނުން ދެކޮޅުވެރިކަމުގެ ގޮތުން ފިޔަވަޅެއް އަޅައިފި ނަމަ އޭގެ ރައްދު ދޭނެ ކަމަށެވެ.

"އެމެރިކާގައި ހުރި ރަޝިޔާގެ ޑިޕްލޮމެޓިކް މިޝަންތަކާ ދެކޮޅަށް ފިޔަވަޅެއް އަޅައިފި ނަމަ ރަޝިޔާގައި ތިބޭ އެމެރިކާގެ ޑިޕްލޮމެޓުންނާ ދެކޮޅަށް ވެސް ފިޔަވަޅު އަޅާނަން،" ޒަކަރޯވާ ވިދާޅުވި އެވެ.

ސީއައިއޭގެ އޮފިޝަލުން އެމެރިކާގެ މީޑިއާތަކަށް މި މަހު ކުރީކޮޅު ބުނެފައި ވަނީ އިންތިޚާބުގެ ނަތީޖާ ޓްރަމްޕް ކޮޅަށް އަނބުރާލުމަށް ރަޝިޔާގެ ހެކަރުން މަސައްކަތްކޮށްފައިވާ ކަމުގެ ހެކި އެބަހުރި ކަމަށެވެ. ސީއައިއޭގެ އޮފިޝަލުންނަށް ރައްދު ދެމުން ޓްރަމްޕުގެ ކެމްޕޭން ޓީމުން ބުނެފައި ވަނީ "އެއީ ސައްދާމު ހުސޭންގެ އަތުގައި ފަނާކުރަނިވި ހަތިޔާރު ހުރި ކަމަށް ބުނި މީހުން" ކަމަށެވެ.

ރަޝިޔާގެ ބައެއްގެ ގޮތުގައި ކްރައިމިއާ ހެދި މައްސަލާގައި އީޔޫ އިން މިހާރު ވެސް ވަނީ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ.