Roadha Mihaaru
ހިއްސާގެ ބާޒާރުން އުރީދޫގެ ހިއްސާ ވިއްކަން ފަށަނީ

އުރީދޫގެ ހިއްސާ ސްޓޮކް އެކްސްޗޭންޖުން ގަނެވޭ ގޮތަށް ހަމަޖައްސައިފި

06 އޯގަސްޓް 2017

އުރީދޫ މޯލްޑިވްސްގެ ހިއްސާތައް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަސްމީކޮށް ލިސްޓުކޮށް، އަންނަ ބުދަ ދުވަހުން ފެށިގެން ގަނެ ވިއްކުމަށް ހުޅުވާލަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އުރީދޫ މޯލްޑިވްސްގެ ހިއްސާތައް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަސްމީކޮށް ލިސްޓުކޮށް، އަންނަ ބުދަ ދުވަހުން ފެށިގެން ގަނެ ވިއްކުމަށް ހުޅުވާލަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތްދޭ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ހިއްސާތައް އެކަށައަޅައި، ހިއްސާތައް ހިއްސާދާރުންގެ އެކައުންޓުތަކަށް ޖަމާކޮށްފައިވާ ކަމަށެވެ. އަދި ހިއްސާތައް އެކަށައެޅިފައިވާ ކަމާއި މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ އެކައުންޓުތަކަށް ޖަމާކޮށްފައިވާކަން ބަޔާންކޮށް ކޮންމެ ހިއްސާދާރަކަށް ރަސްމީ ލިޔުމެއް ފޮނުވިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އުރީދޫން ބުނީ އެ ލިޔުން ފޮނުވިފައި ވާނީ ހިއްސާ ގަތުމަށްޓަކައި ހިއްސާދާރުން ހުށަހަޅުއްވާފައިވާ އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ އެޑްރެހަށް ކަމަށެވެ.

"ހިއްސާ ގަތުމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން އެކި ސަބަބުތަކާހުރެ އެޕްލިކޭޝަން ފޯމު ބަލައިގަނެ ހިއްސާ އެކަށައަޅައި ދެވިފައި ނުވާ ފަރާތްތަކަށް، އެ ފަރާތްތަކުން ދައްކަވާފައިވާ ފައިސާ ރިފަންޑް ކުރުމުގެ މަސައްކަތް މިހާރު ކުރެވެމުން އެބަދޭ. އަދި ރިފަންޑް ކުރެވުމާއެކު އެފަރާތްތަކަށް ލިޔުމުން އެކަން އަންގާނެ ވާހަކަ ވެސް ދެންނެވިން. ރިފަންޑް ކުރެވޭ ފައިސާ ޖަމާކުރެވޭނީ ހިއްސާ ގަތުމަށްޓަކައި ހުށަހަޅުއްވާފައިވާ އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ އެކައުންޓަށް،" އެ ކުންފުނިން ބުންޏެވެ.

އުރީދޫގެ، ހިއްސާ ވިއްކަން ހުޅުވާލި މުއްދަތު ހަމަވި އިތު 421 މިލިއަން ރުފިޔާގެ ހިއްސާ 8،000 އަށް ވުރެ ގިނަ މީހުން ގަނެފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ތިރީސް ރުފިޔާގެ ރޭޓުން ހިއްސާ ވިއްކި އިރު އެއީ ޖުމްލަ 421،346،100ރ. ގެ ހިއްސާ އެވެ. އަދި އެއީ ވިއްކާލަން ހުޅުވާލި 15 ޕަސަންޓްގެ ހިއްސާގެ ތެރެއިން 9.5 ޕަސެންޓް ހިއްސާ ކަމަށް ވެސް އުރީދޫން ބުންޏެވެ.

އެ ކުންފުނީގެ ހިއްސާ ގަތުމުގެ މުއްދަތު ހަމަވީ މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހު އެެވެ. އުރީދޫން ރާއްޖެ އާއި ރާއްޖެން ބޭރުގެ މުއައްސަސާތަކާއި އަމިއްލަ އިންވެސްޓަރުންނަށް ހުޅުވާލީ އެ ކުންފުނީގެ ހިއްސާގެ 40 ޕަސެންޓާ ހަމައަށް ގަތުމުގެ ފުރުސަތެވެ.