Roadha Mihaaru
އުރީދޫގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

އުރީދޫގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

21 އޯގަސްޓް 2017

‎އުރީދޫ މޯލްޑިވްސްގެ އާންމު ހިއްސާދާރުންގެ ފަރާތުން ކަނޑައަޅާ ޑިރެކްޓަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

‎އުރީދޫ މޯލްޑިވްސްގެ އާންމު ހިއްސާދާރުންގެ ފަރާތުން ކަނޑައަޅާ ޑިރެކްޓަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ކުންފުނިން ނެރުނު އިއުލާނުގައި ބުނެފައި ވަނީ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތުގައި ވީހާ ގިނަ އަންހެނުން އެ މަގާމަށް ކުރިމަތިލާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތްދޭ ކުންފުނިން ބުނީ ‎އެ ކުންފުނީގެ ހިންގާ ގަވާއިދުގައިވާ ގޮތުގެމަތިންނާއި ހިއްސާދާރުން ގަނެފައިވާ ހިއްސާގެ އަދަދަށް ބެލުމަށްފަހު، އާންމު ހިއްސާދާރުން ތަމްސީލްކުރުމަށް އެކަކު ޑިރެކްޓަރުކަމުގެ މަގާމަށް އައްޔަންކުރަން ޖެހޭ ކަމަށެވެ. އަދި އެ ޑިރެކްޓަރު އައްޔަންކުރެވޭނީ މި އަހަރު ބާއްވާ އެ ކުންފުނީގެ ފުރަތަމަ އަހަރީ އާންމު ޖަލްސާގަ އެވެ.

އެ މަގާމަށް ކުރިމަތިލާ މީހެއްގެ އަތުގައި މަދުވެގެން 50 ހިއްސާ އޮންނަން ޖެހޭނެ ކަމަށް އިއުލާނުގައިވެ އެވެ. އޭގެ އިތުރުން ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ޔުނިވާސިޓީއަކުން ޑީގްރީއެއް ހާސިލްކޮށްފައިވުމާއި ރާއްޖޭގައި ނުވަތަ އެހެން ގައުމެއްގެ ޕްރައިވެޓް ނުވަތަ ޕަބްލިކް ސެކްޓާގައި މަތީ މަގާމެއްގައި މަސައްކަތްކޮށް، މަދުވެގެން ދިހަ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ވެސް ހިމެނެ އެވެ. އަދި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ދެ ކުންފުންޏަށް ވުރެ ގިނަ ކުންފުނީގެ ބޯޑުގައި ހިމެނޭ ފަރާތަކަށް ނުވުން ވެސް ހިމެނެ އެވެ.

އެ ކުންފުނިން ބުނީ އެކަމަށް ކުރިމަތިލާ ފަރާތްތަކުން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އުރީދޫން ބުނީ ‎އަހަރީ އާންމު ޖަލްސާގައި ވޯޓުލުމަށް ޖަލްސާއަށް ގޮސް ނުވަތަ އެހެން ހިއްސާދާރެއްގެ ނަމުގައި "ޕްރޮކްސީ" ވޯޓުގެ ގޮތުގައި ލެވޭނީ އެއް ވޯޓު ކަމަށެވެ. ކުންފުނިތަކުގެ ގާނޫނާއި ސީޖީ ކޯޑު އަދި ފިޓް އެންޑް ޕްރޮޕަ ގައިޑްލައިންސްގައިވާ ގޮތުގެ މަތިން ބޯޑު ޑިރެކްޓަރުކަމުގެ މަގާމަށް ހޮވޭ ފަރާތް ބޯޑުގައި އިންނަވާނީ ޑިރެކްޓަރު ކަމަށް ހޮވޭ ދުވަހުން ފެށިގެން 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ނިޔަލަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާ ބާއްވާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.