Roadha Mihaaru

ކުޓީނިއޯ މައްސަލައިގައި ފަހު ގޮތް ނިންމާނީ ކްލޮޕް: ރިޕޯޓް

ލިވަޕޫލް (އޮގަސްޓް 8) - ލިވަޕޫލުގެ ބްރެޒިލް ޕްލޭމޭކަރު ފިލިއްޕޭ ކުޓީނިއޯ ބާސެލޯނާ އަށް ވިއްކާލުމާ މެދު ފަހު ގޮތް ނިންމާނީ އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ކުޓީނިއޯ މައްސަލައިގައި ފަހު ގޮތް ނިންމާނީ ކްލޮޕް

ލިވަޕޫލް (އޮގަސްޓް 8) - ލިވަޕޫލުގެ ބްރެޒިލް ޕްލޭމޭކަރު ފިލިއްޕޭ ކުޓީނިއޯ ބާސެލޯނާ އަށް ވިއްކާލުމާ މެދު ފަހު ގޮތް ނިންމާނީ އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ބާސެލޯނާ އިން ބްރެޒިލްގެ ތަރި ނޭމާ ޕީއެސްޖީ އަށް ދުނިޔޭގެ ރެކޯޑް އަގަކަށް ވިއްކާލުމަށް ފަހު އެ މަގާމު ފޫބައްދަން ގެންދަން އެންމެ ބޭނުންވާ ކުޅުންތެރިއަކީ ކުޓީނިއޯ އެވެ. ކުޓީނިއޯ ގަންނަން ބާސެލޯނާ އިން ފުރަތަމަ ހުށަހެޅި 80 މިލިއަން ޕައުންޑްގެ ބިޑަށް ލިވަޕޫލުން ވަނީ ނުނެކޭ ބުނެފަ އެވެ. އަދި އެއްވެސް އަގެއްގައި ނުވިއްކާނެ ކަމަށް އަންގައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން އަންނަނީ 100 މިލިއަން ޕައުންޑުގެ ބިޑެއް ކުޓީނިއޯ އަށް ކުރަން ތައްޔާރުވަމުންނެވެ. އިނގިރޭސި ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މި އަގު ބާސެލޯނާ އިން ހުށަހަޅައިފިނަމަ ލިވަޕޫލްގެ ބޯޑުގެ ވިސްނުން އެ ޓީމުގެ ކޯޗު ކްލޮޕްއާ ތަފާތެވެ. ބޯޑުގެ ބައެއް މެމްބަރުން ބޭނުންވަނީ އެ އަގުގައި ކުޓީނިއޯ ވިއްކާލުމަށެވެ.

އެހެން ނަމަވެސް ލިވަޕޫލުން ކްލޮޕްއާ އެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން އޭނާ ކޯޗުކަމާ ހަވާލުވާތާ ދެ ވަނަ އަހަރުން ފެށިގެން ކްލަބްގެ ޓްރާންސްފާ ކަންތަކުގައި ފަހު ބަސް ބުނުމުގެ އިހުތިޔާރުވަނީ ދީފަ އެވެ. އެހެން ކަމުން ކިތަންމެ ބޮޑު ހުށަހެޅުމެއް ލިވަޕޫލް ކުޅުންތެރިއަކަށް އައި ނަމަވެސް ކްލޮޕްގެ ހުއްދަ ނުލިބި ވިއްކާލުމުގެ އިހުތިޔާރެއް ނެތެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކުޓީނިއޯ ބޭނުންވަނީ ބާސެލޯނާ އަށް ބަދަލުވާށެވެ. އެހެން ނަމަވެސް އެކަން އޭނާ ކުރާނީ ލިވަޕޫލުން އޭނާ ވިއްކާލަން އެއްބަސްވެއްޖެނަމަ ކަމަށެވެ. އަދި އަމިއްލަ އަށް ޓްރާންސްފާ ރިކުއެސްޓެއް ހުށަހަޅައިގެން ކްލަބް ބަދަލުކުރުމުގެ ވިސްނުމެއް ކުޓީނިއޯގެ ނެތްކަމަށް އޭނާއާ ހަވާލާދީ ބައެއް މީޑިއާ ތަކުން ރިޕޯޓްކުރެ އެވެ.

އިންޓަ މިލާން ދޫކޮށް 2013 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި 8.5 މިލިއަން ޕައުންޑަށް ލިވަޕޫލަށް ބަދަލުވުމަށް ފަހު ކުޓީނިއޯ އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އަދި މިިދިޔަ ޖެނުއަރީ މަހު ކުޓީނިއޯ ވަނީ 2022 ގެ ނިޔަލަށް ލިވަޕޫލާ އެކު އެއްބަސްވުން އާ ކޮށްފަ އެވެ. ލިވަޕޫލާ އެކު އެންމެ ފަހުން ކުޓީނިއޯ ސޮއިކުރި އެއްބަސްވުމުގައި އޭނާގެ ކޮންޓްރެކްޓް އުވާލެވޭނެ އެއްވެސް އަގެއް ހުށަހަޅާފައިނުވެ އެވެ.