ސައިންސްވެރިން ކުރިން ގަބޫލުކުރި ގޮތުން ނަމަ ސެޓާންގެ ހިތްގައިމު ރިންގްތަކުގެ އުމުރު އުޅޭނީ އެތައް ބިލިއަން އަހަރެއްގަ އެވެ. އެކަމަކު ފުނޑުފުނޑުވުމުގެ މަގުމަތީގައި މިހާރު އޮތް ކެސިނީ ޖައްވީ އުޅަނދުން މި ފަހުން ފޮނުވި މައުލޫމާތުތައް ގޮސް ޖެހެނީ އެއަށް ވުރެ މާ ހަގު އުމުރެއްގަ އެވެ؛ 100 މިލިއަން އަހަރެވެ.
03 ސެޕްޓެމްބަރ 2017
ސައިންސްވެރިން ކުރިން ގަބޫލުކުރި ގޮތުން ނަމަ ސެޓާންގެ ހިތްގައިމު ރިންގްތަކުގެ އުމުރު އުޅޭނީ އެތައް ބިލިއަން އަހަރެއްގަ އެވެ. އެކަމަކު ފުނޑުފުނޑުވުމުގެ މަގުމަތީގައި މިހާރު އޮތް ކެސިނީ ޖައްވީ އުޅަނދުން މި ފަހުން ފޮނުވި މައުލޫމާތުތައް ގޮސް ޖެހެނީ އެއަށް ވުރެ މާ ހަގު އުމުރެއްގަ އެވެ؛ 100 މިލިއަން އަހަރެވެ.
މުޅި ކާއިނާތުގެ އުމުރުކަމަށް މިހާތަނަށް ގަބޫލުކުރެވޭ ވަރާއި އަހަރެމެންގެ ސޯލާ ސިސްޓަމްގެ އުމުރަށް ބަލާއިރު 100 މިލިއަން އަހަރަކީ ވަރަށް ޒުވާން މުއްދަތެކެވެ.
ބިޔަ ޕްލެނެޓްގެ ވަށައިގެން ކެސިނީ އެންމެ ފަހުން އަޅާ ބުރުތަކުގެ ތެރޭގައި އޮގަސްޓް 20 ވަނަ ދުވަހު ފޮނުވި މައުލޫމާތުތަކުން ސައިންސްވެރިންނަށް މި ވަނީ ހައިރާންކަން ގެނެސްދީފަ އެވެ. ބައެއް ސައިންސްވެރިން ގަބޫލުކުރަމުން އަންނަނީ ސެޓާންގެ ރިންގްތައް އުފެދިފައި އެވަނީ އެ ޕްލެނެޓަށް ސިފަ އަންނަން ފެށި ކަމަށް ބެލެވޭ 4.5 ބިލިއަން އަހަރު ކުރިން ކަމަށެވެ.
ރިންގްތައް އުފެދިފައި ވަނީ ޖައްވީ ހިލަ އާއި ގަނޑުފެނާއި ހިރަފުހުގެ "ކުނިބުނިން"ނެވެ.
މިދިއަ އެޕްރީލް މަހުން ފެށިގެން ސެޓާން އާއި ރިންގްތަކުގެ ދެމެދަށް ކޮންމެ ހަ ދުވަހަކުން ވަދެ ބުރެއް ޖަހަމުން އަންނަ ކެސިނީގެ އެއް މަސައްކަތަކަށް ވީ ރިންގްތަކުގައި ހިމެނޭ އެ ބައިތަކުގެ ކުޑަބޮޑުމިން ބެލުމެވެ. އެހެން ގޮތަކަށް ބުނާ ނަމަ އެ އެއްޗެހީގެ މާސް ދެނެގަތުމެވެ. އެ ރިންގްތަކަށް ކުރިން ގަބޫލުކުރިހާ ދުވަސް ވީ ނަމަ އެ ކުނިބުނިތަކުގައި ހިމެނޭ ބައިތަކުގެ މާސްގެ ނިސްބަތް ވަރުގަދަ ވާން ޖެހެ އެވެ. މާނައަކީ އެ ބައިތައް ބޮޑުވާން ޖެހެ އެވެ.
އެޕްރީލް 2017 އިން ފެށިގެން ސެޓާން އާއި އޭގެ ރިންގްތަކުގެ ދެމެދަށް ކެސިނީ އުޅަނދު ޑައިވްކުރާ 22 ފަހަރު އޭގެ ދައުރުވުން ދައްކައިދޭ ކުރެހުމެއް: މި ކުރެހުމުގައި ވާ ރޮނގުތަކަކީ އެއިން ކޮންމެ ޑައިވެއްގައި ދަތުރުކުރާ މިސްރާބު.
އެކަމަކު ކެސިނީން ފޮނުވި ފަހުގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި ރިންގްތަކުގައި ހިމެނެނީ އެތައް ބިލިއަން އަހަރަކަށް ދެމިގެންދާނެ ފަދަ ބޮޑެތި ބައިތަކެއް ނޫނެވެ. އެހެންކަމުން މިހާރު ބެލެވެނީ އެ ރިންގްތައް އުފެދިފައި ވަނީ މާ ފަހުން، ސެޓާންގެ ސަރަހައްދުގެ ތެރޭގައި ދުންތަރިއެއް ނުވަތަ ސެޓާންއާ މާ ކަރިއަށް ޖެހުނު ހަނދެއް ކަހަލަ އެއްޗެއް ގޮވައިގެން ބުރައިގެން ދިޔަ ބައިތަކުންކަމެވެ.
"ސެޓާންގެ ވަރުގަދަ ދަމާބާރުގައި ޖެހި ޖައްވީ އެކަހަލަ އެއްޗެހި ފުނޑުވާނެ. ދެން އެއިން އުފެދޭ ކުދިކުދި އެހެން ބައިތައް ރިންގްތަކަކަށް ބަދަލުވުން އެކަށީގެންވޭ،" އާ ހޯދުމުން ފުރަތަމަ ގެނެސްދިން ނަތީޖާއަށް ބިނާކުރައްވައި މިސާލެއް ޖައްސަވަމުން، ކެސިނީ ޕްރޮޖެކްޓްގެ ސައިންސްވެރިއެއް ކަމަށް ވާ ލިންޑާ ސްޕައިކާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރިންގްތަކުގައި ހިމެނުން ގާތީ، ފަހުގެ މައުލޫމާތުތަކުން ދޭހަވާ ގޮތުގައި، މީގެ 100 މިލިއަން އަހަރު ކުރިން ފުނޑުފުނޑުވެ، އެ ސަރަހައްދަށް ވަދެފައިވާ ޖައްވީ ކުނިބުންޏެވެ. އެ ކުނިބުނިތަކުގެ މާސް މިހާރު ހުރި ނިސްބަތަށް ބަލާއިރު އެއީ 4.5 ބިލިއަން އަހަރު ކުރިން އުފެދުނު އެއްޗިއްސަށް ވުން ދުރު ކަމަށް ލިންޑާ ވިދާޅުވި އެވެ.
ސޯލާ ސިސްޓަމްގެ އެންމެ ދުރުގައި ހިމެނޭ އެއް ޕްލެނެޓް ކަމަށްވާ ސެޓާންގެ ދިރާސާތަކަށް ނާސާ އިން 3.2 ބިލިއަން ޑޮލަރުގެ ކެސިނީ އުދުއްސާލީ މީގެ 20 އަހަރު ކުރިން 1997 ގަ އެވެ. ސެޓާންއާ ހަމައަށް އެއަށް ދެވުނީ ހަ އަހަރު ފަހުންނެވެ. ގާތްގަނޑަކަށް 14 އަހަރުގެ ދިރާސާތަކާއި އެތައް ހާސް ފޮޓޯއެއް ސައިންސްވެރިންނަށް ފޯރުކޮށްދިނުމަށް ފަހު ކެސިނީ މިހާރު ތައްޔާރުވަމުން އެ ދަނީ އޭގެ އެންމެ ފަހު ދުވަސްތަކަށެވެ. ސެޓާންގެ އެޓޮމޮސްފިއާ ތެރެއަށް ވަދެ، ފުނޑުފުނޑުވާން ނާސާ އިން އޭގެ ކޮންޓްރޯލް ދޫކޮށްލާނީ ސެޕްޓެމްބަރު 15 ގަ އެވެ.
ކެސިނީ މިހާތަނަށް ނަގާފައިވާ ފޮޓޯތައް (މަތިން ވާތުން ފެށިގެން) ހަނދު ޓައިޓަން، އެންސެލަޑޫސް، ސެޓާންގެ ރިންގްގެ ބައިތަކެއް އަދި ސެޓާންގެ ނޯތު ޕޯލް: ސެޕްޓެމްބަރު 14 ގައި އެންމެ ފަހު ފަހަރު މި ހުރިހާ ދިމާލަކަށް ކެސިނީގެ ކެމެރާތައް އަމާޒުކުރާނެ.
ނާސާ އިން އެގޮތަށް ކަންތައް ކުރަނީ ކެސިނީގައި ހިމެނޭ ހަކަތަ ހުސްވެ، ނާސާގެ ކޮންޓްރޯލްގެ ދަށުން ބޭރުވެއްޖެ ނަމަ، ސެޓާންގެ މުހިންމު ހަނދުތައް ކަމަށް ވާ ޓައިޓަން ނުވަތަ އެންސެލަޑޫސް އަށް ވެއްޓި އެތަންތަނުގެ ތިމާވެށި ގަޑުބަޑު ވެދާނެތީ އެވެ. މިހާތަނަށް ފެނުނު ހެކިތަކަށް ބަލާއިރު ސައިންސްވެރިންނަށް ލަފާކުރެވެނީ ދުނިޔެ އިން ބޭރުގައި އެއްވެސް ކަހަލަ ދިރުމެއް ވާ ނަމަ އެ ދިރުން އުފެދުން އެންމެ ކައިރީ އެ ހަނދުތަކުގެ ގަނޑުފެނުގެ އަޑީގައި ވާ ކަނޑުތަކުގައި ކަމަށެވެ.
ކުރިމަގުގައި އެ ތަހުލީލުތަކަށް އުޅަނދުތައް ފޮނުވުމުގެ ޕްލޭންތައް ނާސާގެ ސައިންސްވެރިންގެ އެބަ އޮތެވެ. އެހެންކަމުން އޭގެ ކުރިން ކެސިނީ ކަހަލަ އެ މަސައްކަތަށް ހާއްސަނުކުރާ އުޅަނދެއް ވެއްޓި މާހައުލަށް ކުޑަ ވެސް ބަދަލެއް އަންނާކަށް ސައިންސްވެރިން ބޭނުމެއް ނުވެ އެވެ.
ސެޓާންގެ އެޓްމޮސްފިއާގެ ތެރެއަށް ކެސިނީ ވައްޓާލުމުގެ ކުރިން އެންމެ ފަހުގެ ފޮޓޯތައް ނަގާނީ ސެޕްޓެމްބަރު 14 ގަ އެވެ. ޓައިޓަން އާއި އެންސެލަޑޫސްގެ އާ ފޮޓޯތަކަކަށް ކެސިނީގެ ކެމެރާ އެދުވަހު އަމާޒުކުރާނެ އެވެ.
ކެސީނީގެ ހަދިޔާތަކުގެ ތެރެއިން ހިތްގައިމު 10 ފޮޓޯ
20 އަހަރު ފަހުން ކެސީނީގެ ވާހަކަ ނިމުމަކަށް
ކެސިނީން ނެގި ދުނިޔޭގެ ފޮޓޯ: ކުޑަކުޑަ ތިއްކެއް
ނާސާ އިން "ޓްރާންފޯމާ" ރޮބޮޓެއް ޓައިޓަން އަށް
ވޮޔަޖާ، އިންސާނީ އުފެއްދުމެއް ޖައްވުގައި 40 އަހަރު
އިރާ އެންމެ ކައިރިއަށް ދިއުމުގެ ރެކޯޑް ނާސާއަށް
އޯޒޯންގެ ބާގަނޑު 2066 ގައި އެއްކޮށް ބެދޭނެ!
ޖައްވީ ކުނިގަނޑެއްގެ މައްސަލައިގައި ދައުވާކުރަނީ
އަރަބި އަންހެނަކު އަލަށް ޖައްވަށް
ރާއްޖޭގައި ހުރެގެން ކިރާއިރަށް ވުރެ ތުރުކީގައި ބަރުވާނެ