ރާއްޖޭ ގަޑިން މިއަދު ހަވީރު 3:30 އާއި 5:00 އާ ދެމެދު، ދުނިޔެއާ 1.4 ބިލިއަން ކިލޯމީޓަރު ދުރުގައި، ސައިންސްގެ ވަރަށް ކާމިޔާބު ދަތުރެއް ނިމުމަކަށް އަންނާނެ އެވެ. ސެޓާންގެ އެޓްމޮސްފިއާގެ ގޭސްތަކުގެ ތެރޭގައި، ވިރިގެން ދާނީ އެމެރިކާގެ ޖައްވީ އިދާރާ ނާސާ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީއެސްއޭ) ގުޅިގެން ކުރިއަށް ގެންދިޔަ ކެސީނީ ޕްރޮޖެކްޓްގެ މައި އުޅަނދު، ކެސީނީ އެވެ.
15 ސެޕްޓެމްބަރ 2017
ރާއްޖޭ ގަޑިން މިއަދު ހަވީރު 3:30 އާއި 5:00 އާ ދެމެދު، ދުނިޔެއާ 1.4 ބިލިއަން ކިލޯމީޓަރު ދުރުގައި، ސައިންސްގެ ވަރަށް ކާމިޔާބު ދަތުރެއް ނިމުމަކަށް އަންނާނެ އެވެ. ސެޓާންގެ އެޓްމޮސްފިއާގެ ގޭސްތަކުގެ ތެރޭގައި، ވިރިގެން ދާނީ އެމެރިކާގެ ޖައްވީ އިދާރާ ނާސާ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީއެސްއޭ) ގުޅިގެން ކުރިއަށް ގެންދިޔަ ކެސީނީ ޕްރޮޖެކްޓްގެ މައި އުޅަނދު، ކެސީނީ އެވެ.
މިއީ ސައިންސްގެ ވަރަށް ލޯބި ވާހަކައެއްގެ ނިމުމެވެ. އެ ނިންމުން އަންނަނީ ވެސް އެހާމެ ތަފާތު ގޮތަކަށެވެ. ސައިންސްވެރިން ބޭނުން ނަމަ ޖައްވުގެ ތެރެއަށް އޭގެ ޒާތުގައި ވާނެ އެއްޗެއް ވާން ކެސީނީ ދޫކޮށްލެވިދާނެ އެވެ. އެކަމަކު އެހެން ހަދައިފި ނަމަ ކުރިމަގުގެ އަގުހުރި އެތައް ދިރާސާތަކަކަށް ހުރަސް އެޅިދާނެތީ، ކެސީނީ ޕްރޮޖެކްޓްގެ ބައިވެރިން ނިންމީ ސެޓާންގެ އެޓްމޮސްފިއާގެ ތެރެއަށް ވައްޓާލާށެވެ.
ސައިންސްވެރިން ބުނާ ގޮތުގައި ކެސީނީ ދޫކޮށްލައިފި ނަމަ ސެޓާންގެ މުހިންމު ހަނދުތައް ކަމަށް ވާ ޓައިޓަން ނުވަތަ އެންސެލަޑޫސް އަށް ވެއްޓި އެތަންތަނުގެ ތިމާވެށި ގަޑުބަޑުކޮށްފާނެ އެވެ.
ކެސީނީން ނަގާފައިވާ ސެޓާންގެ މި ފޮޓޯ އިން އެ ފެންނަނީ ޕްލެނެޓްގެ ނޯތު ޕޯލް: މި ސަރަހައްދުގައި ވަރަށް ބިޔަ ތޫފާންތައް އުފެދިފައިވާ ކަމަށް ސައިންސްވެރިން ބުނޭ
އެންސެލަޑޫސްއާ މެދު ސައިންސްވެރިން ވަރަށް ބޮޑު އުއްމީދެއް ކުރެ އެވެ. ކެސީނީން ނެގި ފޮޓޯތަކުން އެ ހަނދުގެ ސައުތު ޕޯލް ސަރަހައްދުގައި ހުރި ވަޅުތަކުން މައްޗަށް ފެން އަރާ ތަން ފެނުނެވެ. މިހާރު ބެލެވޭ ގޮތުގައި އެގޮތަށް ފެން ބޭރުކުރަނީ ހަނދުގެ ހަރު ފަށަލައިގެ އަޑީގައި ދެމިގެން ދާ ފުން ކަނޑުންނެވެ.
ދިރުން އުފެދޭ ނަމަ ފެނަކީ އެންމެ މައިގަނޑު އަސާސް އެވެ. އެހެންކަމުން އެންސެލަޑޫސްގެ ތިމާވެށި ދިރާސާކުރަން މުސްތަގުބަލުގައި ހާއްސަ އުޅަނދުތަކެއް ފޮނުވުމުގެ ކުރިން ދުނިޔޭގެ އެހެން އެއްޗަކުން އެ ހަނދަށް އެއްވެސް ކަހަލަ ތަގައްޔަރުކަމެއް ގެންނާކަށް ނާސާ އިން ބޭނުމެއް ނުވެ އެވެ.
ދުނިޔޭގައި ގާއިމްކޮށްފައިވާ ކޮންޓްރޯލް ރޫމުގެ ބާރުގެ ދަށުން ކެސީނީ ނެއްޓުމުގެ ކުރިން ސެޓާންގެ އެޓްމޮސްފިއާގެ ތެރޭގައި އެ އުޅަނދު ވިރުވާލަން ސައިންސްވެރިން ނިންމީ އެ ފަދަ ނުރައްކަލަކުން ސަލާމަތް ވާށެވެ.
އެމެރިކާގެ ޖައްވީ އުޅަނދު ކެސީނީން ނަގާފައިވާ މި ފޮޓޯ އިން އެ ފެންނަނީ ސެޓާންގެ ހަނދު، އެންސެލަޑޫސްގެ ގަނޑުފެނުގެ ފަށަލަ
ކެސީނީ އުޅަނދުގެ އެންމެ ފަހުގެ މަސައްކަތަކަށް މިއަދު ވާނީ، ސެޓާންގެ އެޓްމޮސްފިއާގައި ހިމެނޭ މާއްދާތަކުގެ މައުލޫމާތު ފޮނުވުމެވެ. އެކަމަކު އެއީ އޭގެ އެންޓަނާ ދުނިޔެއާ އަމާޒުވެފައި ހުންނާނެ ކުޑަ ވަގުތުކޮޅުގެ ތެރޭގަ އެވެ. އެ ހާލަތުގައި ވެސް ލިބޭ މައުލޫމާތު ވާނީ ސައިންސްވެރިންނަށް ރަނަކަށެވެ.
މީގެ ކުރިން އިންސާނީ އެއްވެސް އުފެއްދުމެއް ސެޓާންގެ އެ ސަރަހައްދަށް ދަތުރުކޮށްފައެއް ނުވެ އެވެ.
ދުނިޔެ ނިސްބަތްވާ އިރުގެ ނިޒާމުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއް ޕްލެނެޓް، ސެޓާން އާއި އޭގެ ހަނދުތަކާ ބެހޭ އެތައް ހާސް ދިރާސާތަކެއް ކުރުމުގައި ކެސީނީ ވަނީ ގާތްގަނޑަކަށް 13 އަހަރު ހޭދަކޮށްފަ އެވެ. މިއީ މަޝްރޫއު އެކުލަވާލި އިރު ސައިންސްވެރިން ކަނޑައެޅި އަމާޒަށް ވުރެ ވެސް ދިގު މުއްދަތެކެވެ.
ނާސާ އާއި އީއެސްއޭ އިން 3.9 ބިލިއަން ޑޮލަރު ހޭދަކޮށްގެން ހިންގި މަޝްރޫއުގައި، އޮކްޓޯބަރު 15، 1997 ގައި ކެސީނީ އުދުއްސާލީ، އީއެސްއޭ އިން ތައްޔާރުކުރި ކުޑަ އެހެން އުޅަނދެއް ކަމަށްވާ ހައިގެންސް، އޭގެ ތެރޭގައި ގުޅުވާލައިފަ އެވެ.
ހައިގެންސްގެ ބޭނުމަކީ ސެޓާންގެ އެންމެ ބޮޑު ހަނދު ކަމަށްވާ ޓައިޓަންގެ ބިމަށް ތިރިކުރުމެވެ. ޑިސެމްބަރު 24، 2004 ގައި ކެސީނީން އެ ދޫކޮށްލުމާ އެކު ޓައިޓަންއާ ދިމާއަށް ދަތުރުކޮށް ބިމަށް ތިރިކުރީ ޖެނުއަރީ 14، 2005 ގަ އެވެ.
ހައިގެންސް ވަނީ ޓައިޓަންގެ ބިމާއި އެޓްމޮސްފިއާއާ ބެހޭ އެތައް މައުލޫމާތެއް ސައިންސްވެރިންނަށް ފޯރުކޮށްދީފަ އެވެ.
ކެސީނީގެ ހިތްގައިމު ދަތުރުގެ އެންމެ ފަހު ފަސް މަސް ދުވަސް ހޭދަކުރީ ވެސް މީގެ ކުރިން އިންސާނުން އުފެއްދި އުޅަނދަކަށް ނުކުރެވޭ ވަރުގެ މަސައްކަތްތަކެއްގަ އެވެ. ސެޓާން އާއި އޭގެ ރީތި ރިންގްތަކުގެ ދެމެދަށް 22 ފަހަރު ކެސީނީ ވަނީ ވަދެފަ އެވެ. އެ ޑައިވްތައް ކުރީ ޕްލެނެޓާއި ރިންގުތަކާ ދެމެދު އޮންނަ 2،000 ކިލޯމީޓަރުގެ ސަރަހައްދަށެވެ. މީގެ ކުރިން ރިންގްތަކާ ބެހޭ ގޮތުން ސައިންސްވެރިންނަށް ލިބިފައިނުވާ އެތައް މައުލޫމާތަކާއި އެތައް ހާސް ފޮޓޯތަކެއް، އެއިން ކޮންމެ ހުރަސްކުރުމެއްގައި، ދުނިޔެއަށް ފޮނުވި އެވެ.
- 4.9 ބިލިއަން: ދަތުރުގައި ހުރަސް ކުރި ރާސްތާ
- 294: ސެޓާން ވަށައިގެން ޖެހި ފުރިހަމަ ބުރު
- 3،948: ޝާއިއުކުރި ސައިންސް ކަރުދާސް
- 453،048: ދުނިޔެއަށް ފޮނުވި ފޮޓޯ
- 5،000: މުޅި މަޝްރޫއުގައި މަސައްކަތްކުރި މީހުން
- 27: މަޝްރޫއުގައި ބައިވެރިވި ގައުމުތައް
- 3.9 ބިލިއަން: މަޝްރޫއުގެ އަގު
ހުރިހާ ވެސް ސިއްރަކީ 1977 ގައި ޖައްވަށް ފޮނުވާލި ނާސާގެ ވޮޔަޖާ 1 އުޅަނދެވެ. ސެޓާންގެ އެންމެ ކައިރި ފޮޓޯއެއް އޭރު އިންސާނުންނަށް ގެނެސްދިނީ އެ އުޅަނދެވެ. އެގޮތުން 1980 ގައި ފޮނުވި ފޮޓޯ އިން ފެނުނީ ގޭހުގެ އެ ބޮޑު ޕްލެނެޓްގެ ހިތްގައިމުކަމެވެ. އެހާ ހިސާބުން ސައިންސްވެރިންގެ ސިކުނޑީގައި އެނބުރެން ފެށީ ހަމައެކަނި ސެޓާންގެ ދިރާސާތަކަށް ހާއްސަ މަޝްރޫއުއެއް ހިންގުމުގެ ޚިޔާލުތަކެވެ.
"ވޮޔަޖާސް އިން އަހަރެމެންނަށް އަސްލު ގެނެސްދިން ސެޓާންގެ ވަރަށް ހިތްގައިމު ތަސްވީރެއް. އެއީ ވަރަށް ރީތި އަދި އެހާމެ ބޮޑު ގޭސް ޕްލެނެޓެއް،" ނާސާގެ ޕްލެނެޓްތަކާ ބެހޭ ސައިންސް ބައިގެ ޑިރެކްޓަރު ޖިމް ގްރީން ވިދާޅުވި އެވެ.
މަޝްރޫއުގެ މަސައްކަތް 1983 ހިސާބުގައި ފެށި ނަމަވެސް އެމެރިކާގެ ސިޔާސީ ބަދަލުތަކުގެ އަސަރު މަޝްރޫއުއަށް ކުރި އެވެ.
ނާސާ އަށް އޮތީ ސެޓާންގެ ވަށައިގެން ދަތުރުކުރާ އުޅަނދު ކެސީނީ ތަރައްގީކުރުމެވެ. އީއެސްއޭ ހަވާލުވީ ޓައިޓަންގެ ބިމަށް ތިރިކުރާ އުޅަނދުގެ މަސައްކަތާ އެވެ.
އެމެރިކާގެ އުޅަނދަށް ނަން ދިނީ، އިޓަލީ އަދި ފްރާންސްގެ ސައިންސްވެރިޔާ ޖުވާނީ ޑޮމޭނިކޯ ކަސީނީ އަށް ނިސްބަތްކޮށެވެ. ސަތާރަ ވަނަ ގަރުނުގައި އުޅުއްވި މި ސައިންސްވެރިޔާ ވަނީ ސެޓާންގެ ބައެއް ހަނދުތަކާއި ރިންގްތައް ހޯއްދަވައިފަ އެވެ.
އީއެސްއޭ އިން ހައިގެންސްގެ ނަން ދިނީ، 17 ވަނަ ގަރުނުގެ ސައިންސްވެރިޔާ އަދި ޓައިޓަން ހޯއްދެވި ނެދަލެންޑްސްގެ ކްރިސްޓިއާން ހައިގެންސްގެ ނަމާ ގުޅުވައިގެންނެވެ.
ކެސީނީން ނަގާފައިވާ ސެޓާންގެ ރިންގްތަކުގެ ފޮޓޯއެއް: ރިންގްތަކާ ބެހޭ ގޮތުން ކުރިން ނޭނގޭ އެތައް މައުލޫމާތެއް އެ އުޅަނދުން ފޯރުކޮށްދިން
ކެސީނީގެ މަޝްރޫއުއަށް އެންމެ ބޮޑު ފިއްތުމެއް ކުރިމަތިވީ 1993 ގައި އެމެރިކާގެ ކޮންގްރެސް ތެރެއިންނެވެ. އެ މަޝްރޫއު ހުއްޓާލާނެކަމުގެ އިންޒާރު ވެސް ކޮންގްރެސް އިން ނާސާ އަށް ދިނެވެ. އެހާ ހިސާބުން އީއެސްއޭގެ އިސް ބައެއް ވެރިން އެމެރިކާގެ ނައިބު ރައީސް އަލް ގޯ ކަަހަލަ ބޭފުޅުންނަށް ސިޓީ ފޮނުވި އެވެ. އެމެރިކާ އާއި ޔޫރަޕް ގުޅިގެން ހިންގާ މަޝްރޫއުއެއް ހަމައެކަނި އެމެރިކާ ބޭނުންވާ ގޮތަށް ހުއްޓާލައިފި ނަމަ ކުރިއަށް އޮތް ތަނުގައި އެމެރިކާއާ ގުޅިގެން ސައިންސްގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމާ މެދު ސުވާލު އުފެދޭނެ ކަމަށް ސިޓީގައި ފާހަގަކުރި އެވެ.
ކެސީނީ އުދުއްސާލެވޭ ގޮތް ވީ، އެ މަޝްރޫއުގައި ޔޫރަޕް ބައިވެރިވެފައި އޮތުމުން ކަމަށް، ބައެއް ސައިންސްވެރިން ބުނެ އެވެ.
މަޝްރޫއު ކުރިއަށް ގެންދަން ފުރުސަތު ލިބުނު ނަމަވެސް ބަޖެޓްގެ ބައިތަކެއް އުނިކުރުމުން ނާސާ އަށް މަޖުބޫރުވީ ކެސީނީގެ ޑިޒައިނަށް ބަދަލުގެންނާށެވެ. ކުރިން އޮތީ ފޮޓޯ ނަގާއިރު އުޅަނދުގެ ބައެއް ބައިތައް އެނބުރޭ ގޮތަށް ހަދާށެވެ. އެކަމަކު އެ ޓެކްނޮލޮޖީއަށް ބަޖެޓް ނެތުމުން އެކަން އުނިކުރީ އެވެ.
ދަތިތަކަކާ އެކު އުދުއްސާ ލެވުނު ނަމަވެސް ކެސީނީގެ ދަތުރުގެ ނިމުން މިއަދު އެ އަންނަނީ ސައިންސްގެ ދުނިޔެ ހެއްވާލައިފަ އެވެ. އޭގެ ކުރިން ސެޓާން އާއި އޭގެ ރިންގްތަކުގެ އިތުރުން ހަނދުތަކާ ބެހޭ ގޮތުން ނުހޯދޭ އެތައް ކަމެއް، ސައިންސްވެރިންނަށް ތިލަކޮށްދީފަ އެވެ. އެތައް ލައްކަ ފޮޓޯއަކުން އަލްބަމްތައް ފުރާލައިފަ އެވެ.
"މިއީ ވަރަށް އުފާވެރި ވަގުތުކޮޅެއް، ހަމައެހެން ދެރަވާ ތަންކޮޅެއް ވެސް އޮވޭ،" ކެސީނީ މަޝްރޫއުގެ ސައިންސްވެރިއެއް ކަމަށް ވާ ލިންޑާ ސްޕައިލްކާ ވިދާޅުވި އެވެ.
"މިހާރު އަސްލު ފެންނަމުން މިދަނީ ނިމޭ ބަޔަކާއި އަލުން ފެށޭ ބައެއް. ނިމެނީ މައުލޫމާތު އެއްކުރުމުގެ ބައި. ފެށެނީ ކެސިނީން ލިބުނު މައުލޫމާތާ އެކު ސައިންސްވެރިންނާއި އިންޖީނިއަރުން އެހެން މަޝްރޫއުތަކެއްގައި ޝާމިލްވުމުގެ ބައި."
ކެސީނީގެ ހަދިޔާތަކުގެ ތެރެއިން ހިތްގައިމު 10 ފޮޓޯ
ސެޓާންގެ ރިންގްތައް ޒުވާން، 100 މިލިއަން އަހަރު
ކެސިނީން ނެގި ދުނިޔޭގެ ފޮޓޯ: ކުޑަކުޑަ ތިއްކެއް
ނާސާ އިން "ޓްރާންފޯމާ" ރޮބޮޓެއް ޓައިޓަން އަށް
ވޮޔަޖާ، އިންސާނީ އުފެއްދުމެއް ޖައްވުގައި 40 އަހަރު
އިރާ އެންމެ ކައިރިއަށް ދިއުމުގެ ރެކޯޑް ނާސާއަށް
އޯޒޯންގެ ބާގަނޑު 2066 ގައި އެއްކޮށް ބެދޭނެ!
ޖައްވީ ކުނިގަނޑެއްގެ މައްސަލައިގައި ދައުވާކުރަނީ
އަރަބި އަންހެނަކު އަލަށް ޖައްވަށް
ރާއްޖޭގައި ހުރެގެން ކިރާއިރަށް ވުރެ ތުރުކީގައި ބަރުވާނެ