Roadha Mihaaru
ވޮޔަޖާ، އިންސާނީ އުފެއްދުމެއް ޖައްވުގައި 40 އަހަރު

ވޮޔަޖާ، އިންސާނީ އުފެއްދުމެއް ޖައްވުގައި 40 އަހަރު

05 ސެޕްޓެމްބަރ 2017

ސެޕްޓެމްބަރު 5، 1977 ގައި އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން ޖައްވަށް ފޮވާލި ވޮޔަޖާ 1 އުޅަނދު އެ ފެށީ އިންސާނީ މުޅި ތާރީޚުގައި ވެސް ބޮޑު ދަތުރެއްކަން އާންމު މީހާއަށް ނޭނގިދާނެ އެވެ. އެކަމަކު މިއަދު އެ މަޝްރޫއުގައި ހިމެނޭ ވޮޔަޖާ 1 އަދި ވޮޔަޖާ 2، ސޯލާ ސިސްޓަމުން ވެސް ބޭރުވެ، އަނދިރީގެ އެ ބޮޑު ޖައްވީ ހުސްކަމުގެ ތެރެއަށް ބާރު ސްޕީޑްގައި ދަތުރުކޮށް އެ ދަނީ އިންސާނީ އިލްމުވެރިކަމުގެ ނަމޫނާ ދައްކަމުންނެވެ.

މޫސާ ލަތީފް މޫސާ ލަތީފް

ސެޕްޓެމްބަރު 5، 1977 ގައި އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން ޖައްވަށް ފޮވާލި ވޮޔަޖާ 1 އުޅަނދު އެ ފެށީ އިންސާނީ މުޅި ތާރީޚުގައި ވެސް ބޮޑު ދަތުރެއްކަން އާންމު މީހާއަށް ނޭނގިދާނެ އެވެ. އެކަމަކު މިއަދު އެ މަޝްރޫއުގައި ހިމެނޭ ވޮޔަޖާ 1 އަދި ވޮޔަޖާ 2، ސޯލާ ސިސްޓަމުން ވެސް ބޭރުވެ، އަނދިރީގެ އެ ބޮޑު ޖައްވީ ހުސްކަމުގެ ތެރެއަށް ބާރު ސްޕީޑްގައި ދަތުރުކޮށް އެ ދަނީ އިންސާނީ އިލްމުވެރިކަމުގެ ނަމޫނާ ދައްކަމުންނެވެ.

މިއަދު މިއީ ވޮޔަޖާ 1 ގެ އެ ދަތުރު ފެށިތާ 40 އަހަރު ފުރޭ ދުވަހެވެ (ވޮޔަޖާ 2 އުދުއްސާލީ އޮގަސްޓް 20، 1975 ގަ އެވެ). ނާސާގެ ސައިންސްވެރިންގެ އިތުރުން އެތައް އިލްމުވެރިންނަކާއި މައުލޫމާތުން މުއްސަނދިވެފައިވާ މި ޒަމާނުގެ ޒުވާނުންނާއި ކުޑަކުދިން، އެ ދެ އުޅަނދުގެ މަސައްކަތަށް އޮއްސަމުން ދަނީ ތައުރީފާއި ޝުކުރެވެ.

ސޯސާ ސިސްޓަމުން ބޭރުވި އިންސާނީ ފުރަތަމަ އުފެއްދުން

އޮގަސްޓް 25، 2012 ގައި ވޮޔަޖާ 1 އިން ފޮނުވި މައުލޫމާތުތަކުން ޔަގީންވީ ސޯލާ ސިސްޓަމްގެ ސަރަހައްދުން އެ ބޭރުވެއްޖެ ކަމެވެ. މިއީ އިންސާނުން އުފެއްދި އެއްޗެއް އިރުގެ ނިޒާމުން ބޭރު ސަރަހައްދަށް ނުކުތް ފުރަތަމަ ފަހަރެވެ.

ވޮޔަޖާ މަޝްރޫއު ފެށީ ކުރިން ޖައްވީ އެއްވެސް އުޅަނދެއް ފޮނުވާފައި ނުވާ ސަރަހައްދެއް ދިރާސާކުރާށެވެ. އޭގެ ކުރިން އެންމެ ދުރަށް ވެސް ގޮސްފައި ވަނީ މާސް ޕްލެނެޓާ ހަމައަށެވެ. ނާސާ އިން ބޭނުންވީ ޖުޕިޓާ އާއި ސެޓާން އާއި ޔޫރޭނަސް އަދި ނެޕްޗޫންއާ ދިމާލަށް ވެސް ދިރާސާގެ އުޅަނދުތަކެއް ފޮނުވާށެވެ.

ވޮޔަޖާގެ ދެ އުޅަނދު މެދުވެރިކޮށް ސައިންސްވެރިންނަށް ވަނީ އޭގެ ކުރިން ލިބިފައިނުވާ ވަރުގެ އިލްމީ އަދި ހައިރާންކުރުވަނިވި މައުލޫމާތުތަކެއް ލިބިފަ އެވެ. އެގޮތުން ޖުޕިޓާގެ ރަތް ބޮޑު ސްޕޮޓަކީ އެނބުރެމުން ދާ ބިޔަ ތޫފާނެއްކަން އެނގުނީ އެ ފޮޓޯތަކާއި މައުލޫމާތުތަކުންނެވެ.

ވޮޔަޖާ 1 އިން ނެގި ޖުޕިޓާގެ ފޮޓޯއެއް: އޭގެ ކުރިއަކުން މި ޕްލެނެޓްގެ މި ކަހަލަ ފޮޓޯއެއް ނަގާފައެއް ނުވޭ

ވޮޔަޖާ 1 އިން ނެގި ޖުޕިޓާގެ ފޮޓޯއެއް: އޭގެ ކުރިއަކުން މި ޕްލެނެޓްގެ މި ކަހަލަ ފޮޓޯއެއް ނަގާފައެއް ނުވޭ

ދުނިޔެއިން ބޭރުގެ ހަނދާއި ޕްލެނެޓްތަކުގައި ގޮވަމުން ދާ އަލިފާން ފަރުބަދަތައް ހިމެނޭކަން ފުރަތަމަ ޔަގީންކޮށް ދިނީ ވޮޔަޖާ 1 އިންނެވެ. އޭގެ އިތުރުން ޖުޕިޓާގައި ވިދާތަން ވެސް ފެނުނެވެ. ދުނިޔެއިން ބޭރުން އެހެން ތަނެއްގައި ވިދާ ހޮނުއަޅާ ތަން އޭގެ ކުރިއަކުން ފެނިފައެއް ނުވެ އެވެ.

ގޭހުން އުފެދިފައިވާ ބޮޑެތި މި ޕްލެނެޓްތަކުގެ ސާފު ފޮޓޯތައް ބަލައިލުމުގެ ފުރުސަތު ފުރަތަމަ ތަނަވަސްކޮށްދިނީ ވޮޔަޖާ 1 އަދި ވޮޔަޖާ 2 އެވެ. ވޮޔަޖާ 2 އަކީ ޔޫރޭނަސް އާއި ނެޕްޗޫންގެ ސަރަހައްދަށް މިހާތަނަށް ޒިޔާރަތްކުރި ހަމައެކަނި އުޅަނދު ވެސް މެ އެވެ.

ދެ އުޅަނދުގެ މިސްރާބު ބެހެއްޓި ދެ ދިމާލަކަށެވެ. ދެ އުޅަނދަށް ހަވާލުކުރި ޒިންމާތައް ވެސް ތަފާތެވެ.

އަވަހަށް ނިންމާލަން ޖެހުނު މަސައްކަތެއް

މާސް ޕްލެނެޓަށް ވުރެ ދުރަށް ޖައްވީ އުޅަނދުތަކެއް ފޮނުވުމުގެ ހިޔާލު އޮތަސް އެކަމުގައި އަމަލީ ސިފަ ޖެހުނީ ހީނުކުރާ ކަހަލަ ސަބަބެއް މެދުވެރިވެގެންނެވެ. އޭގެ ފަހަތުގައި ހުންނެވީ އޭރުގެ ޒުވާން ސައިންސްވެރިއެއް ކަމަށްވާ ގެރީ ފްލަންޑްރޯ އެވެ. ޖައްވީ އުޅަނދެއް އެހާ ދުރަށް ދަތުރުކުރެވޭނެ އެހީތެރިކަމެއް ޖުޕިޓާ އާއި ސެޓާން އާއި ޔޫރޭނަސް އަދި ނެޕުޗޫން މެދުވެރިކޮށް ލިބޭނެ ފަދައަކުން އެ ޕްލެންޓްތައް އެއް ރޮނގަކަށް އެތުރިދާނެ ދުވަސްވަރެއް އެނގުނީ ޖެޓް ޕްރޮޕުލްޝަން ލެބޯރަޓަރީގައި ޕާޓް ޓައިމްކޮށް އުޅުއްވި ފްލަންޑްރޯގެ މަސައްކަތުންނެވެ.

އޭނާ 1965 ގައި ހެއްދެވި ދިރާސާއިން ދެއްކި ގޮތުގައި ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި އުޅަނދު ތައްޔާރުކޮށް ފޮނުވޭ ގޮތް ނުވެއްޖެ ނަމަ، ދެން އެކަހަލަ ފުރުސަތެއް އިންސާނުންނަށް ލިބޭނީ 175 އަހަރު ފަހުންނެވެ. އެހެންކަމުން ނާސާގެ ސައިންސްވެރިން އަވަހަށް އެ މަސައްކަތަށް ނުކުމެ، އެ މުއްދަތުގައި އުޅަނދެއް ފޮނުވަން ޕްލޭންތައް ކޮށް، އަމަލީ ބައި ފުރިހަމަކުރަން ފެށި އެވެ.

ވޮޔާޖާ 1 އާއި ވޮޔަޖާ 2 ގެ ދަތުރު މިސްރާބު ކޮށްދިނީ އެ ހަތަރު ޕްލެނެޓްގެ ދަމާބާރުގަ އެވެ.

ނާސާ އިން މި ދެ އުޅަނދުގެ މަޝްރޫއުއަށް ބަޖެޓް ހޯދިއިރު ކޮންގްރެސް އަށް އެ ދަތުރުގެ ހުރިހާ މައުލޫމާތެއް ނުވެސް އެނގެ އެވެ. ކޮންގްރެސް އިން ބަޖެޓް ދިނީ ސެޓާންއަށް ވުރެ ދުރަށް ނުދެވޭ ވަރުގެ މަޝްރޫއުއަކަށް އަމާޒުކޮށްފަ އެވެ. އެކަމަކު ސިއްރުގައި ސައިންސްވެރިން ތައްޔާރުކުރީ އެއަށް ވުރެ މާ ދުރަށް، އަދި ހުއްޓުމެއް ނެތި އެތައް ހާސް އަހަރަކަށް ވެސް ދެމިގެންދާ ވަރުގެ ދެ އުޅަނދެވެ.

ވޮޔަޖާ ދެ އުޅަނދުގައި ސައިންސްވެރިން ހިމެނި އިންސާނާގެ އަޑާއި މިޔުޒިކާއި ދުނިޔޭގެ ފޮޓޯތައް ހިމެނޭ "ގޯލްޑަން ރެކޯޑް"

ވޮޔަޖާ ދެ އުޅަނދުގައި ސައިންސްވެރިން ހިމެނި އިންސާނާގެ އަޑާއި މިޔުޒިކާއި ދުނިޔޭގެ ފޮޓޯތައް ހިމެނޭ "ގޯލްޑަން ރެކޯޑް"

ގޯލްޑަން ރެކޯޑް

ވޮޔަޖާ ދެ އުޅަނދުގައި ސައިންސްވެރިން ވަނީ އިންސާނުންގެ އަޑާއި، މިޔުޒިކާއި ދުނިޔޭގެ ބައެއް ތަންތަނުގެ ފޮޓޯތައް ހިމެނޭ ރަން ޕްލެޓް ލީ ޑިސްކެއް ހިމަނައިފަ އެވެ. "ގޯލްޑަން ރެކޯޑް"ގެ ނަމުން ނަން ދިން މި ޑިސްކް އެއަށް ލުމުގެ މަގުސަދަކީ އެ އުޅަނދުތައް ބަލައިފާސްކުރާނެ ބަޔަކާ ދިމާވެއްޖެ ނަމަ ދުނިޔެއާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމެވެ. މި ޑިސްކް ހަލާކުނުވެ ބިލިއަން އަހަރަށް ދެމިގެންދާނެ ކަމަށް، ސައިންސްވެރިން ލަފާކުރެ އެވެ.

މި ވަގުތު ވޮޔަޖާ 1 ދަތުރުކުރަމުން އެ ދަނީ ދުނިޔެއަށް ވުރެ 13 ބިލިއަން މޭލު ދުރުންނެވެ. އޭގެ ސްޕީޑް ހުރީ ގަޑިއަކު 38،000 މޭލުގެ ބާރުމިނުގަ އެވެ. މި އުޅަނދުގައި ހިމެނޭ ބެޓެރީގެ ބާރު 2025 ގައި މުޅިން ކެނޑެންދެން ދޭތެރެ ދޭތެރެއިން ދުނިޔެއަށް، ރޭޑިއޯ ސިގްނަލްގެ އެހީގައި، މައުލޫމާތު ފޯރުކޮށްދޭނެ އެވެ. އޭގެ ފަހުން އެ އުޅަނދާ ދުނިޔެއާ ގުޅުން ކެނޑި، ދަތުރުކުރާނީ މި ދުނިޔެއަށް އޭގެ އެއްވެސް މައުލޫމާތެއް ނޭނގޭހާ ދުރުންނެވެ.

ހުސް ޖައްވު ތެރޭގައި ވޮޔަޖާ 1 އަށް ދެން އެންމެ އަވަހަށް ވެސް ކައިރިކުރެވޭނީ "އޭސީ ޕްލަސް 793888" ގެ ނަމުން ނަން ދީފައިވާ ތަރިއަކާ އެވެ. އެކަމަކު އެހާ ހިސާބަށް ދާން އަދި 40،000 އަހަރު ނަގާނެ އެވެ.