Roadha Mihaaru
މާޅޮސް އަތުން ގްރީން އަށް ތަފާތު ބޮޑު މޮޅެއް

މާޅޮސް އަތުން ގްރީންސްޓްރީޓްސް އަށް ތަފާތު ބޮޑު މޮޅެއް

17 ސެޕްޓެމްބަރ 2017

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ އއ. މާޅޮސް އަތުން 5-0 އިން މޮޅުވެ ގްރީން ސްޓްރީޓްސް ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ އއ. މާޅޮސް އަތުން 5-0 އިން މޮޅުވެ ގްރީން ސްޓްރީޓްސް ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

މި މޮޅާ އެކު ގްރީން ސްޓްރީޓްސް ތިން ވަަނަ އަށް އެރީ ހަތަރު ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން އެ ޓީމާ ޕޮއިންޓުގެ ގޮތުންނާއި ފައިދާ ލަނޑުން އެއްވަރުވި ނަމަވެސް ޖެހި ގޯލަށް ބަލައިގެން އެ ޓީމަށް ކުރި ލިބޭތީ އެވެ. ގްރީން ސްޓްރީޓްސް އަށް ހަ މެޗުން 12 ޕޮއިންޓާ އެކު ފައިދާ ފަސް ލަނޑު އޮތްއިރު، އެ ޓީމު ވަނީ 10 ގޯލު ޖަހައިފަ އެވެ. ނިއު ހަތަރު ވަނައިގައި އޮތީ ފަސް މެޗުން 12 ޕޮއިންޓާ އެކު ފައިދާ ފަސް ގޯލު އޮތް ނަމަވެސް އެ ޓީމަށް ޖެހިފައިވަނީ އަށް ލަނޑު ކަމަށްވާތީ އެވެ. މާދަމާ ހަވީރު ދ. ކުޑަހުވަދޫ އަތުން މޮޅުވެގެން ތާވަލުގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު ނިއު އަށް އެބައޮތެވެ.

މިރޭގެ މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ގްރީން ސްޓްރީޓްސްގެ ފަރުހާދު އިސްމާއިލް (ފަރޭ) އާއި މުހައްމަދު ޝައްފާޒު (ސައްޕޭ) އަދި ޔޫކްރޭނުގެ މިޑްފީލްޑަރު ސޮބޮލް އިލިއާ ނުކުޅެ އެވެ. ގްރީން ސްޓްރީޓްސްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ތަޖުރިބާކާރު ފޯވާޑް އަހުމަދު ރަޝީދު (އައްމަޑޭ) އެވެ.

އާއިލީ ކަމެއްގައި މިވަގުތު ޓީމާ ދުރުހުރި ގްރީން ސްޓްރީޓްސްގެ ސޮބާހު މުހައްމަދު އިބްރާހިމް (ސޮބާ)ގެ ބަދަލުގައި ބެންޗުން މިރޭ ޓީމަށް އިރުޝާދުދިނީ އެސިސްޓަންޓް ކޯޗު ފަރީދު މުހައްމަދު (ފަރިއްޓެ) އެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން އަވަސް ކުޅުމެއް ފެނިގެންދިޔައިރު ގްރީން ސްޓްރީޓްސް އަށް މެޗުގެ 10 ވަނަ މިނިޓްގައި ލީޑުނަގައިދިނީ އިބްރާހިމް ރިޒުހާން އެވެ. އޭރިއާ ބޭރުން ރިޒުހާން ފޮނުވާލި ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒުވިއިރު މާޅޮހުގެ ކީޕަރު އިބްރާހިމް ޒަމީރު ހުރީ ހަރަކާތް ހުއްޓިފަ އެވެ.

އޭގެ ހަތް މިނިޓް ފަހުން އޭރިއާ ތެރެއިން ރިޒުހާން ފޮނުވާލި ބޯޅަ ކީޕަރު ޒަމީރު ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 24 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ އޭރިއާ ތެރެއިން މާޅޮހުގެ އަލީ ހާފިޒް (ހާއްޕެ) ފޮނުވާލި ބޯޅަ ގްރީން ސްޓްރީޓްސްގެ ޖަޕާން ކީޕަރު ޖުން ކޮޗީ ވަނީ ފަސޭހަކަމާ އެކު އަތަށް ނަގައިފަ އެެވެ.

ގްރީން ސްޓްރީޓްސް އަށް ދެ ވަނަ ލަނޑު ޖަހަން ސްލޮވާކިއާގެ މިޑްފީލްޑަރު ވިލިއަމް މެކޯ އަށް ލިބުނު ފުރުސަތު ބޯޅަ ފޮނުވާލުން ލަސްކޮށްލުމަށް އެންމެ ރަނގަޅަށް ބޭނުންކުރެވޭ ގޮތެއް ނުވި އެވެ.

އޭގެ ފަހުން ކައުންޓަ އެޓޭކުގައި މާޅޮހަށް ލިބޭ ފުރުސަތުތަކުގައި އެ ޓީމުން ދިޔައީ ނުރައްކާ ކުރަމުންނެވެ. މެޗުގެ 40 ވަނަ މިނިޓްގައި އޭރިއާ އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން ހާއްޕެ ނަގައިދިން ހުރަސް ގޯލު ކުރިމަތިން އެ ޓީމުގެ ސްޕެއިން މިޑްފީލްޑަރު އެންހެލް މުނޯޒް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

ފުރަތަމަ ހާފްގެ ފަހު މިނިޓްގައި ގްރީން ސްޓްރީޓްސް އަށް ލީޑުފުޅާކޮށްދިނީ އަހުމަދު ނިޒާމް (ނިޒާމްބެ) އެވެ. އޭރިއާތެރެއިން އައްމަޑޭ ނަގައިދިން ހުރަހަކުން ނިޒާމްބެ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ޒަމީރު ފައިގައި ޖެހިފައި ގޯލުގެ ދަނޑީގައި ވެސް ޖެހިފަ އެވެ.

ފުރަތަމަ ހާފްގެ ފަހު ހަމަލާ އުފެއްދީ މުނޯޒް އެވެ. އޭރިއާ ބޭރުން މުނޯޒް އޮއްސާލަން ޖެހި ބޯޅަ ކީޕަރު ކޮޗީ ވަނީ ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ.

ދެ ވަނަ ހާފް ފަށައިގެން ތިން މިނިޓް ތެރޭ ގްރީން ސްޓްރީޓްސް އިން ނުރައްކާތެރި ހަމަލާއެއް އުފެއްދި އެެވެ. އަރިމަތިން ނިޒާމްބެ ނަގައިދިން ބޯޅަ ގޯލު ކުރިމަތީގައި ހުސްކޮށްހުރި އައްމަޑޭ ފައިގައި ލައްވާލާ ގޮތެއްނުވި އެވެ.

ގްރީން ސްޓްރީޓްސްގެ ތިން ވަނަ ލަނޑު މެޗުގެ 57 ވަނަ މިނިޓްގައި ޖެހީ ޕެޓްރޯ ކޮވަލްޗަކް އެވެ. ކީޕަރު ޒަމީރު ސާފުކޮށްލަން ޖެހި ބޯޅަ ހާފުގެ މެދުތެރެއިން ޕެޓްރޯ އަށް ލިބުމުން އޭނާ ވަނީ ޒަމީރު ބޯމަތިން ފަސޭހަ ކަމާއެކު ގޯލުގެ ތެރެއަށް ބޯޅަ އޮއްސާލައިފަ އެވެ.

އޭގެ މިނިޓެއް ފަހުން ގްރީން ސްޓްރީޓްސްގެ ހަތަރު ވަނަ ލަނޑު ޖެހީ ނިޒާމްބެ އެވެ. އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ވިލިއަމް ފޮނުވާލި ބާރު ބޯޅަ ކީޕަރު ޒަމީރު އަތުގައި ލިބުނީ އޭރިއާ ތެރެއިން ނިޒާމްބެ އަށެވެ. އޭނާ ވަނީ ފަސޭހަ ކަމާ އެކު އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

މެޗުގެ 66 ވަނަ މިނިޓްގައި މާޅޮހުން ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ. އޭރިއާ ތެރެއިން އަހުމަދު މުހައްމަދު (އައްމަޑޭ) ހުރަސްކޮށްލި ބޯޅަ ހާއްޕެ ފޮނުވާލި ނަމަވެސް އެ ބޯޅަ ވަނީ ބްލޮކްވެފަ އެވެ. އެ ބޯޅަ ދެ ވަނަ ފަހަރަށް އޭރިއާ ބޭރު ރޮނގުކައިރިން ލިބުނީ އަބްދުﷲ އިބްރާހިމް އަށެވެ. އޭނާ ފޮނުވާލި ބާރު ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

އޭގެ ފަހުން މެޗުގެ 80 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސް އޭރިއާ ތެރެއަށް ބޯޅަ ހިފައިގެން ވަދެ ހާއްޕެ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށް ދިޔައިރު، އަހުމަދު އާރިފް އަށް ފަހުން ލިބުނު ފުރުސަތުގެ ބޭނުމެއް ވެސް ނުކުރެވުނެވެ.

މެޗުގެ އިތުރު ވަގުތުގައި ގްރީން ސްޓްރީޓްސްގެ ފަހު ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަލީ ޝާމިސް (ތޮއްޕޭ) އެވެ. އޭނާ މި ލަނޑު ޖެހީ މުހުތާރު ނަސީރު (ޓޫކިލޯ) ދިން ބޯޅަ އަކުންނެވެ.

މެޗާއި ބެހޭ ގޮތުން މާޅޮހުގެ ކޯޗު އަލީ ނިޝްތާރު ބުނީ މިއަދު އެ ޓީމަށް ދިމާވީ ސްކޮޑު ކުޑަވުމުން ދިމާވާ މައްސަލަ ކަމަށެވެ.

"ސްކޮޑު ކުޑަވުމުން ދިމާވާ މައްސަލަ މިއަދު ކުރިމަތިވީ. ހަގީގަތުގައި އެއް ޑިފެންޑަރު ސަސްޕެންޑުވުމުން މިއަދު ކުޅުނީ ފަހަތަށް މިޑްފީލްޑަރެއް ލައިގެން. ދެން ވަރަށް ގިނަ އުނދަގޫތަކެއް ކުރިމަތިވި. ހަގީގަތުގައި ހުރިހާ ކަމެއް ދަށްކޮށްދާ ދުވަހެއްގައި މި ކަހަލަ ކަންތައްތައް ދިމާވާނެ،" ނިޝްތާރު ބުންޏެވެ.

ގްރީން ސްޓްރީޓްސްގެ އެސިސްޓަންޓް ކޯޗު ފަރިއްޓެ ބުނީ އެންމެ ފަހުން މެޗުގައި ހިނގާދިޔަ ކަންތައްތަކަށް ފަހު މިއީ އެ ޓީމަށް ލިބުނު ވަރަށް މުހިއްމު މޮޅެއް ކަމަށެވެ.

"އެންމެ ފަހުން މެޗުގައި އަޅުގަނޑުމެންނަށް ވަރަށް ގޯސްކޮށް ދިޔައީ. އެކަމަކު މި މެޗުން މޮޅުވުމުން ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް މިއީ. އެއީ ވާދަކުރަން ވެސް ފުރުސަތުތަކެއް މި ލިބުނީ. ދެން ސަސްޕެންޝަންގެ ސަަބަބުން މުހިއްމު ކުޅުންތެރިން ނުލައި ކުޅުނުއިރު ފެމިލީ ކަމެއްގެ ސަަބަބުން ކޯޗު ވެސް ނެތް. އެ ހާލަތަށް ބަލާއިރު ވަރަށް މުހިއްމު މޮޅެއް މިއީ،" އޭނާ ބުންޏެވެ.

ފަރިއްޓެ ވަނީ މި މެޗަށް ސަސްޕެންޑް ކޮށްފައިވާ ސައްޕޭގެ އަށް އަދަބު ދީފައިވާ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެފްއޭއެމުން އޭނާ ސަސްޕެންޑްކުރިކަން އަންގާފައިވަނީ މެޗު ފެށެން ކުޑަ ވަގުތު ކޮޅަކަށް ވެފައި އޮއްވައި ކަމަށް ވުމުން އެ ޓީމު ކުޅެން ޖެހޭ ގޮތަށް ވެސް ބަދަލު ގެންނަން ޖެހުނު ކަމަށް ބުންޏެވެ.