Roadha Mihaaru
ހޮޓެލް އޭޝިއާ، މިތަނުން ނުލިބޭ އެއްޗެއް ނެތް!

ހޮޓެލް އޭޝިއާ، މިތަނުން ނުލިބޭ އެއްޗެއް ނެތް!

20 ސެޕްޓެމްބަރ 2017

ހޮސްޕިޓަލިޓީ އިންޑަސްޓްރީ ތެރޭ ހިމެނޭ ވިޔަފާރިތަކަށް (ރިސޯޓް، ގެސްޓް ހައުސް، ހޮޓާ، ރެސްޓޯރަންޓް، ކެފޭ، މިއިން ކޮންމެ ނަމެއްގެ ތެރެ އަށް ފެތުނަސް) ދިމާވާ ކޮންމެ މައްސަލައަކަށް ވެސް މި ތަނުގައި ހައްލު އެބައޮތެވެ. ހިދުމަތް އިތުރަށް ތަރައްގީކޮށް، ފެންވަރު ރަނގަޅު ކުރަން ބޭނުންވާ ހުރިހާ ސާމާނެއް ވެސް އެބަހުއްޓެވެ.

އަލީ ޝިނާން އަލީ ޝިނާން

ހޮސްޕިޓަލިޓީ އިންޑަސްޓްރީ ތެރޭ ހިމެނޭ ވިޔަފާރިތަކަށް (ރިސޯޓް، ގެސްޓް ހައުސް، ހޮޓާ، ރެސްޓޯރަންޓް، ކެފޭ، މިއިން ކޮންމެ ނަމެއްގެ ތެރެ އަށް ފެތުނަސް) ދިމާވާ ކޮންމެ މައްސަލައަކަށް ވެސް މި ތަނުގައި ހައްލު އެބައޮތެވެ. ހިދުމަތް އިތުރަށް ތަރައްގީކޮށް، ފެންވަރު ރަނގަޅު ކުރަން ބޭނުންވާ ހުރިހާ ސާމާނެއް ވެސް އެބަހުއްޓެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށް ދާ ހޮޓެލް އޭޝިއާ ފެއާއަކީ ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު ވިޔަފާރީގެ ފެއާ އެވެ. މި ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު ކާބޯތަކެތީގެ މުބާރާތް (އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް) ވެސް ކުރިއަށް ދަނީ މި ފެއާގެ ތެރެއިންނެވެ.

ހޮސްޕިޓަލިޓީ އިންޑަސްޓްރީގެ ތަފާތު ދާއިރާތައް ތަމްސީލްކުރާ 175 ކުންފުންޏަކުން މި އަހަރުގެ ފެއާގައި ބައިވެރިވެފައި ވެއެވެ. ރާއްޖޭގެ އިތުރުން ބޭރުގެ ގިނަ ކުންފުނިތަކުން ވެސް މި ފެއާގައި ބައިވެރިވި އެވެ.

ބީބީއެމްގެ ސްޓޯލް: އެ ކުންފުނިން ވަނީ އާ ޕްރޮޑަކްޓްތަކެއް ތައާރަފް ކޮށްފަ.-- ފޮޓޯ: މިހާރު

ބީބީއެމްގެ ސްޓޯލް: އެ ކުންފުނިން ވަނީ އާ ޕްރޮޑަކްޓްތަކެއް ތައާރަފް ކޮށްފަ.-- ފޮޓޯ: މިހާރު

ފެއާގެ މެއިން ސްޕޮންސަރު ކަމަށްވާ ބެސްޓް ބައި މޯލްޑިވްސް (ބީބީއެމް)ގެ އެސިސްޓެންޓް މާކެޓިން މެނޭޖަރު އަލީ އަފްރާހް ހަސަން ވިދާޅުވީ، އެ ކުންފުނީގެ ސްޓޯލަށް މިހާތަނަށް 63 ރިސޯޓަކުން ޒިޔާރަތް ކޮށްފައިވާ ކަމަށެވެ.

"އެކްސްޕެކްޓް ކުރި ވަރަށް ތަރުހީބު ހަމަ ރަނގަޅު. އަޅުގަނޑުމެން ސްޓޯލަށް ރިސޯޓްތަކުގެ އިސް ބޭފުޅުން ގިނައިން ވަޑައިގަންނަވަނީ. ވަރަށް ރަނގަޅަށް މި ދަނީ،" އަފްރާހް ވިދާޅުވި އެވެ.

ފުޅާ ދާއިރާއެއްގައި ރިސޯޓް ސަޕްލައި ކުރާ ކުންފުނިން އިއްޔެ ވަނީ ރާއްޖޭގެ ބާޒާރަށް އަލަށް ހަތަރު ބްރޭންޑެއް ނެރެފަ އެވެ. އަފްރާހް ވިދާޅުވީ އަލަށް ނެރުނީ، ސަބަޓީނޯ ޓްރަފްލްސް އާއި ޑެލީ ޑަކްސް އަދި ނޯރފޯކް ފުޑްސްގެ ސޮސެޖާއި މީޓްގެ އިތުރުން ބެންބޫ އިން އުފައްދާ ކްލޯވާސޮފްޓް ޓިޝޫގެ ޕްރޮޑަކްޓްތަކެވެ.

ޖެމިނީގެ ސްޓޯލް: ގިނަ ބަޔަކު ސްޓޯލަށް ޒިޔާރަތް ކުރާ ކަމަށް ބުނި.-- ފޮޓޯ: މިހާރު

ޖެމިނީގެ ސްޓޯލް: ގިނަ ބަޔަކު ސްޓޯލަށް ޒިޔާރަތް ކުރާ ކަމަށް ބުނި.-- ފޮޓޯ: މިހާރު

ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަން މެޓީރިއަލްގެ އިތުރުން ރިސޯޓް ސަޕްލައި ކުރާ އިންޑިއާގެ މަޝްހޫރު ޖެމިނީ އިންޓަނޭޝަނަލްގެ ރީޖަނަލް ރެޕްރެޒެންޓޭޓިވް މުހައްމަދު މުޖުތަހިދް (މުޖޫ) ވިދާޅުވީ މިހާތަނަށް ފެއާ ރަނގަޅު ކަމަށެވެ. އަދި ގިނަ ބަޔަކު އެ ސްޓޯލަށް ވެސް ޒިޔާރަތް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން ސަޕްލައި ކޮށްދޭނެ ޔޫއޭއީ ނުވަތަ އިންޑިއާ އިން ލިބޭ ކޮންމެ އެއްޗެއް ވެސް. ރާއްޖޭގެ ލީޑިން ކޮންސްޓްރަކްޝަން ކުންފުނިތަކުގެ އިތުރުން 80 ވަރަކަށް ރިސޯޓަށް އަޅުގަނޑުމެން މިހާރު ވެސް ސަޕްލައި ކުރަން،" މުޖޫ ވިދާޅުވި އެވެ.

ޕެޗީ ކުންފުނީގެ ސްޓޯލް: ފެއާ އާއި މެދު ހިތްހަމަ ޖެހޭ ކަމަށް ބުނި.-- ފޮޓޯ: މިހާރު

ޕެޗީ ކުންފުނީގެ ސްޓޯލް: ފެއާ އާއި މެދު ހިތްހަމަ ޖެހޭ ކަމަށް ބުނި.-- ފޮޓޯ: މިހާރު

"އަޅުގަނޑުމެންނަކީ ރިސޯޓް، ހޮޓާތަކަށް ޗޮކްލެޓް ސަޕްލައި ކުރާ ކުންފުންޏެއް. މިއީ މި ފެއާގައި ބައިވެރިވާ ފުރަތަމަ ފަހަރު، ވަރަށް ގިނަ މީހުން އައިސް ޓެސްޓްކުރޭ. ރިސޯޓްތަކުން ބޭނުންވާ ގޮތަށް ހުރިހާ އެއްޗެއް ވެސް އަޅުގަނޑުމެން ކަސްޓަމައިޒްކޮށް ހަދައިދެން،" ދުބާއީގެ ޕެޗީ ކުންފުނީގެ ކޮމާޝަލް ޕްރޮކިއުމަންޓް މެނޭޖަރު ޝާބެލް ބަރްހޫޝް ވިދާޅުވި އެވެ.

ފެއާގެ ސްޓޯލެއް: ފެއާ އާއި މެދު ހިތްހަމަ ޖެހޭ ކަމަށް ކުންފުނިތަކުން ބުނޭ.-- ފޮޓޯ: މިހާރު

ފެއާގެ ސްޓޯލެއް: ފެއާ އާއި މެދު ހިތްހަމަ ޖެހޭ ކަމަށް ކުންފުނިތަކުން ބުނޭ.-- ފޮޓޯ: މިހާރު

މީގެ އިތުރުން ވެސް ވަރަށް ގިނަ ކުންފުނިތަކުގެ ހިދުމަތްތައް ދައްކާލާ މި ފެއާގައި، ޒަމާނީ ސޮފްޓްވެއާ ސިސްޓަމްތަކާއި، ސެކިއުރިޓީ ސިސްޓަމްތަކުން ފެށިގެން ގޮސް، ލޯންޑްރީ، ވޭސްޓް މެނޭޖްމަންޓް، ސްވިމިން ޕޫލް އަދި އައުޓްޑޯ ފަރުނީޗަރު ވިއްކާ ކުންފުނިތައް ވެސް ބައިވެރިވެ އެވެ.

ކުންފުނިތަކުން ދެއްކި ވާހަކަތައް މެދުކަނޑާލަމާ ހިނގާށެވެ. ދެން މިއޮތީ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ ވާހަކަ އެވެ. މި މުބާރާތަކީ ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީސް (ވޯލްޑް ޝެފްސް) އިން އެންޑޯޒް ކޮށްފައިވާ މުބާރާތެކެވެ. ބައިވެރިވާ 600 އަށް ވުރެ ގިނަ ޝެފުންގެ ތެރޭގައި ރާއްޖޭގެ 63 ރިސޯޓެއްގެ ޝެފުން ހިމެނެ އެވެ.

މި މުބާރާތް ހާއްސަ ވަނީ، ބޭރު ފަރާތްތަކުން ބަލައިގަނެފައިވާ މުބާރާތަކަށް ވުމުންނެވެ. އަދި ބައިވެރިވި ޝެފުންގެ އަދަދު ގިނަވުމަކީ ވެސް މުބާރާތް ހާއްސަވާ ކަމެކެވެ. އެ ހުރިހާ ކަމެއްގެ އިތުރުން، މުބާރާތް އެންމެ ހާއްސަ ވަނީ، ދުނިޔޭގެ އެންމެ މަޝްހޫރު ޝެފުން އެ މުބާރާތުގެ ފަނޑިޔާރުންނަށް ނުވަތަ ޖަޖުންނަށް ތިބުމުންނެވެ.

މުބާރާތް އިންސާފުކުރުމުގައި ބައިވެރިވާ އައިމިނަތު ޝާނީ.-- ފޮޓޯ: މިހާރު

މުބާރާތް އިންސާފުކުރުމުގައި ބައިވެރިވާ އައިމިނަތު ޝާނީ.-- ފޮޓޯ: މިހާރު

މުބާރާތުގެ ފަނޑިޔާރުކަން ކުރުމަށް ދުނިޔޭގެ ފެންވަރުގައި މަޝްހޫރު 18 ޝެފުން ވަނީ ރާއްޖެ އައިސްފަ އެވެ. އެ މީހުންގެ އިތުރުން ދިވެހި ތިން ޝެފުން ވެސް މުބާރާތް އިންސާފުކުރުމުގައި ބައިވެރިވާނެ އެވެ.

"އަޅުގަނޑުމެން މި ހުޅުވާލަ ދެނީ ދިވެހި ޝެފުންނަށް ބޭރު މުބާރާތްތަކަށް ގޮސް، އެ މުބާރާތްތައް ޖަޖު ކުރުމުގެ ދޮރު. އަޅުގަނޑުމެންނާ އެކު ބައިވެރިވާ ދިވެހި ޖަޖުންނަކީ ދުނިޔޭގެ ފެންވަރުގެ ކޮލިފިކޭޝަން ލިބުމަށް މިހާރު ތައްޔާރުވެފައިވާ ތިން ޝެފުން،" މި މުބާރާތުގެ ޗީފް ޖަޖް އެލަން ޕާމާ ވިދާޅުވި އެވެ.

މި މުބާރާތް އިންސާފުކުރުމުގައި ބައިވެރިވާ ދިވެހި ޖަޖުންނަކީ ޝެފް އިސްހާގް ސޯލިހް، އައިމިނަތު ޝާނީ އަދި އަބްދުﷲ ސޮބާހެވެ.

ފެއާގެ ސްޓޯލްތަކުން ތަފާތު ކެއުންތައް ތަޖުރިބާ ކުރެވޭކަން ފާހަގަ ނުކޮށް ކެއްކުމުގެ ވާހަކަ ނިންމާލެވޭކަށް ނެތެވެ. ދިވެހިންނަށް މުޅިން އާ ތަފާތު ކެއުންތަކާއި، އާންމުކޮށް ރާއްޖެ އަށް ނުގެންނަ މޭވާގެ ބާވަތްތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ހުޅުވިފައި އެބައޮތެވެ. އެންމެ އިންސާފުވެރި ގޮތަކީ ފެއާ ނިމުމުގެ ކުރިން ހުރިހާ ބޭފުޅުން ވެސް ޒިޔާރަތްކޮށް، ތަފާތުތައް އަމިއްލަ އަށް ތަޖުރިބާ ކޮށްލެއްވުމެވެ.