Roadha Mihaaru
"ހަމަޖެހުމެއް ލިބެން އޮތީ މާޅޮސް ބަލިކޮށްގެން"

ހަމަޖެހުމެއް ލިބެން އޮތީ މާޅޮސް ބަލިކޮށްގެން: ސެކުލޮސްކީ

23 ސެޕްޓެމްބަރ 2017

އުރީދޫ ޕްރިމިއާ ލީގުގައި މިހާރު އޮތް ހާލަތުން މާޒިޔާ އަށް ހަމަޖެހުމެއް ލިބެން އޮތީ މިއަދު ހަވީރު އއ. މާޅޮހާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ކަމަށް މާޒިޔާގެ ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އުރީދޫ ޕްރިމިއާ ލީގުގައި މިހާރު އޮތް ހާލަތުން މާޒިޔާ އަށް ހަމަޖެހުމެއް ލިބެން އޮތީ މިއަދު ހަވީރު އއ. މާޅޮހާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ކަމަށް މާޒިޔާގެ ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ ބުނެފި އެވެ.

އިއްޔެ ހަވީރު ނިއު ރޭޑިއަންޓް ކުޅުނު މެޗުން މޮޅުވެ އެ ޓީމު ވަނީ މި ބުރުގައި ލީގުގެ އެއް ވަނަ މަގާމު ޔަގީންކޮށްފަ އެވެ. އެ ޓީމަށް ހަތް މެޗުން 18 ޕޮއިންޓް ލިިފައިވާއިރު، މާޒިޔާ ދެ ވަނައިގައި އޮތީ ހަ މެޗުން 13 ޕޮއިންޓާ އެކު އެވެ.

ސެކުލޮސްކީ ބުނީ ލީގުގެ އެއް ވަނަ މަގާމު ގެއްލުމަކީ ލިބުނު ކުޑަ މާޔޫސްކަމެއް ކަމަށެވެ.

"މާލޭ ލީގާއި ޕްރިމިއާ ލީގުގައި މިހާތަނަށް އެއް ވަނަ މަގާމު ދަމަހައްޓަމުން އައީ އަހަރެމެން. އެކަމަކު މިހާރު މިއޮތީ ދެ ވަނައިގައި. ބޭނުންވާ މަގާމު ގެއްލުމުން ކޮންމެ ބަޔަކު ވެސް މާޔޫސްވާނެ. އެކަމަކު ހަގީގަތަށް ވިސްނަންޏާ އެންމެ މުހިއްމީ މި ވަގުތު އެއް ވަނައިގައި އޮތް ޓީމެއް ނޫން. އެންމެ މުހިއްމީ ލީގު ނިމޭއިރު އެއް ވަނައިގައި އޮންނަ ޓީމެއް،" ސެކުލޮސްކީ ބުންޏެވެ.

މި ވަގުތަށް ބަލާއިރު މާޒިޔާގައި ރަނގަޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި އެކަންތައްތަކަށް ހައްލެއް ލިބެން އޮތީ މާޅޮސްގެ މައްޗަށް ކުރިހޯދައިގެން ކަމަށް ސެކުލޮސްކީ ވަނީ ބުނެފަ އެވެ.

"މިވަގުތަށް އަހަރެމެންނަށް އެންމެ މުހިއްމު އެއްޗަކީ މާޅޮސް އަތުން މޮޅުވުން. އެއީ ނަތީޖާތައް ދަށްވާނަމަ ކުޅުންތެރިންނާ ޓީމަށް އަސަރުކުރާނެ. ޓީމުގައި އެބަހުރި ރަނގަޅު ކުރަން ޖެހޭ ކަންތައްތައް. މި މެޗުގެ ތެރެއިން އެ ކަންތައްތަކަށް ހައްލެއް ގެނެވެން އޮތީ މޮޅުވެގެން. އެ ވިސްނުމުގައި ތިން ޕޮއިންޓް ހޯދަން އަހަރެމެން މި ތިބީ،" ސެކުލޮސްކީ ބުންޏެވެ.

އަނިޔާގެ ސަބަބުން ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ނެތްތަން ފޫބެއްދުން ފަސޭހަނުވާނެ ކަމަށާއި އަނިޔާގެ ސަބަބުން ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) ގެއްލުމުން ޓީމަށް މައްސަލަތަކެއް ދިމާވެފައިވާ ކަމަށް ސެކުލޮސްކީ މީގެ ކުރިން ވެސް ވަނީ ބުނެފަ އެވެ. މާޅޮހާ ދެކޮޅަށް ކުޅޭއިރު ޓީމުގެ ރޭވުމުން ބައެއް ބަދަލުތައް ފެންނާނެ ކަމަށް ސެކުލޮސްކީ ވަނީ ބުނެފަ އެވެ.

"އަސަދުﷲ ނެތުމަކީ ޓީމަށް 100 ޕަސެންޓް އަސަރުކުރާނެ ކަމެއް. ފުޓްބޯޅައިގައި މި ކަހަލަ ކަންތައްތަކާ ކުރިމަތިލާން ޖެހޭ. އަހަރެންގެ ވިސްނުމުގައި އެބަހުރި އަސަދުﷲ ނެތި ޓީމު ކުޅޭނެ ގޮތްތަކެއް ރޭވިފައި. އޭގެ ތެރެއިން ބައެއް ކަންތައްތައް މާޅޮހާ ދެކޮޅަށް ކުޅޭއިރު ޓެސްޓް ކުރާނަން،" ސެކުލޮސްކީ ބުންޏެވެ.

ދިވެހި ރެފްރީންގެ ޝަކުވާ ގިނަވެ ޕްރިމިއާ ލީގުގެ ގިނަ ޓީމުތަކުން އެފްއޭއެމަށް މައްސަލަ ހުށަހަޅާފައިވާތީ މިހާރު ލީގުގެ މެޗުތަކުގައި ރެފްރީކަން ކުރުމަށް އިންޑިއާ ރެފްރީން ވަނީ ގެނެސްފަ އެވެ. ސެކުލޮސްކީ ވަނީ އިންޑިއާ ރެފްރީންނަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

"އަހަރެމެން ވިސްނަންވީ ދިވެހި ރެފްރީންނަށް ވުރެން ދަށް ރެފްރީން ގެނެސްގެން ލީގު ކުރިއަށް ގެންދިއުމުގައި ފައިދާއެއް އެބައޮތްތޯ. މިހާރު މިގެންނަ އިންޑިއާ ރެފްރީން ފެންވަރު އަހަރެމެންނަކަށް ނޭނގޭ. މި މީހުން (ރެފްރީންގެ)ގެ ނޯންނާނެ ދިވެހި ފުޓްބޯޅަ އަށް ރަނގަޅަށް ކުރާނެ ވިސްނުމެއް. އެ މީހުންނަށް ބޭނުންވާނެ އެއްޗަކީ އާމްދަނީ ދެން އެހެން ކަމެއް މުހިއްމު ނުވާނެ. ލީގުގައި ރެފްރީކަން ކުރާނެ ރެފްރީންގެ ޝަރުތުތަކެއް އޮންނަން އެބަޖެހޭ،" ސެކުލޮސްކީ ބުންޏެވެ.

މާޒިޔާ އާއި މާޅޮސް ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު އެވެ.