Roadha Mihaaru
މާޅޮސް ބަލިކޮށް މާޒިޔާ އަށް ހަމަޖެހުމެއް

މާޅޮސް ބަލިކޮށް މާޒިޔާ އަށް ހަމަޖެހުމެއް

23 ސެޕްޓެމްބަރ 2017

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު އއ. މާޅޮސް އަތުން 3-0 އިން ހޯދި ފަސޭހަ މޮޅާ އެކު މާޒިޔާ އިން ފުރަތަމަ ބުރު ނިމުމުގެ ކުރިން ހަމަޖެހުމެއް ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު އއ. މާޅޮސް އަތުން 3-0 އިން ހޯދި ފަސޭހަ މޮޅާ އެކު މާޒިޔާ އިން ފުރަތަމަ ބުރު ނިމުމުގެ ކުރިން ހަމަޖެހުމެއް ހޯދައިފި އެވެ.

މި މެޗުން މޮޅުވެ މާޒިޔާ ވަނީ ލީގުގެ އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފަ އެވެ. ފުރަތަމަ ބުރު ނިންމާލިއިރު ނިއު އެއް ވަނައިގައި އޮތީ ހަތް މެޗުން 18 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި މާޒިޔާ އޮތީ ހަތް މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ޓީސީ އާއި ހަތަރު ވަނައިގައި އޮތް ގްރީން ސްޓްރީޓްސް މިރޭ ކުޅޭ މެޗުން ބޮޑު ތަފާތަކުން ޓީސީ މޮޅުވެގެން ނޫނީ މާޒިޔާ އަތުން ދެ ވަނަ ނުގެއްލޭނެ އެވެ.

މާޅޮސް ލީގުގެ ހަތް ވަނައިގައި އޮތީ ހަތް މެޗުން ދެ ޕޮއިންޓް ހޯދައިގެންނެވެ.

މި މެޗަށް ނުކުތްއިރު ދެ ޓީމުން ވެސް ކުޅުނީ ސަސްޕެންޝަނުގެ ސަބަބުން ޓީމުގެ މުހިއްމު ކުޅުންތެރިއަކު ނުލަ އެވެ. މާޒިޔާގެ މުހައްމަދު އާރިފް (ބަކާ) އާއި މާޅޮހުގެ ސްޕެއިނުގެ މިޑްފީލްޑަރު އެންހެލް މުނޯޒް ވަނީ ދެ ކާޑު ހަމަވެފަ އެވެ. އަދި އެންމެ ފަހުން ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ނުފެނުނު އަސްހަދު އަލީ (އަޑޭ) އާއި އެ މެޗުގައި އަނިޔާގެ ސަބަބުން ބަދަލުކުރި މުހައްމަދު އިރުފާން (އިރޭ) ވަނީ ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ.

މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ މާޒިޔާ އިންނެވެ. ފުރަތަމަ މިނިޓް ތެރޭ ސަމޫހު އަލީ (ސަމުއްޓެ) ނަގައިދިން ހުރަހަކުން އޭރިއާ ތެރެއިން އަޑޭ ވެއްޓިގެންފައި ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ. އޭގެ ފަހުން މެޗުގެ 14 ވަނަ މިނިޓްގައި އޭރިއާ ތެރެއިން އަހުމަދު އިމާޒް (އާއްކޮ) އަށް އޭރިއާ ތެރެއިން ލިބުނު ބޯޅަ ލަސްކޮށްލުމުން އެންމެ ރަނގަޅަށް ބޭނުމެއް ނުކުރެވުނެވެ.

އޭގެ ފަހުން މެޗުގެ 25 ވަނަ މިނިޓްގައި މާޒިޔާ އަށް ލިބުނު ހިލޭ ޖެހުމަކުން އޭރިއާ ތެރެއިން އަމްދާން އަލީ (އެންޑީ) ބޮލުން ފޮނުވާލި ބޯޅަ ގޯލު ކުރިމަތިން ހުރަސްވެގެންދިޔައިރު، ޖަހާނެ ކުޅުންތެރިއަކު ނެތެވެ.

މާޒިޔާ އިން ލީޑުނެގީ މެޗުގެ 34 ވަނަ މިނިޓްގައި މާޅޮހުގެ އަބްދުﷲ އިބްރާހިމް (ކްރެސްޕޯ) އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. އުމެއިރު ނަގައިދިން ކޯނަރު ކްރެސްޕޯ ގައިގައި ޖެހިފައި ގޯލުގެ މަތީ ކަނަށް އަމާޒުވީ ގޯލު ރޮނގުމަތީގައި ހުރި މާޅޮހުގެ އަބްދުލް ވާހިދު (ވާޑު) ބޯމަތިން ގޮހެވެ.

މާޅޮހުގެ ދެ ކުޅުންތެރިން ކައިރިން މާޒިޔާގެ އިރޭ (ކ) ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މާޅޮހުގެ ދެ ކުޅުންތެރިން ކައިރިން މާޒިޔާގެ އިރޭ (ކ) ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭގެ ތިން މިނިޓް ފަހުން ހާފްގެ މެދުތެރެއިން މާޅޮހަށް ލިބުނު ހިލޭ ޖެހުމަކުން ބޯޓެން ފޮނުވާލި ބާރު ބޯޅަ ދިޔައީ ކައިރިން ބޭރުންނެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން މާޒިޔާގެ ލީޑުފުޅާކުރަން އާއްކޮ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. މާޒިޔާގެ ޔަސްފާދު ހަބީބު (މުލަކޭ) ހުސްކޮށްލާފައި އޭރިއާ ތެރެއިން އާއްކޮ އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ މިނިޓެއް ފަހުން އޭރިއާ ބޭރުން މުލަކޭ ފޮނުވާލި ބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ހަތަރު މިނިޓް ތެރޭ މާޒިޔާގެ މުލަކޭ އަށް ހުސްކޮށް ލިބުނު ފުރުސަތުގެ ބޭނުން އޭނާ އަށް ނުހިފުނީ މާޅޮސް ކީޕަރު އިބްރާހިމް ޒަމީރު ކައިިރިން ނައްޓާލަން ޖައްސާލި ބޯޅަ ބާރުވުމުންނެވެ.

މާޒިޔާ އަށް މެޗުގެ 53 ވަނަ މިނިޓްގައި ދެ ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ކްރޮއޭޝިއާގެ ފޯވާޑް ކެރިޗް އަންދްރޭ އެވެ. ހާފްގެ މެދުތެރެއިން އުމެއިރު ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ހުރަސްކޮށްލި ކެރިޗް ވަނީ ކީޕަރު ޒަމީރު ފައިގައި ޖައްސާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ތިން ވަނަ ލަނޑެއް ޖަހަން މެޗުގެ 59 ވަނަ މިނިޓްގައި އިރޭ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ. އެ ބޯޅަ ކޮންޓްރޯލް ކޮށްލާފައި ފޮނުވާލަން ވެސް އިރޭ އަަށް ފުރުސަތު އޮތެވެ.

މެޗުގެ 63 ވަނަ މިނިޓްގައި މާޅޮހުން އަހުމަދު ލަތީފްގެ ބަދަލުގައި އަލީ ހާފިޒް (ހާއްޕެ) ކުޅެން އެރުވުމާ އެކު އެ ޓީމުގެ ކުޅުން ރަނގަޅުވި އެވެ. އޭގެ ތިން މިނިޓް ފަހުން ހިލޭ ޖެހުމަކުން ހާއްޕެ ތިރިތިރިން ނަގައިދިން ބޯޅަ މާޒިޔާ ގޯލު ކުރިމަތިން ހުރަސްވެގެންދިޔައިރު ޖަހަން އަރައިހުރި މާޅޮހުގެ އެއްވެސް ކުޅުންތެރިއަކު ފައިގައި ބޯޅަ ލައްވާލާ ގޮތެއްނުވި އެވެ.

މާޒިޔާ އިން ކުރިއަށް ޖެހި މެޗުގެ ފަހު 20 މިނިޓް ތެރޭ އެޓޭކް ގިނަކުރި އެވެ. އަދި މެޗުގެ 72 ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން އުމެއިރު ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ކައުންޓަ އެޓޭކުގައި މެޗުގެ 78 ވަނަ މިނިޓްގައި ބޯޓެން މާޅޮހަށް ލަނޑެއް ޖަހަައިދިނުމާ ގާތަށް ޖެހިލި އެވެ. އޭރިއާ ތެރެއިން ބޯޓެން ފޮނުވާލި ބޯޅަ މާޒިޔާ ކީޕަރު މަހުމޫދު އަލް ޔޫސުފް ވަނީ މަތަކޮށްފަ އެވެ.

މާޒިޔާގެ ތިން ވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކުރީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި އުމެއިރު އެވެ. އުމެއިރު ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.

މާޒިޔާގެ ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ ބުނީ މެޗުން މޮޅުވުމުން ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިއްޖެ ކަމަށެވެ.

"ވަރަށް ބޮޑަށް ހިތްހަމަ ޖެހިއްޖެ. އަހަރެން ބޭނުން ހުރިހާ ކުޅުންތެރިންނަށް ޝުކުރު އަދާކުރަން. ވަރަށް ރަނގަޅަށް ކުޅެފި މި މެޗުގައި. އަސަދުﷲ ނެތި އަހަރެމެން ކުޅުނު ހަތަރު ވަނަ މެޗު މިއީ. ކުރިން ތިން މެޗުގައި ވެސް އެކި އަނިޔާގެ މައްސަލަ ދިމާވެއްޖެ. އެހެންވެ ބޭނުންވި ބަދަލުތައް ނުފެނުނު. މި މެޗުގައި ބޭނުންވި ގޮތަށް ކުޅުންތެރިން ކުޅެފި،" ސެކުލޮސްކީ ބުންޏެވެ.

އޭނާ ބުނީ މި މެޗަށް ފަހު ގައުމީ ޓީމަށް ކުޅުންތެރިން ދޫކުރަން ޖެހޭ ކަމަށާއި ތިން ހަފްތާ އަށް ފަހު އެ ކުޅުންތެރިން އަލުން ޓީމާ ގުޅޭއިރު އޮންނާނީ ލީގުގެ މެޗު ފެށެން ކުޑަތަން ވެފައި ކަމަށް ވުމުން އުނދަގޫތަކެއް އެބަހުރި ކަމަށެވެ.

މާޅޮހުގެ ކޯޗު އަލީ ނިޝްތާރު ބުނީ މެޗަށް ނުކުތީ ޕޮއިންޓެއް ނަަމަވެސް ހޯދަން ކަމަށާއި އެކަން ހާސިލްނުވުމުން ހިތްހަމަނުޖެހޭ ކަމަށެވެ.

"އަސްލު ޕޮއިންޓެއް ނަމަވެސް ހޯދަން ނުކުތީ. ކިތަންމެ ކުޅުނަސް ޕޮއިންޓެއް ނުލިބެންޏާ ބޭނުންވާ ކަންތައް ހާސިލްނުވާނެ. ޕޮއިންޓް ހޯދައިގެން ކުރިއަށް ދެވެން އޮތީ. އިތުރަށް މަސައްކަތް ކުރަން ޖެހޭކަން މި މެޗުން ވެސް އެނގިގެން މިދިޔައީ،" ނިޝްތާރު ބުންޏެވެ.

އޭނާ ބުނީ މާޅޮހުގައި ގައުމީ ޓީމުގެ ކުޅުންތެރިއެއް ނެތުމުން ކުރިއަށް އޮތް ބްރޭކުގެ އެޑްވާންޓޭޖް އެ ޓީމަށް ނެގޭނެ ކަމަށެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ގްރީން ސްޓްރީޓްސް ނުކުންނާނީ ޓީސީއާ ދެކޮޅަށެވެ. މެޗު ފަށާނީ 9 ޖަހާއިރު އެވެ.