Roadha Mihaaru
އާސެނަލާއި މިލާން މޮޅުވިއިރު އެވަޓަން އަށް ޕޮއިންޓެއް

އާސެނަލާއި މިލާން މޮޅުވިއިރު އެވަޓަން އަށް ޕޮއިންޓެއް

29 ސެޕްޓެމްބަރ 2017

މިލާން (ސެޕްޓެމްބަރު 29) – ޔުއެފާ ޔުރޮޕާ ލީގުގައި ރޭ އިންގްލެންޑުގެ އާސެނަލާއި އިޓަލީގެ އޭސީ މިލާނުން މޮޅުވެ ފުރަތަމަ ދެ މެޗުން ހަ ޕޮއިންޓް ހަމަކުރިއިރު އިންގްލެންޑުގެ އެވަޓަން އަށް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.

މިލާން (ސެޕްޓެމްބަރު 29) – ޔުއެފާ ޔުރޮޕާ ލީގުގައި ރޭ އިންގްލެންޑުގެ އާސެނަލާއި އިޓަލީގެ އޭސީ މިލާނުން މޮޅުވެ ފުރަތަމަ ދެ މެޗުން ހަ ޕޮއިންޓް ހަމަކުރިއިރު އިންގްލެންޑުގެ އެވަޓަން އަށް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.

ރަށުން ބޭރުގައި އާސެނަލް މޮޅުވީ ބެލަރޫސްގެ ބޭޓް ބޮރިސޯފް އަތުން 4-2 އިންނެވެ. މި މެޗުގެ ފުރަތަމަ 25 މިނެޓުގެ ތެރޭ އާސެނަލުން ތިން ލަނޑު ޖެހި އެވެ. ތިއޯ ވޮލްކޮޓް ދެ ލަނޑު ޖެހިއިރު އަނެއް ލަނޑު ޖެހީ ރޮބް ހޯލްޑިން އެވެ. ބޭޓުގެ މިރްކޯ އިވަނިޗް ލަނޑެއް ޖަހާފައިވަނިކޮށް އާސެނަލްގެ ހަތަރު ވަނަ ލަނޑު ޕެނަލްޓީއަކުން ކާމިޔާބުކުރީ އޮލިވާ ޖިރޯ އެވެ. ބޭޓުގެ ދެ ވަނަ ލަނޑު މިހައިލް ގޯޑޭޝުކް އެވެ.

މި މޮޅާ އެކު އާސެނަލް އޮތީ ހަ ޕޮއިންޓާ އެކު ގްރޫޕް އެޗްގެ އެއް ވަނައިގަ އެވެ. ދެ ވަނައިގައި ހަތަރު ޕޮއިންޓާ އެކު ސާބިއާގެ ޒްވެޒްޑާ އެވެ. އެއް ޕޮއިންޓާ އެކު ތިން ވަނައިގައި ބޭޓް އޮތްއިރު ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ޖަރުމަނުގެ އެފްސީ ކޮލޯން އެވެ.

ގްރޫޕް ޑީ ގައި މިލާން ރޭ ކްރޮއޭޝިއާގެ ރިއީކާ އަތުން މޮޅުވީ ފަހު ވަގުތު ޖެހި ލަނޑާ އެކު 3-2 އިންނެވެ. އަންދްރޭ ސިލްވާ އާއި މަޓެއޯ މުސާކިއޯގެ ލަނޑުތަކުން މިލާން ކުރީގައި އޮއްވާ ރިއީކާ އަތުން ތަފާތު ކުޑަކުރީ 84 ވަނަ މިނެޓުގައި ބޯޑޫ މެކްސްވެލް އަކޯސްޓީ ޖެހި ލަނޑުންނެވެ. އެ ޓީމުން އެއްވަރުކުރީ 90 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޔޮސިޕް އެލެޒް ކާމިޔާބުކުރި ލަނޑުންނެވެ. އިތުރު ވަގުތުގެ ތެރޭ މިލާން މޮޅުކޮށްދިނީ ޒުވާން ފޯވާޑް ޕެޓްރިކް ކުޓްރޯނޭ އެވެ.

ތާވަލުގެ އެއް ވަނައިގައި ހަ ޕޮއިންޓާ އެކު މިލާން އޮތްއިރު ދެ ވަނައިގައި ހަތަރު ޕޮއިންޓާ އެކު އޮތީ ގްރީކުގެ އޭއީކޭ އެތެންސެވެ. އެއް ޕޮއިންޓާ އެކު ތިން ވަނައިގައި އޮސްޓްރިއާ ވިއެން އޮތްއިރު ރިއީކާ އޮތީ ޕޮއިންޓެއް ނުލިބި ފުލުގަ އެވެ.

އެވަޓަން ރޭ އަމިއްލަ ދަނޑުގައި ސައިޕްރަސްގެ އަޕޮލޮންއާ އެއްވަރުވީ 2-2 އިންނެވެ. އަޕޮލޮންގެ އެޑްރިއަން ސާޑިނެރޯ އެ ޓީމަށް ކުރި ހޯދައިދީފައިވަނިކޮށް އެވަޓަން އިން ފަހަތުން އަރައި ލީޑު ނެގި އެވެ. ލަނޑުތައް ޖަހައިދިނީ ވޭން ރޫނީ އާއި ނިކޮލާ ވްލަސިޗެވެ. އެޕޮލޮންގެ ކުޅުންތެރިއަކަށް 86 ވަނަ މިނެޓުގައި ރަތްކާޑު ދައްކާފައިވަނިކޮށް އެ ޓީމުން އެއްވަރުކުރީ 88 ވަނަ މިނެޓުގައި ހެކްޓަ ޔުސްޓޭގެ ލަނޑުންނެވެ.

މި ގްރޫޕުގައި ރޭ ފްރާންސުގެ އޮލިމްޕިކް ލިޔޯން އާއި އިޓަލީގެ އެޓަލާންޓާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ބާޓްރޭންޑް ޓްރައޯރޭގެ ލަނޑުން ލިޔޯން ކުރި ހޯދާފައިވަނިކޮށް އެޓަލާންޓާ އަށް އެއްވަރުކޮށްދިނީ އަލެހަންދްރޯ ގޯމޭޒެވެ.

ހަތަރު ޕޮއިންޓާ އެކު އެއް ވަނައިގައި އެޓަލާންޓާ އޮތްއިރު ދެ ވަނައިގައި ދެ ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން އޮތީ ލިޔޯން އެވެ. ދެ ޕޮއިންޓާ އެކު ތިން ވަނައިގައި އެޕޮލޮން އޮތްއިރު އެވަޓަން އޮތީ ޕޮއިންޓަކާ އެކު ފުލުގަ އެވެ.