Roadha Mihaaru
ފުރަތަމަ މެޗަށް ފަހު ޓީސީ އެއް ވަނަ އަށް

ފުރަތަމަ މެޗަށް ފަހު ޓީސީ އެއް ވަނަ އަށް

14 އޮކްޓޯބަރ 2017

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ފޯރިގަދަ ކުޅުމަކަށް ފަހު ތިނަދޫ 3-2 އިން ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން އެއް ވަނަ އަށް އަރައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ފޯރިގަދަ ކުޅުމަކަށް ފަހު ތިނަދޫ 3-2 އިން ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން އެއް ވަނަ އަށް އަރައިފި އެވެ.

ޓީސީ 19 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު ކުރިން އެއް ވަނައިގައި 18 ޕޮއިންޓާ އެކު ނިއު ރޭޑިއަންޓް ވަނީ ދެ ވަނަ އަށް ވެއްޓިފަ އެވެ. އެކަމަކު މާދަމާ ހަވީރު ށ. މިލަންދޫ އަތުން މޮޅުވެގެން އަލުން އެއް ވަނަ އަށް އެރުމުގެ ފުރުސަތު ނިއު އަށް އޮންނާނެ އެވެ. ތިނަދޫ އޮތީ 10 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.

މިއަދުގެ މެޗުގައި ޓީސީން ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް ތިނަދޫން އެއްވަރުކުރި އެވެ. އެކަމަކު ފަހުކޮޅު ޓީސީ ވަނީ އަލުން ލީޑު ނަގައި މެޗު ކާމިޔާބުކޮށްފަ އެވެ.

ސްޕެއިނުގެ ކޯޗު މަގާމުން ވަކިކުރުމަށް ފަހު ތަޖުރިބާކާރު ދިވެހި ކޯޗު އަލީ ސުޒޭނާ އެކު ނުކުތް ތިނަދޫ އިން މެޗުގެ ފަސް ވަނަ މިނެޓުގައި ލީޑު ނެގުމާ ގާތަށް ދިޔަ އެވެ. އެ ޓީމުގެ މުހައްމަދު ރިސްވާން އޭރިއާ ތެރެއިން ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ޓީސީގެ ގޯލްކީޕަރު އިބްރާހިމް ނަދީމް އާދަމް ސަލާމަތްކުރި އެވެ. މެޗުގެ 19 ވަނަ މިނެޓުގައި ޓީސީ އަށް ވެސް ގޯލް ޖަހަން ފުރުސަތު ލިބުނެވެ. އެ ޓީމުގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) ތަނަވަސްކުރި ފުރުސަތެއްގައި އޭރިއާ ތެރެއިން ކޮނޭލިއަސް ސްޓެވާޓް ލިބުނު ބޯޅަ ގޯލަށް ފޮނުވާނުލެވުނެވެ. އަދި ފުރަތަމަ ހާފުގެ ފަހު މިނެޓުގައި މުހައްމަދު ސާމިރު ނެގި ހުރަސް ގޯލް ރޮނގު މަތިން ހުރަސްވެގެން ދިޔައިރު ސްޓެވާޓް ފައިގައި ލައްވާނުލި އެވެ.

އެކަމަކު ފުރަތަމަ ހާފު ފަށައިގެން 51 ވަނަ މިނެޓުގައި ސްޓެވާޓް ލީޑު ނަގައިދިނެވެ. ތިނަދޫގެ ގޯލްކީޕަރު ޒްހަނީބެކޯފް ރުސްލާން ކުރިއަށް އެރި ވަގުތު ސްޓެވާޓް އެ ބޯޅަ ގޯލަށް ފޮނުވާލީ އޭނާގެ ގައިމަތިންނެވެ. އަދި އޭގެ ހަ މިނެޓު ފަހުން އަނެއްކާ ވެސް ކީޕަރު ކުރިއަށް ޖެހުނު ވަގުތު ކޯނޭ ވަނީ އޭނާގެ ބޯމަތިން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ.

މި ގޯލާ އެކު ތިނަދޫން ކުރިއަށް ޖެހުނުއިރު އެ ޓީމަށް ފުރަތަމަ ގޯލް ޖަހައިދިނީ 64 ވަނަ މިނެޓުގައި އަހުމަދު ރިޒްވާން (ރިޒޭ) އެވެ. އޭރިއާ ތެރެއަށް ވަދެ އޭނާ ބޯޅަ ހަނި އޭންގަލުން ޖަހައި ވައްދާލީ ތިރީ ކަނަށެވެ. ތިނަދޫން އެއްވަރުކުރީ 76 ވަނަ މިނެޓުގައި އަވީލާ ބޮލުން ޖެހި ގޯލުންނެވެ.

ތިނަދޫ އަށް އޭގެ ފަހުން ލީޑު ނަގަން ރަނގަޅު ދެ ފުރުސަތު ލިބި ބޭކާރުވި އެވެ. ނަތީޖާއަކަށްވީ 78 ވަނަ މިނެޓުގައި ޓީސީގެ ފޭދޫ އިއްބެ އެ ޓީމަށް އަލުން ލީޑު ނަގައިދިނުމެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް ބުނީ ބޮޑު ބްރޭކަކަށް ފަހު އެނބުރި އައިސް ކުޅޭ މެޗަކީ އެންމެ އުދަނގޫ އެއް މެޗު ކަމަށާއި އެ މެޗުން މޮޅުވުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި އުދަނގޫ ގޮތުގައި މިއަދު މޮޅެއް ލިބުމަކީ ކުރިއަށް އޮތްތަނުގައި ޓީސީ ހަމަބިމުގައި އޮންނަން އެޅޭނެ ބާރަކަށްވާނެ ކަމަށް އޭނާ ބުންޏެވެ.

ތިނަދޫގެ ކޯޗު ސުޒޭން ބުނީ މިއަދު ޓީސީ ވަރަށް މޮޅަށް ކުޅުނު ކަމަށާއި އެކަމަކު ލަނޑުތައް ވަނީ އޭނާގެ ޑިފެންޑަރުންނާއި ކީޕަރުގެ އަންޑަސްޓޭންޑިންގެ މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ.

"ކުޅުމަށް ބަލާއިރު ވަރަށް ރަނގަޅު. އެއީ އެއްވަރުކުރުމުގެ އިތުރުން މޮޅުވާން ވެސް ފުރުސަތުތަކެއް ލިބުނު. ޓީމުގެ މޯޓިވޭޝަން ވެސް ރަނގަޅު،" ސުޒޭން ބުންޏެވެ. "ކޮންމެ ގޮތެއް ވިޔަސް މިހާރު މިއޮތީ ޓީސީއާ ވަރަށް ބޮޑަށް ފެއަށް ޖެހިފައި. ދެން އޮތީ ގްރީންސްޓްރީޓްސް. އެހެންވެ އެ ފުރުސަތަށް ބަލައިގެން ދެން މަސައްކަތްކުރާނީ،" ސުޒޭން ބުންޏެވެ.