Roadha Mihaaru
ބަޖެޓު 27 ބިލިއަން ރުފިޔާއަށް އަރާނެ: މުނައްވަރު

މި އަހަރުގެ ބަޖެޓު 27 ބިލިއަން ރުފިޔާއަށް އަރާނެ: މުނައްވަރު

24 އޮކްޓޯބަރ 2017

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓާއެކު، މި އަހަރުގެ ޖުމްލަ ބަޖެޓު 27 ބިލިއަން ރުފިޔާއަށްވުރެ އިތުރު ވާނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓާއެކު، މި އަހަރުގެ ޖުމްލަ ބަޖެޓު 27 ބިލިއަން ރުފިޔާއަށްވުރެ އިތުރު ވާނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ބަޖެޓްގެ ގޮތުގައި ފާސްކޮށްފައިވާ އަދަދަށް ވުރެ އިތުރަށް މި އަހަރު ހިނގާނެ ކަމަށް ބެލެވޭ ހަރަދުތައް ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީން ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި މަޖިލީހަށް ހުށަހެޅީ 493 މިލިއަން ރުފިޔާ އެވެ. މި އަހަރަށް ލަފާކޮށް މަޖިލީހުން ފާސްކުރީ 26.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އިދިކޮޅު މެމްބަރުންގެ ހަޅޭއްލުވުމުގެ ތެރޭގައި ބޭއްވި މަޖިލީހުގެ މިއަދުގެ ޖަލްސާގައި މުނައްވަރު ވިދާޅުވި ގޮތުގައި މި އަހަރުގެ މިހާތަނަށް ފެންނަމުން އަންނަނީ ރާއްޖޭގެ އިގްތިސާދަށް ފަހި އަހަރެއްގެ ގޮތުގަ އެވެ.

މުނައްވަރު (މ) މިއަދު މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅުއްވަނީ. - ފޮޓޯ: މަޖިލިސް

މުނައްވަރު (މ) މިއަދު މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅުއްވަނީ. - ފޮޓޯ: މަޖިލިސް

އެގޮތުން އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެ އަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ ކުރީ އަހަރުގެ އެ މުއްދަތާ ބަލާއިރު 5.9 ޕަސަންޓު އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި މުއްދަތުގައި ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު ވަނީ 8.8 ޕަސަންޓު އިތުރުވެފައިވާ ކަމަށާއި ފަތުރުވެރިކަމުގެ ދާއިރާގެ އުފެއްދުންތެރިކަން ހަލުވިކަމާއެކު ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވި ގޮތުގައި ފާއިތުވެދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް މި އަހަރު ވެސް އިމާރާތް ކުރުމުގެ ސިނާއަތަށް ކުރިއެރުންތަކެއް ވަނީ ލިބިފަ އެވެ. އަދި މި އަހަރުގެ ނިޔަލަށް ރާއްޖޭގެ އިގްތިސާދީ ދުވެލި 6.9 ޕަސަންޓަށް ކުރިއަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި އަހަރުގެ ބަޖެޓުގައި ހަރަދު ކުޑަ ކުރުމުގެ ގޮތުން ހުށަހަޅާފައިވާ ބައެއް ކަންކަމަކީ ރައްޔިތުންނާ ގުޅުން ހުރި، ރައްޔިތުންނަށް ދެމުންދާ ހިދުމަތްތަކަށް ބުރޫ އަރާފާނެ ފަދަ ނިޒާމީ ބަދަލުތަކެއް ގެންނަން ޖެހޭ ކަންތައްތަކަށް ވާތީ ބައެއް ހަރަދުތައް ފާސްކޮށްފައިވާ މިންވަރަށް ވުރެ އަހަރު ނިމޭއިރު އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެހެންވެ، ސަޕްލިމެންޓްރީ ބަޖެޓާއެކު މި އަހަރުގެ ޖުމްލަ ބަޖެޓުގެ އަދަދު 27.3 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓުގައި އާމްދަނީގެ ގޮތުގައި 268 މިލިއަން ރުފިޔާ ހޯދުމަށް ވަނީ އަމާޒު ހިފައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ އާމްދަނީ އިތުރު ކުރުމުގެ ގޮތުން ރެވެނިއު ސްޓޭމްޕް ގާނޫނު އިސްލާހު ކުރަން ހުށަހަޅާފައިވާނެ ކަމަށެވެ. އަދި ޓެކްސްގެ ނިޒާމުގައި ހުރި ފޫނުބެއްދޭ ކަންކަން ބޭނުންކޮށްގެން ޓެކްސް ދައްކަން ޖެހޭ މިންވަރު މަދު ކުރަން ބައެއް ފަރާތްތަކުން ކުރާ މަސައްކަތް ހުއްޓުވައި ޓެކުހުގެ ގާނޫނުތައް ހަރުދަނާކުރުމަށް ޓެކުހާ ބެހޭ ގާނޫނުތައް އިސްލާހު ކުރުމަށް ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި އިސްލާހުތައް ގާނޫނުތަކަށް ގެނެވިއްޖެ ނަމަ، ޓެކްސްގެ ނިޒާމުގެ އެފިޝިއެންސީ އިތުރުވެ، ދައުލަތުގެ އާމްދަނީ އިތުރުވެގެން ދާނެ. އެހެންކަމުން މި ދެންނެވުނު ގާނޫނީ އިސްލާހުތައް ތިޔަ އިއްޒަތްތެރި މަޖިލީހުން ދިރާސާ ކުރައްވައި އަވަސް ގޮތެއްގައި ފާސް ކޮށްދެއްވުމަށް އަޅުގަނޑު އެދެން،" މުނައްވަރު ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވީ 27 ބިލިއަން ރުފިޔާ އަށް ބަޖެޓު އެރުމާއެކު، 1.5 މިލިއަން ރުފިޔާގެ ޑިފިސިޓެއް ވާނެ ކަމަށާއި މި އަހަރުގެ ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 2.3 އިންސައްތައިގައި ހިފަހެއްޓޭނެ ކަމަށެވެ.

މި އަހަރުގެ ތެރޭގައި އާ ކަންތައްތަކުން ދެ ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓު ކުރެވިފައިވީ ނަމަވެސް މި އަހަރުގެ ނިޔަލަށް ލިބޭނެ ކަމަށް މިހާރު އަންދާޒާ ކުރެވެނީ 592 މިލިއަން ރުފިޔާ އެވެ.

ސަޕްލިމެންޓްރީ ބަޖެޓުގައި މަޖިލީހުގެ ބައި އިލެކްޝަންތައް ބޭއްވުމަށް 26 މިލިއަން ރުފިޔާ، ސިއްހީ ދާއިރާއަށް 330 މިލިއަން ރުފިޔާ، ކާޑެއްދޫ އެއާޕޯޓަށް ބޭނުންވާ 40 މިލިއަން ރުފިޔާ، ޑިޖިޓަލް ސްކޫލް ޕްރޮޖެކްޓް ހިންގުމަށް ބޭނުންވާ 47 މިލިއަން ރުފިޔާ އަދި ފިއުލްގެ ގޮތުގައި ބޭނުންކުރެވޭ ތަކެއްޗާއި އިންޖީނު ތެޔޮ ފަދަ ތަކެއްޗަށް ބޭނުންވާ 50 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.