Roadha Mihaaru
ނިހާނުގެ ބޮޑެތި ފާޑު ކިއުންތަކެއް އެމްޑީޕީއަށް

ޖެއްސުން ކުރިޔަސް، މަސައްކަތް ކުރުމުގެ ހިތްވަރު އެބަހުރި: ނިހާނު

06 ނޮވެމްބަރ 2017

އިދިކޮޅު މެމްބަރުން ކިތަންމެ ވަރަކަށް ޖެއްސުން ކުރިޔަސް، މަސައްކަތް ކުރުމުގެ ހިތްވަރު ހުރި ކަމަށް ވިދާޅުވެ، ވިލިމާލެ ދާއިރާގެ މެމްބަރު ނިހާނު އެމްޑީޕީ އަށް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިދިކޮޅު މެމްބަރުން ކިތަންމެ ވަރަކަށް ޖެއްސުން ކުރިޔަސް، މަސައްކަތް ކުރުމުގެ ހިތްވަރު ހުރި ކަމަށް ވިދާޅުވެ، ވިލިމާލެ ދާއިރާގެ މެމްބަރު ނިހާނު އެމްޑީޕީ އަށް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ޖަލްސާގައި ނިހާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް އިދިކޮޅު މެމްބަރުން އިހްތިޖާޖް ކުރައްވަނީ އެއްވެސް ސާބިތު ހެއްކަކާއި ގަރީނާއެއް ނެތި ކަމަށެވެ. އަދި އިދިކޮޅު މެމްބަރުން ކުރައްވާ މަސައްކަތަކީ މަސީހަށް އުނދަގޫކޮށް، މަޖިލިސް ހިންގަން ހުރަސް އެޅުއްވުން ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް ވިދާޅުވި އެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މެމްބަރުންތަކެއް ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މަޖިލިސް

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މެމްބަރުންތަކެއް ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މަޖިލިސް

"ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމަކަށް ތިމާވެއްޓާ ބެހޭ ގޮތުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ލާޒިމް ދަނޑިވަޅެއްގައި އަޅުގަނޑުމެން ގައުމުގެ މިފަދަ މުހިންމު މަސައްކަތްތަކަށް ހުރަސް އެޅުމަށް ނިކުމެ، މަޖިލީހުގެ މެމްބަރުން އަމަލު ކުރަމުން މި ގެންދާ ދިއުން ހިތާމައާ އެކު ފާހަގަކުރަން،" ނިހާނު ވިދާޅުވި އެވެ.

ޖަލްސާގެ އެޖެންޑާގައި ހަމައެކަނި އޮތީ އޯޒޯން ފަށަލަ ހިމާޔަތްކުރަން 1986 ގައި އެކުލަވާލި މުއާހަދާއަށް އިތުރުކުރި އިސްލާހު ރާއްޖެ އިން ތަސްދީގު ކުރުމާ މެދު މަޖިލީހުގެ ރުހުން ހޯދަން ސަރުކާރުން ފޮނުވި މައްސަލަ ގައުމީ ސަލާމަތުގެ ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުމާއި އެ ރިޕޯޓާ މެދު ގޮތެއް ނިންމުމެވެ. މި ރިޕޯޓު ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 28 މެމްބަރުންގެ އިއްތިފާގުންނެވެ. ވޯޓަށް އެހި ގަޑީގައި އިދިކޮޅު މެމްބަރުން އިދާރީ މޭޒު ކައިރީގައި ތިއްބެވީ އިހްތިޖާޖް ކުރެއްވުމަށެވެ.

ނިހާނު ވިދާޅުވި ގޮތުގައި ތިމާވެއްޓަށް އެހީތެރިވުމަށް މަސައްކަތް ކުރާ، ތިމާވެއްޓަށް ސަމާލުކަން ދޭ ބައެއް ކަމަށް ވާހަކަ ދައްކާ މެމްބަރުން މަޖިލީހުގައި ހިންގަވަނީ ޖަރީމާއެކެވެ. ނަމަވެސް ރިޔާސަތަށް ކިތަންމެ ވަރަކަށް އުނދަގޫ ކުރިޔަސް މަސައްކަތް ކުރުމުގެ ގާބިލްކަން ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ކިތަންމެ ވަރަކަށް ޖެއްސުންކޮށް، ރިޔާސަތަށް ކިތަންމެ ވަރަކަށް އުނދަގޫ ކުރި ނަމަވެސް، މިފަދަ މަސައްކަތްތައް ކުރުމުގެ ހިތްވަރާއި ގާބިލްކަން ހުރިކަން، ހާއްސަކޮށް މަނިކުފާނުގެ ހުރި ކަން އަޅުގަނޑުމެންނަށް މިދަނީ ފާހަގަކުރަމުން،" ރިޔާސަތުގައި އިންނެވި މަސީހަށް ނިސްބަތްކުރައްވާ ނިހާނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ތިމާވެށި ހިމާޔަތްކުރުމުގެ ނަމުގައި ކެބިނެޓް ވަޒީރުންނާ އެކު ކަނޑު އަޑިއަށް ދިއުން ފިޔަވައި އިތުރު އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. އަދި އެމްޑީޕީ ވެރިކަމުގައި ޖެއްސީ "ސްޓަންޓު" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީ އާއި އިދިކޮޅު އެހެން މެމްބަރުން މަޖިލީހުގެ ތަޅުމުގައި އިހްތިޖާޖް ކުރައްވަމުން ގެންދެވުން ނިހާނު ސިފަކުރެއްވީ ނުރައްކާތެރި އަމަލުތަކެއްގެ ގޮތުގަ އެވެ. މިއީ ރާއްޖޭގެ ތާރީހަށްޓަކައި ރައްކާކޮށް، މުޅި ދުނިޔެ އަށް ދައްކަން ޖެހޭ މަންޒަރެއް ކަމަށް ވެސް، މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވިދާޅުވި އެވެ.

އިދިކޮޅު މެމްބަރުން އިހުތިޖާޖުކުރަައްވަނީ މަސީހުގެ ރިޔާސަތުގައި ޖަލްސާތައް ކުރިއަށް ގެންދަން ދެކޮޅު ހެއްދެވުމުގެ ގޮތުންނެވެ. އެ މެމްބަރުން ގަބޫލުކުރައްވަނީ މަސީހުގެ އިތުބާރު ނެތްކަމަށް 45 މެމްބަރުންގެ ސޮޔާ އެކު ހުށަހެޅި މައްސަލައާ އެކު މަޖޯރިޓީގެ އިތުބާރު އެމަނިކުފާނުގެ މައްޗަށް ނެތް ކަމަށެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބޭރުކުރީ ސޮއިކުރެއްވި ބައެއް މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން، ބޭނުންވާ އަދަދަށް ސޮއި ހަމަނުވާކަމަށް ބަލައިފަ އެވެ.