ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ރާއްޖޭގެ އެއްވެސް ރަށަކާ ދޭތެރޭގައި ތަފާތު ކުރުންތަކެއް ނުގެންގުޅުއްވާ ކަމަށާއި ކުރީގެ ސަރުކާރުތަކުން "ނުލަފާކަން ދެއްކިޔަސް" މި ސަރުކާރުން އެކަން ނުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ރޭ ވިދާޅުވެއްޖެ އެވެ.
20 ނޮވެމްބަރ 2017
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ރާއްޖޭގެ އެއްވެސް ރަށަކާ ދޭތެރޭގައި ތަފާތު ކުރުންތަކެއް ނުގެންގުޅުއްވާ ކަމަށާއި ކުރީގެ ސަރުކާރުތަކުން "ނުލަފާކަން ދެއްކިޔަސް" މި ސަރުކާރުން އެކަން ނުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ރޭ ވިދާޅުވެއްޖެ އެވެ.
ޓީވީއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މުނައްވަރު އެހެން ވިދާޅުވިއިރު، ދައުލަތުގެ ބަޖެޓަށް ވޯޓު ނުދެއްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ދާއިރާތަކަށް ތަރައްގީގެ މަޝްރޫއުތައް ހިންގަން ދަތިވާނެ ކަމަށް، މި އަހަރުގެ ބަޖެޓް ކޮމެޓީގައި ވިދާޅުވުމާ ގުޅިގެން އޭނާ އަށް އިދިކޮޅު މެމްބަރުންގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. ޚާއްސަކޮށް ކުރީގެ ފިނޭންސް މިނިސްޓަރުންނާ ޚިލާފަށް، ބަޖެޓް ކޮމެޓީގައި މުނައްވަރުގެ ވާހަކަތަކުގެ ހަރުކަށިކަން އިދިކޮޅު މެމްބަރުން ގެންދަވަނީ ފާހަގަކުރައްވަމުންނެވެ.
ޓީވީއެމްގައި ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވީ، ބަޖެޓު ދިރާސާ ކުރި ކޮމެޓީގެ ދެ ބައްދަލުވުމަކަށް ހާޒިރުވެވަޑައިގެންނެވިއިރު، އިދިކޮޅު މެމްބަރުންގެ ފަރާތުން ފެނުނީ ބިނާ ކުރުވަނިވި ޚިޔާލުތަކެއް ނޫނެވެ. އަދި ބަޖެޓުގެ މަސައްކަތް ކުރިއަށް ނުގެންދިއުމުގެ ބޭނުމުގައި ފެނިވަޑައިގަތީ ސަރުކާރަށް ފާޑު ކިޔުންތަކެއް އަމާޒު ކުރި ތަން ކަމަށް އޭނާ ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވީ 27.9 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަން އޭނާ ވަޑައިގަތީ އަމިއްލަ އެޖެންޑާއެއް ހާސިލް ކުރެއްވުމުގެ ބޭނުމުގައި ނޫން ކަމަށެވެ. އަދި މަޖިލީހަށް ވަޑައިގަތީ ރައްޔިތުންގެ ބޭނުންތަކެއް ހިއްޕަވައިގެން ކަމަށާއި ބަޖެޓު ހުށަހެޅުއްވުމުގައި ވެސް ދަތިތަކެއް ކުރިމަތިވެވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް މަޖިލީހަށް ހުށަހެޅުއްވުމުގެ ޖަލްސާގައި އިދިކޮޅު މެމްބަރުން ވަނީ އިހުތިޖާޖުކޮށް އަޑުގަދަކޮށްފަ އެވެ.
"އަޅުގަނޑު ކުރީ ޗެލެންޖެއް އެބޭފުޅުންނަށް. އެކަމަކު ނުބައި ގޮތަކަށް މާނަ ނަގައިގެން މީޑިއާތަކުގައި ދަނީ ފަތުރަމުން. އެބޭފުޅުން ވޯޓު ދިން ކަމުގައިވިޔަސް، ނުދިން ކަމުގައިވިޔަސް، ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންތައްތަކުގައި މި ސަރުކާރުން ފަހަތަކަށް ނުޖެހޭނެ،" ބަޖެޓް ކޮމެޓީގައި އޭނާ ދެއްކެވި ވާހަކަތަކަށް އައި ފާޑުކިޔުންތަކާ ގުޅޭ ގޮތުން މުނައްވަރު ވިދާޅުވި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި، ބަޖެޓު ދިރާސާ ކުރާ ކޮމެޓީގައި، ބަޖެޓަށް ވޯޓު ނުދެއްވާ މެމްބަރުންގެ ދާއިރާތަކަށް ތަރައްގީގެ މަޝްރޫއުތައް ހިންގަން ދަތިވާނެ ކަމަށް މުނައްވަރު ވިދާޅުވި ނަމަވެސް ފަހުން ވަނީ އެ ވާހަކަ އެހެން ގޮތަކަށް ބަދަލުކުރައްވައިފަ އެވެ.
އިދިކޮޅު މެމްބަރުންގެ ފާޑުކިޔުންތަކާ ގުޅިގެން މުނައްވަރު، ބޮލުގެ އިޝާރާތުން އެހެން ވިދާޅުނުވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެ، ހިނިފުޅުވަޑައި، ވާހަކަ ދިފާއު ކުރެއްވި އެވެ. ފަހުން މުނައްވަރު ރާގު ބަދަލު ކުރައްވައި ވިދާޅުވީ ބަޖެޓަށް ވޯޓު ނުދީފިނަމަ، މެމްބަރުންގެ ދާއިރާތަކުގައި ޕްރޮޖެކްޓުތައް ނުހިންގާނެ ކަމަށް ވިދާޅުނުވާ ކަމަށެވެ. އެ ޖަވާބާ ގުޅިގެން އިދިކޮޅު މެމްބަރުން ވަގުތުން ރައްދު ދެއްވައި އެއީ "އިތުރުފުޅެއް" ކަމަށް ވިދާޅުވި އެވެ.
ޓީވީއެމްގެ ޕްރޮގްރާމްގައި މުނައްވަރު ވިދާޅުވީ ގދ. ތިނަދު އަށް މި ފަސް އަހަރުގެ ތެރޭގައި އެއް ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އައްޑޫގައި 765 މިލިއަން ރުފިޔާގެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު މެމްބަރުން ބަޖެޓަށް ވޯޓު ނުދެއްވިޔަސް، ރައްޔިތުންނަށްޓަކައި ކޮށްދޭން ޖެހޭ ކަންކަން ސަރުކާރުން ކުރާނެ އެވެ.
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވީ ދައުލަތުގެ ބަޖެޓެއް ފާސްކުރުމަކީ މަޖިލީހުގެ މެމްބަރުންގެ މައްޗަށް ވާޖިބު ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ހިތްހަމަނުޖެހޭ ކަމެއް އޮވެއްޖެނަމަ، އެކަމުގެ ހައްލު ގެންނަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ނިހާނު ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ހަތަރު އަހަރު މަޖިލީހަށް ހުށަހެޅި ބަޖެޓު އޮތީ ތަފާތު ކުރުމެއް ނެތި އެވެ. އެގޮތުން މިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީނަށް ގިނަ ވޯޓު ނުލިބޭ ރަށްތަކުގައި ވެސް މުހިންމު މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް ބަޖެޓުގައި ފައިސާ ހިމަނާފައިވާ ކަމަށް ވިދާޅުވި އެވެ.
ނިހާނު ވަނީ ބަޖެޓު ފާސް ކުރުމަށް ނަގާ ވޯޓުތަކުގައި އިދިކޮޅު މެމްބަރުން ބައިވެރިވެވަޑައިނުގަންނަވާތީ އެ މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ސަރުކާރުގެ ބަޖެޓު ފާސްކުރުމަށް ޕީޕީއެމުން ދުވަހަކުވެސް، ތްރީލައިން ވިޕެއް ނެރެފައި ނުވާނެ ކަމަށް ނިހާނު ފާހަގަކުރެއްވި އެވެ. އެކަމަކު، އިދިކޮޅު މެމްބަރުން ބޭނުންވި ގިނަ މަޝްރޫއުތައް ކުރިން ބަޖެޓުގައި ހިމަނަދީފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނިހާން ތިނަދޫ މީހުންނަށް:ރައީސްގެ ގާތްކަން ކޮބާ؟
މަޖިލީހަށް ފޮނުވީ 29 ބިލިއަން ރުފިޔާގެ ބަޖެޓެއް
މިހާރުގެ ސަރުކާރުން ބަޖެޓު ހުށަހެޅުން ރަނގަޅެއް ނޫން
މަޖިލީހަށް ހުށަހަޅާނީ އިދިކޮޅުން ފޮނުވާ ބަޖެޓް
އެމްޑީޕީގެ ވައުދުތައް ބަޖެޓަށް ލާން ތައްޔާރު: ޕީޕީއެމް
އިމާރާތް އަޅަނީ މިސްކިތާ ޖެހިގެން ހުރި ގުދަނުގައި
ލޯނު ނުނަގައި ހާލަތު ރަނގަޅެއް ނުކުރެވޭނެ: ރައީސް
އިދިކޮޅު ވޯޓާ ނުލައި ބަޖެޓު ފާހެއް ނުވާނެތަ؟
ޓެކްސްއާ ގުޅޭ ގާނޫނުތައް ފާހެއް ނުވާނެ: ޝަރީފް
ދަތިއަޅުވައި ވައްޓާލައިގެން މަޝްރޫއުތައް ނުހިނގާނެ