Roadha Mihaaru
ގައުމީ ކޯޗަށް އިތުރު ފުރުސަތެއް ނުދޭން ނިންމައިފި

ގައުމީ ކޯޗަށް އިތުރު ފުރުސަތެއް ނުދޭން އެފްއޭއެމުން ނިންމައިފި

21 ނޮވެމްބަރ 2017

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓުގެ ކޮންޓްރެކްޓް އާނުކުރަން އެފްއޭއެމުން ނިންމައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓުގެ ކޮންޓްރެކްޓް އާނުކުރަން އެފްއޭއެމުން ނިންމައިފި އެވެ.

އޭނާގެ ކޮންޓްރެކްޓް އަންނަ އަހަރުގެ ފެބްރުއަރީ މަހު ހަމަވާއިރު އޭގެ ކުރިން ގައުމީ ޓީމަށް ރަސްމީ މުބާރާތެއް ނުވަތަ މެޗެއް ވެސް ނެތެވެ. އެހެންވެ އެއްގޮތުން ބަލާއިރު އޭނާގެ ވަޒީފާގެ ބޭނުމެއް މިވަގުތަށް ނެތެވެ.

ގައުމީ ޓީމަށް އެންމެ އަވަހަށް އޮތީ އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ އަހަރުގެ މާޗު 27 ވަނަ ދުވަހު ބޫޓާނާ ދެކޮޅަށް ކުޅޭ މެޗެވެ. ކޮލިފައިވުމުގެ ފުރުސަތު ގެއްލިފައިވާތީ އެ މެޗުގެ މުހިއްމުކަން ވެސް ވަނީ ކުޑަވެފަ އެވެ.

ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) މަގާމުން ވަކިވެ މާޒިޔާގެ ކޯޗުކަމާ ހަވާލުވެފައިވާތީ އެސިސްޓަންޓް ކޯޗުގެ މަގާމް ވެސް އޮތީ ހުސްވެފަ އެވެ. އެފްއޭއެމުން ބުނީ އެސިސްޓަންޓް ކޯޗެއް ހޯދުމުގެ މަސައްކަތް ގައުމީ ޓީމު ކޮމިޓީން ކުރަމުން އަންނަ ކަމަށެވެ.

ގައުމީ ޓީމަށް ވަގުތީ ކޯޗެއްގެ ގޮތުގައި މިދިޔަ އަހަރު ހަމަޖެއްސި ސްޓެވާޓަށް އެފްއޭއެމުން އެއް އަހަރުގެ ކޮންޓްރެކްޓް މި އަހަރުގެ ކުރީކޮޅު ދިނީ އޭނާ އަށް ހަވާލުކުރި ފުރަތަމަ ޓާގެޓަށް ވާސިލްވުމުންނެވެ. އެއީ ޕްލޭއޮފުގައި ލާއޮސްގެ މައްޗަށް ކުރި ހޯދައި އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުން ޖާގަ ހޯދައިދިނުމެވެ.

ސްޓެވާޓަށް ދާއިމީ އެއްބަސްވުމެއް ދިނުމަށް އޭރު ނިންމީ އެފްއޭއެމްގެ އެކްސްކޯ އާއި ގައުމީ ޓީމުގެ ކަންތައްތައް ކުރިޔަށް ގެންދިޔުމަށް އެކުލަވާލާފައިވާ ޓެކްނިކަލް ކޮމިޓީގެ ލަފަޔާ އެކުގައި ކަމަށް ވެސް އެފްއޭއެމުން އޭރު ވަނީ ބުނެފަ އެވެ.

ގައުމީ ޓީމުގެ ކޯޗުކަމަށް ސްޓެވާޓް ދާއިމީ އެއްބަސްވުމެއްގެ ދަށުން ހަމަޖެއްސީ މައިގަނޑު ދެ ޓާގެޓެއް ހަވާލުކޮށްފަ އެވެ. އެއީ އޭޝިއަން ކަޕަށް ކޮލިފައިކޮށްދިނުމާއި ސާފް ޗެމްޕިއަންޝިޕެވެ.

އެކަމަކު ކޮލިފައިންގައި އޭނާއާ އެކު ރާއްޖެ އަށް އެކަށީގެންވާ ނަތީޖާތަކެއް ނުނެރެވުނެވެ. ފަސް މެޗު ކުޅެފައިވާއިރު ރާއްޖެ މޮޅުވީ ބޫޓާން އަތުން އެކަންޏެވެ. ފަލަސްތީން އަތުން އަމިއްލަ ދަނޑުގައި 3-0 އިން ބަލިވިއިރު ރަށުން ބޭރުގައި މިދިޔަ ހަފުތާގައި ބަލިވީ 8-1 އިންނެވެ. މިއީ ފާއިތުވި ފަނަރަ ވަރަކަށް އަހަރަށް ބަލާއިރު ރާއްޖޭގެ ސީނިއާ ޓީމު އެންމެ ތަފާތު ބޮޑުކޮށް ބަލިވި އެއް މެޗެވެ. އޮމާން އަތުން މަސްކަޓުގައި 5-0 އިން ބަލިވިއިރު މާލޭގައި ބަލިވީ 3-1 އިންނެވެ.

ނަތީޖާތައް ދަށްވުމުގެ އިތުރުން އޭނާގެ ސިލެކްޝަނަށް ވެސް ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. އެގޮތުން ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ފަދަ ކުޅުންތެރިންނަށް ފުރުސަތު ނުދިނުމާއި ގޯލްކީޕަރުން ނެގުމުގައި ގެންއުޅޭ އުސޫލަށް ވެސް ފާޑުކިއުން އަމާޒުވި އެވެ. މޮޅަށް ކުޅުނު ގޯލްކީޕަރު މުހައްމަދު އިމްރާން ފުރުސަތު ނުލިބި އެންމެ ފަހުން އޭނާ ވަނީ ގައުމީ ޓީމާ ދުރަށް ގޮސްފަ އެވެ. ފަހުން ވެސް އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ގިނަ މެޗުތައް ކުޅުނު ކީޕަރަކަށް ސްކޮޑުން ވެސް ފުރުސަތު ނުދީ، ޓީމަށް ނެގީ އެއްވެސް މެޗެއް ކުޅެފައިނުވާ ނިއު ރޭޑިއަންޓުގެ މުހައްމަދު ފައިސަލާއި އަބްދުﷲ ޒިޔަޒަން އެވެ.

އޮސްޓްރޭލިއާ ގައުމީ ޓީމަށް 1992 ވަނަ އަހަރު ތިން މެޗު ކުޅެދީފައިވާ ސްޓެވާޓް ވަނީ 2013 ވަނަ އަހަރު ސިންގަޕޫރު ލީގު ކަޕް ބަލެސްޓިއާ ޚަލްސާ އަށް ކާމިޔާބުކޮށްދީފަ އެވެ. އޭގެ ކުރިން 2009-2011 އަށް ސިންގަޕޫރުގެ ގޮމްބެކް ޔުނައިޓެޑަށް ވެސް ކޯޗުކޮށްދިން އިރު އޭނާ އެންމެ ފަހުން ކޯޗުކޮށްދިނީ ސިންގަޕޫރުގެ ވުޑްލެންޑްސް ވެލިންޓަން އެފްސީ އަށެވެ. މީގެ އިތުރުން 2004-2005 އަށް ސިންގަޕޫރުގެ ގަދަބާރު ގޭލެންގް ޔުނައިޓެޑުގެ އެސިސްޓަންޓް ކޯޗަކަށް ވެސް މަސައްކަތްކުރި އެވެ.

އުމުރުން 50 އަހަރުގެ ސްޓެވާޓް ވަނީ 1986 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރުގެ ނިޔަލަށް ޕްރޮފެޝަނަލް ފުޓްބޯޅަ ކްލަބް ލެވެލްގައި ކުޅެފަ އެވެ. އެގޮތުން އޮސްޓްރޭލިއާގެ ނިއުކާސަލް ބްރޭކާސް އާއި ބްލެކްޓަން ސިޓީ އަދި މެލޭޝިއާގެ ޖޮހޯރު އެފްސީ އަދި ސިންގަޕޫރުގެ ބަލެސްޓިއާ އަށް ކުޅުނެވެ.