Roadha Mihaaru
"ޕީޕީއެމްގެ ބިޔަ ލަޝްކަރު ފޫއެޅުވޭނެ ހަމަލާއެއް ނެތް"

ޕީޕީއެމްގެ ބިޔަ ލަޝްކަރު ފޫއަޅުވާލަން ދޭނެ ހަމަލާއެއް ނެތް: އަބްދުއްރަހީމް

22 ނޮވެމްބަރ 2017

ސަރުކާރާއި ޕީޕީއެމްގެ ބިޔަ ލަޝްކަރު ފޫއަޅުވާލަން އިދިކޮޅު ފަރާތްތަކަށް ދެވޭނެ ހަމަލާއެއް ނެތް ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސަރުކާރާއި ޕީޕީއެމްގެ ބިޔަ ލަޝްކަރު ފޫއަޅުވާލަން އިދިކޮޅު ފަރާތްތަކަށް ދެވޭނެ ހަމަލާއެއް ނެތް ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ރުމާލު 2 ޖަގަހާގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ އިވޭ ކޮންމެ އަޑަކުން، ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ރައީސް އަބްދުﷲ ޔާމީން ގެނެސްދެއްވި ތަރައްގީ ކަމަށެވެ. އެހެންވެ، ޕީޕީއެމްގެ މެމްބަރުން ޕޯޑިއަމްތަކުގައި އެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ހޮވަން ޖެހެނީ، އެމަނިކުފާނު ފަދަ އިހްލާސްތެރި ވެރިއަކު މި ގައުމުގެ ތާރީހު ދެކެފައި ނެތީމާ ކަމަށެވެ. އަދި ވަފާތެރިކަމާ އެކު، ގައުމަށް ކުރިއެރުމާއި ތަރައްގީ ގެނެސްދެއްވާތީ ކަމަށް ވިދާޅުވި އެވެ.

ރުމާލު ދޭއްގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރުމާލު ދޭއްގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ލަޝްކަރު ފޫއަޅުވާލުމަށް ދޭނެ ހަމަލާއެއް އިދިކޮޅު ފަރާތްތަކުގެ ނެތް. އެކަމެއް ނުކުރެވޭނެ. ޕާލަމެންޓްރީ ގްރޫޕަށް ވެސް ގޮތެއް ނުހެދޭނެ. ވަޒީރުންގެ މަޖިލީހެއް ފޫއަޅުވައި ނުލެވޭނެ. އެމްޑީޕީންނެއް، އާންމު މެމްބަރުން ވެސް ފޫއަޅުވައި ނުލެވޭނެ. އެއަށް ވުރެ މާ ސާބިތުކަމާއި ހަރުދަނާ ކަމާއި މާ ވަރުގަދަކަމާ އެކު އަޅުގަނޑުމެން މިތިބީ ރައީސް ޔާމީނާ އެކު ސާބިތުވެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"މިއީ މަގާމެއް ހޯދަން ދައްކާ ވާހަކައެއް ނޫން. ހިތުގައި އުފެދޭ ޝުއޫރުތައް މި ގެންނަނީ އިހްލާސްތެރިކަމާއި ތެދުވެރިކަމާ އެކު ގައުމަށް އޮތް ލޯތްބަކާއި ވަފާތެރި ކަމެއްގެ ސަބަބުން."

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މުސްތަގުބަލުގެ ދަރިން ރައީސް ޔާމީން މިންކުރާނީ އުތީމު މަހާރަދުންނާއި ދޮންބަންޑާރައިންނާއި ޝަހީދު ހުސެއިން އާދަމްއާ އެއް ސަފުގަ އެވެ. އަދި ދުނިޔޭގެ ނިސްބަތުން ކިޔާ ނަމަ، ޖޯޖް ވޮޝިންޓަނާއި ސޮލާހުއްދީން އައްޔޫބީއާ އެއް ސަފެއްގައި ކަމަށް ވެސް ވިދާޅުވި އެވެ.

ގައުމު ދަރަނިވެރިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކައަށް ރައްދު ދެއްވައި އަބްދުއްރަހީމް ވިދާޅުވީ އެބޭފުޅުންގެ ވާހަކަތަކާ މެދު ހައިރާންވެވަޑައިގަންނަވާ ކަމަށެވެ. އަދި އިމާރާތްތައް އުފުލި، މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖެއް އަޅަމުން ދަނީ ގައުމުގައި އާންމު ތަނަވަސްކަމެއް އޮތީމަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާއަށް ކުރިއެރުން އަންނަނީ ކޮންމެވެސް ކަހަލަ ތަނަވަސްކަމެއް މި ގައުމުގައި އޮތީމަ. އެހެން ނޫން ނަމަ، ނާންނާނެ ކަން ޔަގީން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި އަބްދުއްރަހީމް ވަނީ ފެބްރުއަރީ 8، 2012 ގައި ގދ. ތިނަދޫގައި ހުޅު ޖެހި މީހުންގެ މައްސަލަ ވީހާވެސް އަވަހަކަށް ބައްލަވައި ދެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި ގައުމަށް ޣައްދާރުވި މީހުންނަށް ހައްގު އަދަބު ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމީހުންނަށް މިނިވަންކަމާ އެކު އުޅެވިގެން ނުވާނެ. އެއީ ކެނެރީގޭ ނަޝީދު ކަމަށް ވިޔަސް، ވަރިހަމަ. އެއީ ރަށެއްގެ ރައްޔިތުން ކަމަށްވިޔަސް، ވަރިހަމަ. މަނިކުފާނު އަޅުގަނޑުމެންނަށް ވެވަޑައިގެންނެވި ވައުދެއް، ގައުމުގެ އެންމެންގެ މައްޗަށް ހަމަހަމަކަމާ އެކު ގާނޫނު ހިންގަވައި ދެއްވާނަމޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ތިނަދޫ ކައުންސިލް އިދާރާ އާއި ޕޮލިސް ސްޓޭޝަނާއި ކޯޓުގައި ހުޅު ޖެހި މައްސަލާގައި 80 އަށް ވުރެ ގިނަ މީހުންގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ފޮނުވި އެވެ. ނަމަވެސް އެ މައްސަލާގައި އެމީހުންނާ މެދު ކޯޓުން ވަކި ގޮތަކަށް ނިންމާފައެއް ނުވެ އެވެ. އެ މައްސަލާގައި ތިނަދޫ ކައުންސިލްގެ މިހާރުގެ ބައެއް މެމްބަރުންނާއި ކުރީގެ މެމްބަރުންގެ މައްޗަށް ވެސް ދައުވާ ކުރެ އެވެ.