Roadha Mihaaru
ދެވަނަ ފިޔަވަހީގައި އެންމެ ކުޑަކޮށް ވެސް 14 ބުރި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރެސިޑެންޝަލް ބިލްޑިން ހަދާނީ 14 ބުރިން ފެށިގެން: އެޗްޑީސީ

05 ޑިސެމްބަރ 2017

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ރެސިޑެންޝަލް ބިލްޑިންގްތައް ހަދާނީ 14 ބުރިން ފެށިގެން މައްޗަށް ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ރެސިޑެންޝަލް ބިލްޑިންގްތައް ހަދާނީ 14 ބުރިން ފެށިގެން މައްޗަށް ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ބުނެފި އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 25 ބުރީގެ 16 އިމާރާތް ހަދަން އިއުލާންކޮށް، އޭގެ ތެރެއިން ބައެއް އިމާރާތްތަކުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެ 16 ޓަވަރުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާ ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ)އާ އެވެ.

އޭގެ އިތުރުން ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން ވަނީ 15 ބުރީގެ ޓަވަރުތަކެއް ހަދާނެ ބަޔަކު ހޯދަން އިއުލާންކޮށްފަ އެވެ.

އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ ދެވަނަ ފިޔަވަހީގެ މާސްޓަޕްލޭންގައިވާ ގޮތުން އެތަނުގައި މީހުން ދިރިއުޅެން ހަދާ ފްލެޓް އިމާރާތްތައް އަޅަން ޖެހޭނީ އެންމެ ދަށްވެގެން ވެސް 14 ބުރިއަށް ކަމަށެވެ. އަދި އެންމެ މައްޗަށް ނެގޭނީ 25 ބުރިއަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަޖުބޫރެއް ނުކުރަން އެއްވެސް ބަޔަކަށް 25 ބުރިއަށް އިމާރާތްކުރަން. އިންޓަނޭޝަނަލް އެއާޕޯޓަކާ އެހާ ކައިރީގައި އޮންނަ ތަނެއްގައި އަޅުގަނޑުމެންނަށް އެއަށް ވުރެ އުސް އިމާރާތެއް ނުހެދޭނެ. އެހެންވެ ނިންމީ އެންމެ އުސްވެގެން ހަދާނީ 25 ބުރިއަށް ކަމަށް،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަމިއްލަ ފަރާތްތަކުން ގަންނަ ގޯތިތައް އިމާރާތްކުރުން ރެސިޑެންޝަލް ބިލްޑިންގެ މިންގަނޑުގެ ތެރޭގައި ނުހިމެނޭނެ ކަމަށެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ގޮތުގައި 240 ހެކްޓަރުގެ ބިން ހިއްކާފައިވާ އިރު، އެ ތަނުގައި 15،000 ފްލެޓް އަޅަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި "ހިޔާ" މަޝްރޫއުގެ ދަށުން އަޅާ ހައުސިން ޔުނިޓްތައް 2019 ގެ ތެރޭގައި ނިމޭނެ ކަމުގެ ޔަގީންކަން ރައީސް އަބްދުﷲ ޔާމީން ވަނީ ދާދި ފަހުން ދެއްވައިފަ އެވެ.