Roadha Mihaaru
ސަޕޯޓަރެއްގެ މަރަށް ފަހު ޖަލްސާ ބޭއްވުމުން ފާޑުކިޔަނީ

ސަޕޯޓަރެއްގެ ކުއްލި މަރަށް ފަހު ވެސް އިދިކޮޅު މީހުން ޖަލްސާ ބޭއްވުމުން ފާޑުކިޔަނީ

08 ޑިސެމްބަރ 2017

ފ، މަގޫދޫގައި އިދިކޮޅު ޕާޓީތަކުން މިރޭ ބާއްވާ ޖަލްސާއަށް އެއަތޮޅު ބިލެއްދޫން ފަތާފައި ދާން އުޅުނު މީހަކު މަރުވުމުން ވެސް ޖަލްސާ ކުރިއަށް ގެންދާތީ އިދިކޮޅު ފަރާތްތަކަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ފ، މަގޫދޫގައި އިދިކޮޅު ޕާޓީތަކުން މިރޭ ބާއްވާ ޖަލްސާއަށް އެއަތޮޅު ބިލެއްދޫން ފަތާފައި ދާން އުޅުނު މީހަކު މަރުވުމުން ވެސް ޖަލްސާ ކުރިއަށް ގެންދާތީ އިދިކޮޅު ފަރާތްތަކަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.

މިކަމާ ގުޅުވައިގެން، ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އިދިކޮޅުން ބެރުޖަހައި އުފާކުރަނީ" ކަމަށެވެ. އެވެ.

"ޕާޓީ ބައިވެރިއަކު ޕާޓީ ހަރަކާތުގައި ކުއްލިއަކަށް މަރުވީމައި ވެސް ބެރުޖަހާފައި ނެށީ. އެމްޑީޕީއަކީ ގޮތެއް ފޮތެއް ނެތް ޕާޓީއެކޭ ބުނަނީ މިހެންވެ،" ނިހާން ވިދާޅުވި އެވެ.

އަދި ނިހާން ވަނީ އިންސާނިއްޔަތުކަމެއް ނެތީތޯ ސުވާލު ކުރައްވައިފަ އެވެ.

ގާތްގަނޑަކަށް ތިން މޭލަށް ވުރެ ދުރުގައި އޮންނަ މަގޫދޫއަށް ފަތާފައި ދާން މޫދަށް ފުންމާލިތާ ވަރަށް ކުޑަ ވަގުތުކޮޅަކަށް ފަހު މެޔަށް ތަދެއް އަރައިގެން ފަރުވާ ދެމުން އަންނިކޮށް މަރުވީ ބިލެއްދޫ ސާމަރާމަންޒިލް އިބްރާހިމް ނާހިދެވެ. އޭނާ މަރުވީ މެއަށް ތަދުވާތީ ލޯންޗެއްގައި ރަށަށް ގެންގޮސް، އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދޭން ފެށިތާ ސާޅީހަކަށް މިނެޓް ފަހުންނެވެ.

ބިލެއްދޫން މަގޫދުއަށް ފަތާފައި ދިޔަ ޒުވާނުންނާއެކު މެމްބަރުު ރޮޒޭނާ މަޑުކޮށްލައްވައިގެން

ބިލެއްދޫން މަގޫދުއަށް ފަތާފައި ދިޔަ ޒުވާނުންނާއެކު މެމްބަރުު ރޮޒޭނާ މަޑުކޮށްލައްވައިގެން

ނާހިދު ސިއްހީ މަރުކަޒަށް ގެންދިޔަ ނަމަވެސް، އޭނާއާއެކު މޫދަށް ފުންމާލި ސާޅީހަކަށް ޒުވާނުން މަގޫދޫއަށް ދިޔަ އެވެ. ގާތްގަނޑަކަށް ދެ ގަޑިއިރެއްހާއިރު ފަހުން އެ ޒުވާނުން މަގޫދުއަށް އެރުމުން އެ ރަށުގައި ތިބި އިދިކޮޅު ފަރާތްތަކާއި ސަޕޯޓަރުން ހޫނު މަރުހަބާއެއް ކިޔެވެ. އެގޮތުން އެ ޒުވާނުން އެ ރަށަށް އެރުމުން އެ މީހުންގެ ކަރުގައި މާފަތި އަޅުވައި، ބޮޑުބެރު ޖެހި އެވެ.

އިދިކޮޅު މީހުންނަށް އަދި ހާއްސަކޮށް އެމްޑީޕީއަށް މިކަމާ ގުޅިގެން ފާޑުކީ ބައެއް މީހުން ބުނެފައި ވަނީ ޕާޓީގެ ހަރަކާތެއްގައި ބައިިވެރިވާން ދިޔަ ސަޕޯޓަރަކު އެފަަދަ ގޮތަކަށް މަރުވުމުން ވެސް ބެރުޖަހައި ނަށައި އަދި ޖަލްސާ ކުރިއަށް ގެންދަނީ މަރުހޫމްގެ ކަށުކަމާކެމީގެ ކަންތައް ވެސް ނުނިމެނީސް އަދި އާއިލާ ބޮޑު ހިތާމައެއްގައި ތިއްބާ ކަމަށެވެ.

ބިލެއްދޫ ޒުވާނުން ފަތާފައި މަގޫދުއަށް ދިޔުމުން އެ މީހުންނަށް މަރުހަބާ ކިޔުމަށް އެރަށުގައި ބޮޑުބެރު ޖަހައި ނަށާއިރު އިދިކޮޅު ބައެއް މެމްބަރުން އަތް ޖައްސަވަނީ

ބިލެއްދޫ ޒުވާނުން ފަތާފައި މަގޫދުއަށް ދިޔުމުން އެ މީހުންނަށް މަރުހަބާ ކިޔުމަށް އެރަށުގައި ބޮޑުބެރު ޖަހައި ނަށާއިރު އިދިކޮޅު ބައެއް މެމްބަރުން އަތް ޖައްސަވަނީ

"މި ފަދަ ދަނޑިވަޅެއްގައި އާއިލާގެ އިހުސާސްތަކަށް ވެސް އިހުތިރާމް ކުރަން ވާނެ. އެކަމަކު އިދިކޮޅު އުފާފާޅު ކުރަނީ،" މީހަކު ކުރި ޓްވީޓެއްގައި ބުންޏެވެ.

ފާޑުކިޔުންތައް އަމާޒުވެފައި ވިޔަސް ނާހިދުގެ މަރާ ގުޅިގެން، އިދިކޮޅު ޕާޓީތަކުގެ އިސްވެރިންނާއި މެމްބަރުން ވަނީ ހިތާމަފާޅުކޮށް އަދި ޖަނާޒާގައި ވެސް ބައިވެރިވެފަ އެވެ. އެ ބޭފުޅުން މަގޫދޫ ޖަލްސާއަށް މިރޭ ވަޑައިގަތީ ބިލެއްދޫގައި އޮތް ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް ފަހުގަ އެވެ.

އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ނާހިދުގެ ޖަނާޒާގައި ބައިވެރިވަނީ

އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ނާހިދުގެ ޖަނާޒާގައި ބައިވެރިވަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރާއްޖެއަށް ޑިމޮކްރަސީ ތައާރަފް ކުރުމުގެ އެންމެ އިސް ސަފުގައި ނާހިދު ކެނޑިނޭޅި މަސައްކަތް ކުރި ކަމަށާއި އޭނާ މަރުވީ ވެސް އެ މަސައްކަތުގައި ދެމިހުއްޓާ ކަމަށެވެ. އަދި "އިސްލާހީ މަސައްކަތުގެ ބައިވެރިޔާ"އަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ.

ނާހިދާއެކު މޫދަށް ފުންމާލި މީހަކު ބުނިގޮތުގައި ނާހިދު މެއަށް ތަދުވެގެން ލޯންޗަށް ނެގީ، އެ ރަށު ބޭރު ތޮށިމަތިން އެ މީހުން މޫދަށް ފުންމާލައި، ދިހަވަރަކަށް ފޫޓު ދުރަށް ދިޔަ ފަހުންނެވެ. ފަތާފައި ދިޔަ 40 ޒުވާނުންނާއެކު، ތިން ލޯންޗާއި އިންޖީނު ދޯންޏެއް ވެސް ދިޔަ އެވެ.